ތ. ބުރުނީން 11 މީހުންނާ އެކު މަސްވެރިކަމަށް ނިކުމެ އުޅުނު ދޯންޏެއް ގެއްލިގެން މޯލްޑިވްސް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ހޯދަން ފަށައިފި އެވެ.
އެމްއެންޑީއެފުން މިރޭ ބުނީ "ނޫރު" ދޯނި ގެއްލިގެން އުޅޭ ކަމުގެ ރިޕޯޓް ލިބުނީ މިއަދު ކަމަށެވެ. އެ ދޯނީގެ ޚަބަރެއް އެންމެ ފަހުންވީ، ހދ. ނޮޅިވަރަމާ ދިމާލު ބޭރުގައި އޮއްވައި މިދިޔަ ހޮނިހިރު ކަމަށް ދޯނީގެ ވެރިފަރާތުން މައުލޫމާތު ދީފައިވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
ގާތްގަނޑަކަށް 65 ފޫޓު ހުންނަ އެ ދޯނީގައި ލާފައި ވަނީ، އެމްއެންޑީއެފުން ބުނިގޮތުގައި، މަޑު ނޫކުލައިގެ ދަވާދެވެ. ދޯނީގެ ގެގަނޑުގައި ހުރީ ހުދު ކުލައިގެ ދަވާދު ކަމަށް ވެސް އެމްއެންޑީއެފަށް ވަނީ މައުލޫމާތު ދީފަ އެވެ.
މި ދޯންޏާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިއްޖެ ނަމަ، ކޯސްޓުގާޑުގެ ހިލޭ ގުޅޭ ނަމްބަރު 191 ނުވަތަ 3395981 އަށް ގުޅަން އެމްއެންޑީއެފުން އެދެ އެވެ.