ސުޕްރީމް ކޯޓުން ހުކުރު ވިލޭރޭ ކުރި އަމުރަށް ސަރުކާރުން ތަބާނުވެ ދިގުލައިގެން ދާތީ ޓޫރިޒަމް އިންޑަސްޓްރީއަށް ވެސް އެކަމުގެ ނޭދެވޭ އަސަރު ކުރާނެ ކަމަށް ސަން އައިލެންޑް ރިސޯޓުގެ ކުރީގެ ޖެނެރަލް މެނޭޖަރު ޑރ. އަބްދުﷲ މައުސޫމް މިއަދު ވިދާޅުވެއްޖެ އެވެ.

ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ޓޫރިޒަމް ކައުންސިލްގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މައުސޫމް ވިދާޅުވީ ސަރުކާރުގެ އަމަލުތަކުގެ ސަބަބުން އިގްތިސާދަށް ނޭދެވޭ އަސަރުތައް ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ. އަދި ޓޫރިޒަމް ދާއިރާއަކީ ދައުލަތަށް އާމްދަނީ ހޯދައިދިނުމުގެ އިތުރުން ރައްޔިތުންނަށް ވަރަށް ބޮޑު އާމްދަނީއެއް ހޯދައިދެމުން އަންނަ އިންޑަސްޓްރީއެއް ކަން އޭނާ ފާހަގަކުރެއްވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ޖަރުމަނު، އިނގިރޭސިވިލާތް، ކެނެޑާ، އެމެރިކާ ފަދަ ގައުމުތަކުން ޓްރެވަލް އެޑްވައިޒަރީތައް ވަނީ ނެރެފަ އެވެ. ޓްރެވަލް އެޑްވައިޒަރީ ނެރުނު ގައުމުތަކުގެ ތެރެއިން ޖަރުމަނާއި އިނގިރޭސިވިލާތާއި ސްވިޓްޒެލެންޑަށް ބަލާއިރު، ރާއްޖެއަށް 18 ޕަސަންޓު ޓޫރިސްޓުން ހިއްސާ ކުރަނީ އެ ގައުމުތަކުން ކަމަށް ވެސް މައުސޫމް ވިދާޅުވި އެވެ. އަދި އެމެރިކާ އާއި ކެނެޑާއަށް ބަލާއިރު، ރާއްޖެއަށް 3.4 ޕަސަންޓު ހިއްސާ ކުރަނީ އެ ގައުމުތަކުން ކަމަށް މައުސޫމް ވިދާޅުވި އެވެ.

އެހެންވެ، ސަރުކާރުން ޒިންމާދާރުކަމާއެކު، ގާނޫނުގެ މަގަށް ރުޖޫއަވެ، ގައުމުގައި ސުލްހަމަސްލަސްކަން ގާއިމުކުރެވޭ ގޮތަށް އަމަލުކުރަން މައުސޫމް ވަނީ ގޮވާލައްވައިފަ އެވެ.

"ސަރުކާރަށް މިދަންނަވަނީ ޒިންމާދާރުކަމާއެކު، ގާނޫނުގެ މަގަށް ރުޖޫއަވެ، ގައުމުގައި ސުލްހަމަސްލަސްކަން ގާއިމުކުރެވޭ ގޮތަށް، ގާނޫނީ ހުކުމް ހިނގާނެ ގޮތަށް އަމަލުތައް ބެހެއްޓުމަށް،" މައުސޫމް ވިދާޅުވި އެވެ.

މިދިޔަ އަހަރު ރިކޯޑު އަދަދަކަށް ޓޫރިސްޓުން ރާއްޖެ ޒިޔާރަތް ކުރި ނަމަވެސް، ގެސްޓްހައުސްތަކާއި ސަފާރީތަކުގެ އޮކިއުޕެންސީ އެހާ ރަނގަޅު ނޫން ކަން ވެސް ވެސް މައުސޫމް ވިދާޅުވި އެވެ.

ކުރިއަށް އޮތީ ލޯ ސީޒަން ކަމަށްވެފައި ޓްރެވަލް އެޑްވައިޒަރީ ނެރުމަކީ ޓޫރިޒަމް އިންޑަސްޓްރީއަށް ނުހަނު ބޮޑު އަސަރެއްކޮށް، އޭގެ ހިތި ނަތީޖާ ކުރާނެ ކަމެއް ކަމަށް ވެސް މައުސޫމް ވިދާޅުވި އެވެ.

ސުޕްރީމް ކޯޓުން މިދިޔަ ބުރާސްފަތި ދުވަހުގެރޭ ވަނީ ތިން މައްސަލައެއްގައި މުހިންމު ތިން ނިންމުމެއް ނިންމައިފަ އެވެ. އޭގެ ތެރެއިން އެންމެ ބޮޑު އެއް ކަމަކީ ސިޔާސީ އެކި ކުށްތަކުގައި ޖަލު ހުކުމާއި ހައްޔަރުކޮށްފައި ތިބި ސިޔާސީ ލީޑަރުން ދޫކޮށްލަން ކުރި އަމުރެވެ. އަނެއް އަމުރަކީ ގޮނޑި ގެއްލިއްޖެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާ 13 މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ކުރި ހުކުމެވެ. އަދި އަނެއް ނިންމުމަކީ ޕާޓީ ބަދަލު ކުރިޔަސް ގޮނޑި ނުގެއްލޭނެ ކަމަށް ނިންމި ނިންމުމެވެ.