ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް ކުރާ ރިޝްވަތުގެ ދައުވާގެ ޝަރީއަތް މާދަމާ ފަށަން ކްރިމިނަލް ކޯޓުން ހަމަޖައްސައިފި އެވެ.
އަދީބުގެ މައްޗަށް އެ ދައުވާ ކުރަނީ އެމަނިކުފާނު ސަރުކާރުގައި އުޅުއްވި ދުވަސްވަރު ފުލުހުންގެ އިންޓެލިޖެންސް މައުލޫމާތުތަކެއް ހޯއްދެވުމަށް، ފުލުހުންގެ އިންޓެލިޖެންސްގައި މަސައްކަތް ކުރި ދެ ފުލުހަކަށް ރިޝްވަތު ދިން ކަމަށް ބުނެ އެވެ. އެ މައްސަލާގައި ރިޝްވަތުގެ ދައުވާގެ އިތުރުން ރަސްމީ ހައިސިއްޔަތުން ކުރަންޖެހޭ ކަމަކަށް ނުފޫޒު ފޯރުވުމުގެ ދައުވާ ވެސް އަދީބުގެ މައްޗަށް ދައުލަތުން ކުރެ އެވެ.
އެ ދެ ދައުވާގެ އަޑުއެހުންތައް ފަށަން ހަމަޖައްސާފައިވަނީ މާދަމާ ހެނދުނެވެ.
އެކި މައްސަލަތަކުގައި 33 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ އަދީބުގެ މައްޗަށް ރިޝްވަތުގެ ދައުވާ ސާބިތުވެއްޖެ ނަމަ ތިން އަހަރާއި ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ.
އަދީބުގެ މައްޗަށް ދައުވާ ކުރާ އެހެން މައްސަަލަތަކެއް ވެސް ކޯޓުގައި މިހާރު ދަނީ ހިނގަމުންނެވެ. އެގޮތުން، މަގާމުގެ ނުފޫޒު ބޭނުން ކުރުމުގެ ނުވަ ދައުވާ އަކާއި ޓެރަރިޒަމްގެ ދައުވާއަކާއި އެނގި ހުރެ މީހަކު މަރަން ރޭވުމުގެ ދައުވާއެއް ވެސް ދައުލަތުން ވަނީ އަދީބުގެ މައްޗަށް އުފުލައިފަ އެވެ.