ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) ން ކަނޑައަޅާފައިވާ އިދިކޮޅު މެމްބަރުން، ސުޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލަތަކުގެ ޖަވާބު ނުދީ އެ ކޯޓުން ބަހެއް ނުބުނެ، ތިބެގެން ނުވާނެ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މިރޭ ވިދާޅުވެއްޖެ އެވެ.
އިދިކޮޅު ހަރަކާތްތަކުގެ އެންމެ އިސް ލީޑަރެއްގެ ގޮތުގައި ރާއްޖޭގައި މިވަގުތު ހުންނެވި މައުމޫން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ ބަހެއް ހޯދަން މެމްބަރުން މަސައްކަތް ކުރެއްވުމަކީ އެބޭފުޅުންނަށް ލިބިގެންވާ ހައްގެއް ކަމަށާއި އެކަން ސާފު ކުރައްވަން ޖެހޭނެ ކަމަށެވެ.
މަޖިލީހުގެ، އިދިކޮޅު 12 މެމްބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް އީސީން ވަނީ ކަނޑައަޅައިފަ އެވެ. މިއީ، ގާނޫނުއަސާސީއާ ކަނޑައެޅިގެން ޚިލާފަށް ނިންމި ނިންމުމެއް ކަމަށް ވިދާޅުވެ ހައްލެއް ހޯއްދައިދޭން އެ މެމްބަރުން ވަނީ ސުޕްރީމް ކޯޓަށް މައްސަލަތަކެއް ހުށަހަޅުއްވައިފަ އެވެ. އަދި އެ މައްސަލަ ނުހިނގައި ދިގުލައިގެންދާތީ މެމްބަރުން ސުޕްރީމް ކޯޓަށް ވަޑައިގަންނަވާތާ މިއަދަށް ވަނީ ތިން ދުވަސްވެފަ އެވެ.
މިދިޔަ އާދީއްތަ ދުވަހުން ފެށިގެން ކޮންމެ ދުވަހަކު ވެސް މެމްބަރުން ސުޕްރީމް ކޯޓަށް ވަޑައިގަންނަވަނީ މައްސަލަތަކާ މެދު ގޮތެއް ނިންމުން ލަސްވާތީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާ ބައްދަލު ކުރެއްވުމަށެވެ. އެކަމަކު، އެއްވެސް މެމްބަރަކަށް ފަނޑިޔާރުންނާ ބައްދަލު ކުރެއްވޭ ގޮތެއް އަދިއެއް ނުވެ އެވެ.
މެމްބަރުން ވިދާޅުވާ ގޮތުގައި މައްސަލަތަކުގެ ޖަވާބު ލަސްވާ ކޮންމެ ދުވަހަކީ އެ މެމްބަރުން ތަމްސީލް ކުރައްވާ ދާއިރާތަކުގެ ގާތްގަނޑަކަށް 60،000 ރައްޔިތުންގެ ހައްގު ގެއްލިގެންދާ ދުވަހެކެވެ.
އެ މެމްބަރުން ވިދާޅުވާ ގޮތުގައި މެމްބަރުންގެ ގޮނޑި ގެއްލުނު ކަމަށް އިލެކްޝަނުން ކަނޑައެޅިޔަސް، ސުޕްރީމް ކޯޓުން މިހާތަނަށް ވަކި ގޮތެއް ނުނިންމާ ކަމަށެވެ. އޭގެ މާނައަކީ، އެ ކޯޓުން ވަކި ގޮތެއް ނުނިންމާހާ ހިނދަކު އެއްވެސް މެމްބަރެއްގެ ގޮނޑި ނުގެއްލޭ ކަމަށް ވެސް މެމްބަރުން ވިދާޅުވި އެވެ.
މަޖިލީހުން ހުސްވެފައިވާ ކަމަށް އީސީ އިން ކަނޑައެޅި ދާއިރާތަކުގެ ބައި އިލެކްޝަން ބާއްވަން، ސަޕްލިމެންޓްރީ ބަޖެޓުން ފައިސާ ހަމަޖައްސައިދީ، މިދިޔަ އަހަރު ނިމުނުއިރު ވެސް އެ އިންތިޚާބުތަކެއް ނުބޭއްވެ އެވެ. އެހެންވެ، އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުން އީސީއަށް ވަނީ އަމާޒުވެފަ އެވެ.