ސްރީ ލަންކާގައި ދިރިއުޅޭ ދިވެހިންނަށް ޚާއްސަ ކޮށްގެން ދިވެހި ސަރުކާރުން އެ ގައުމުގައި ހިންގާ މޯލްޑިވިއަން އެޑިއުކޭޝަނަލް އެންޑް ކަލްޗަރަލް ސެންޓަރު (އެމްއީސީސީ) ގެ މި އަހަރުގެ އެންމެ މޮޅު ދަރިވަރަކަށް ފާތިމަތު ފައުޒާ ފަހީމް ހޮވައި އިއްޔެ އިނާމު ދީފި އެވެ.
ސޯސަންވިލާގައި ހިންގާ އެމްއީސީސީގެ މި އަހަރުގެ އެންމެ މޮޅު ދަރިވަރު އަދި މި އަހަރު ގްރޭޑް 10 ނިންމި ފައުޒާ އަށް ޚާއްސަ އެވޯޑް ހަވާލުކޮށްދެއްވީ، އެ ސެންޓަރުގެ ދިރާސީ އަހަރު ނިމުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު ޝިހާމެވެ.
މި ރަސްމިއްޔާތުގައި ވަނީ އެމްއީސީސީން މި އަހަރު އެސްސީ އިމްތިހާނު ހެދި 11 ދަރިވަރުންނާ ވެސް ސެޓްފިކެޓް ހަވާލުކޮށްފައި ކަމަށް ލަންކާގައި ހުންނަ ދިވެހި އެމްބަސީން ބުންޏެވެ.
އިއްޔެ ހަވީރު ބޭއްވި މި ރަސްމިއްޔާތުގައި، ލަންކާގައި ހުންނަވާ ދިވެހި ސަފީރު މުހައްމަދު ހުސެއިން ޝަރީފް (މުންދު) ވަނީ އެމްއީސީސީގެ ލޯގޯ އާއި އެ ސެންޓަރުގެ ޔުނިފޯމް ވެސް އިފުތިތާހު ކޮށްދެއްވައިފަ އެވެ.
ގިނަ އަދަދެއްގެ ބެލެނިވެރިންނާއި ކުދިން ބައިވެރިވި މި ހަފުލާގައި ސަފީރު ވިދާޅުވީ އެމްއީސީސީ އަކީ ރާއްޖެއާ ކިތަންމެ ދުރުގައި ހިންގާ ތަނަކަށް ވިޔަސް ދިވެހި ސަރުކާރުގެ ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުން ލިބޭކަން ފާހަގަކުރައްވާ ކަމަށެވެ. އެގޮތުން އެ ސެންޓަރުގެ ކުދިން އަންނަ އަހަރު ޔުނިފޯމް ބޭނުންކުރަން ފެށުމާއި ޖަލްސާ ކުރާ ހޯލް ބޮޑުކުރުން ރާވާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އެމްއީސީސީގެ ދިރާސީ އަހަރު ނިންމުމުގެ ހަފުލާގައި ވާހަކަ ދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރު އާއިޝަތު ޝިހާމް ވިދާޅުވީ ރާއްޖެ އިން ބޭރުގައި ދިވެހި އާއިލާތައް ދިރިއުޅެމުން އަންނައިރު، އެ މީހުންގެ މެދުގައި ދިވެހި ގައުމިއްޔަތާއި އިސްލާމްދީން ހިމާޔަތް ކުރުމަށް ދިވެހި ސަރުކާރުން ވަރަށް ބޮޑު އަހައްމިއްޔަތު ކަމެއް ދޭ ކަމަށެވެ.
އޭނާގެ ވާހަކައިގައި ވަނީ އެމްއީސީސީ ތަރައްގީ ކުރުމަށްޓަކައި ލަންކާގައި ހުންނެވި ރާއްޖޭގެ ކުރީގެ ސަފީރު ޒާހިޔާ ޒަރީރާއި މިހާރުގެ ސަފީރު މުންދު ކޮށްދެއްވާ މަސައްކަތްތަކަށް ޝުކުރު އަދާކުރައްވައިފަ އެވެ. އަދި ރާއްޖެ އިން ބޭރުގައި ދިވެހިންނަށް ޚާއްސަކޮށްގެން އެމްއީސީސީ ފަދަ މުހިންމު ތަނެއް ގާއިމްކުރުމުގެ ވިސްނުންފުޅު ގެންގުޅުއްވައި އެކަން ތަންފީޒު ކޮށްދެއްވި ކަމަށްޓަކައި ރައީސް އަބްދުﷲ ޔާމީނަށް ވެސް ޝުކުރު އަދާކުރެއްވި އެވެ.