މާލޭގެ ހުޅަނގު ދެކުނު ހާބަރު ސަރަހައްދުގައި އެސްޓީއޯއިން ތަރައްގީކުރާ ފުޑް ކޯޓުގައި ހިމެނޭ ކެފޭތައް އަލުން ބިޑަށް ހުޅުވާލަން ނިންމައިފި އެވެ.
އެ ކުންފުނީގެ އިސް އޮފިޝަލަކު މިއަދު ވިދާޅުވީ އާ ހާބަރު ސަރަހައްދުގެ ކެފޭތަކުގެ ތެރެއިން އަމީނީމަގާ ވީ ފަޅީގެ ކެފޭތައް ކުއްޔަށް ދޭން މިދިޔަ މަހު ބިޑަށް ހުޅުވާލުމަށް ފަހު ކެންސަލްކުރީ އެކަށީގެންވާ ތަރުހީބެއް ނުލިބިގެން ކަމަށެވެ.
"އަޅުގަނޑުމެން މި މަސައްކަތްކުރަނީ މިއަދު އަލުން ބިޑަށް ހުޅުވާލަން. އަދި އެ ބިޑްތައް އިވެލުއޭޓްކުރުމަށް ފަހު މި މަހުގެ ތެރޭގައި ކެފޭތަކުން ހިދުމަތް ދޭން ފެށޭތޯ އެބަ ބަލަން،" އޮފިޝަލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ ފުޑް ކޯޓުގެ އެއް ވިންގުގައި ހިމެނޭ 13 ކެފޭގެ ހުރިހާ މަސައްކަތެއް މިހާރު ނިމިފައިވާ ކަމަށެވެ. މިހާރު ކުރަން އޮތީ ހަމައެކަނި ފަރުނީޗަރުތައް ރޭވުމުގެ މަސައްކަތް ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.
ގާތްގަނޑަކަށް 30 މިލިއަން ރުފިޔާ ހަރަދުކޮށްގެން ތަރައްގީކުރާ ފުޑް ކޯޓުގައި ހިމެނޭ ދެވަނަ ވިންގް މި މަހުގެ 31ގެ ނިޔަލަށް ނިންމާނެ ކަމަށް އޭނާ ވިދާޅުވި އެވެ. ސިފައިންގެ ތެރޭގައި އޮންނަ ވެލްފެއާ ކުންފުނި ކަމަށްވާ ސިވެކްއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ އެ މަސައްކަތުގައި ވެސް ހަދަނީ 13 ކެފޭ އެވެ.
ހައުސިން މިނިސްޓްރީން ކުރިން ބުނެފައި ވަނީ ކުރިން ހާބަރު ކަޑަތައް ހުރި ސަރަހައްދު ތަރައްގީކޮށް ނިމޭއިރު ސައިކަލާއި ކާރު ޕާކު ކުރުމަށް ދެ ފަރާތުގައި ރޮޓަރީ ޕާކިން ސިސްޓަމެއް ވެސް ގާއިމްކުރާނެ ކަމަށެވެ.
ހާބަރުގެ ކަޑަތައް ޒަމާނީ ފެންވަރަށް ތަރައްގީކުރަން ހައުސިން މިނިސްޓްރީން އެސްޓީއޯއާ އެކު އެއްބަސް ވުމެއްގައި ސޮއިކުރީ ޖެނުއަރީ 2016ގަ އެވެ. އޭރު އެ މަސައްކަތް ހަވާލުކުރީ ހަ މަސްދުވަހުގެ ތެރޭގައި ނިންމުމަށް ފަހު އަލުން ހުޅުވާ ގޮތަށެވެ.
އެސްޓީއޯ އިން ބުނި ގޮތުގައި އެ މަސައްކަތް ލަސްވީ ޑިޒައިނަށާއި އެނޫން ވެސް ބައެއް ކަންކަމަށް ބަދަލުތަކެއް ގެންނަން ޖެހިގެންނެވެ. އޭގެ އިތުރުން މަސައްކަތަށް އެކަށީގެންވާ ރަނގަޅު ކޮންޓްރެކްޓަރެއް ހޯދަން ވެސް ވަގުތުތަކެއް ހޭދަވި ކަމަށް އެ ކުންފުނިން ބުންޏެވެ.