ރާއްޖޭގެ ޚާއްސަ އިގުތިސާދީ ސަރަހައްދަށް ވަދެގެން އުޅެނިކޮށް ސިފައިންގެ ބެލުމުގެ ދަށަށް ގެނައި ބޭރުގެ ދެ މަސް ބޯޓާއި އޭގައި ތިބި ފަޅުވެރިން ފުލުހުންނާ ހަވާލުކޮށްފި އެވެ.
މިދިޔަ ހަފުތާގެ ފަހުކޮޅު، ދިވެހި ސިފައިން ވަނީ އދ. މާމިގިލީ ހުޅަނގު ދެކުނުން ނުވަ މޭލު ބޭރުން ފެނުނު މަސް ބޯޓަކާއި ތ. ހިރިލަންދޫގެ ހުޅަނގުން 76.5 މޭލު ބޭރުން ފެނުނު މަސް ބޯޓެއް ސިފައިންގެ ބެލުމުގެ ދަށަށް ގެނެސްފަ އެވެ. އޭގެ ތެރެއިން އެއް މަސް ބޯޓުގައި 10 ފަޅުވެރިން އަނެއް މަސް ބޯޓުގައި 12 ފަޅުވެރިން ތިބި އިރު އެ އެންމެންނަކީ ވެސް ތައިލެންޑް މީހުންނެވެ.
އިއްޔެ އެ ދެ ބޯޓާއި ފަޅުވެރިން މާލެ ގެނެސް ސިފައިންވަނީ އެ މީހުންނާއި އެ ދެ ބޯޓު ފުލުހުންނާ ހަވާލުކޮށްފަ އެވެ. ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ ކަންތައް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. އިތުރު ތަފްސީލެއް ހާމައެއް ނުކުރެ އެވެ.
އެ ބޯޓުތައް ދަތުރުކުރަމުން ދިޔައީ ސޯމާލިއާ އިން ތައިލެންޑަށް ކަމަށް އެ ބޯޓުގެ ފަޅުވެރިންނާ ހަވާލާދީ ދިވެހި ސިފައިން އިއްޔެ ބުންޏެވެ.