އަންނަ އަހަރުގެ ކުރީކޮޅު ސިވިލް ސާވިސްގެ ކޮންމެ ތިން މުވައްޒަފެއްގެ ތެރެއިން ދެ މުވައްޒަފެއްގެ މުސާރަ ބޮޑުވާނެ ކަމަށާއި އެންމެ ކުޑަ މުސާރަ ލިބޭ މީހުންނަށް ވެސް 37 ޕަސެންޓުގެ ކުރިއެރުމެއް އަންނާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން މިރޭ ވިދާޅުވެއްޖެ އެވެ.

މުސާރަ ބޮޑުނުކޮށްގެން ސިވިލް ސާވަންޓުން ޝަކުވާ ކުރަމުންދާތާ އެތައް އަހަރެއް ވެފައި ވަނިކޮށް، މުސާރަ ބޮޑުކުރަން އަންނަ އަހަރުގެ ބަޖެޓުގައި 234 މިލިއަން ރުފިޔާ ވަނީ ހިމަނައިފަ އެވެ.

ރައީސް ޔާމީންގެ ޒައާމަތަށް ހަތަރު އަހަރުން ފުރުން ފާހަގަކުރަން ކާނިވަލުގައި ބޭއްވި ޖަލްސާގައި، ސިވިލް ސާވިސްގެ ކޮންމެ ތިން މުވައްޒަފެއްގެ ތެރެއިން ދެ މުވައްޒަފެއްގެ ހާލަތު އަންނަ އަހަރުގެ ކުރީކޮޅުން ފެށިގެން ރަނގަޅު ވެގެންދާ ކަމުގެ ޔަގީންކަން ދެއްވެވި އެވެ. ފިނޭންސް މިނިސްޓްރީ އާއި ސިވިލް ސާވިސް ގުޅިގެން، މުސާރަ ބޮޑުކުރާނެ ގިންތިތައް ކަނޑައެޅުމަށް ފަހު އަންނަ އަހަރު ކުރީކޮޅުން ފެށިގެން މުވައްޒަފުންގެ މުސާރަ ބޮޑުވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

"ސިވިލް ސާވިސްގެ ތިންބައިކުޅަ ދެބައި މީހުންގެ މުސާރަ މަތިވެގެން މިދަނީ. އެންމެ ދަށުގެ ގިންތިތަކުގެ ތިބި ސިވިލް ސާވިސްގެ މުވައްޒަފުން، އެންމެ ބޮޑު އަޅާލުންތެރިކަމެއް ބޭނުންވާ މީހުން، އެންމެ ކުޑަ މުސާރައިގައި ތިބި މީހުންގެ މުސާރަ ވެސް އަންނަ އަހަރުގެ ކުރީކޮޅުން ފެށިގެން 100 އަކުން 37 ޕަސެންޓަށް ބޮޑުވެގެންދާނެ،" ރައީސް ވިދާޅުވި އެވެ.

ބާކީ ތިބި މީހުންނަށް، ރައީސް ވިދާޅުވި ގޮތުގައި، މުސާރައިގެ ހަތަރު ބައި ކުޅަ އެއްބައި ބޮޑުވާނެ އެވެ.

ސަރުކާރަށް ހަތަރު އަހަރު ފުރުން ފާހަގަކުރަން ކާނިވަލުގައި ބޭއްވި ޖަލްސާ: --ފޮޓޯ: ރައީސް އޮފީސް
ސަރުކާރަށް ހަތަރު އަހަރު ފުރުން ފާހަގަކުރަން ކާނިވަލުގައި ބޭއްވި ޖަލްސާ: --ފޮޓޯ: ރައީސް އޮފީސް

އެމަނިކުފާނު ވިދާޅުވި ގޮތުގައި ސިވިލް ސާވަންޓުން ކުރާ މަސައްކަތް ސަރުކާރަށް ވަޒަން ކުރެވެ އެވެ.

ރައީސް ޔާމީން ވިދާޅުވީ ސިވިސް ސާވަންޓުންގެ މުސާރަ ބޮޑުކޮށް ރަނގަޅު ގޮތްތަކެއް ހޯދައިދިނުމުގެ ވިސްނުން ކުރީ ސަރުކާރުތަކުން ނުގެންގުޅޭ ކަމަށެވެ. ސިވިލް ސާވަންޓުންގެ މުސާރަ އުނިކުރުމުން، އެ ފައިސާ ދޭން ކޯޓުން ހުކުމް ކުރުމުން ވެސް އެ ގޮތަށް އަމަލު ނުކުރެއްވި ކަމަށް ވިދާޅުވެ، އެމަނިކުފާނުގެ ފާޑުވިދާޅުވުން އަމާޒުކުރެއްވީ ކުރީގެ ރައީސް މުހައްމަދު ނަޝީދަށެވެ.

ރައީސް ވިދާޅުވި ގޮތުގައި މި ސަރުކާރުގެ ފުރަތަމަ އަހަރުގެ ތެރޭގައި ވެސް ސިވިލް ސާވިސްގެ އެންމެ މުހިއްމު ދާއިރާތަކުގެ މުސާރަ އަށް ވާނީ ހެޔޮ ބަދަލުތަކެއް ގެނެސްދީފަ އެވެ. އޭގެ ތެރޭގައި ޑޮކްޓަރުންނާއި ޓީޗަރުން ހިމެނޭނެ ކަމަށް ވިދާޅުވި އެވެ.

މުސާރަ ބޮޑުކުރުމުގެ އިތުރުން ހައުސިން ސްކީމްތަކުގައި ވެސް ސިވިލް ސާވިސްގެ މުވައްޒަފުން ހިމެނޭނެ ކަމަށް ވިދާޅުވި އެވެ.

ސިވިލް ސާވިސްގައި ގާތްގަނޑަކަށް 24،000 މުވައްޒަފުން މަސައްކަތް ކުރާ އިރު އެ މީހުންގެ މުސާރަ ނިސްބަތުން ކުޑަ އެވެ. ސިވިލް ސާވިސްގައި މަސައްކަތް ކުރާ އެންމެ އާދައިގެ މީހަކަށް މަހަކު 5،000ރ. ނުލިބެ އެވެ. އެންމެ ކުޑަވެގެން 10،000ރ. ގެ މުސާރައެއް ވެސް ގެއަށް ގެންދަން ލިބެނީ ޑިގްރީ ފެންވަރުގެ މުވައްޒަފުންނަށެވެ.

ސިވިލް ސާވިސް އަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ސިވިލް ސާވަންޓުންގެ މުސާރަ އާއި އިނާޔަތްތައް ކުޑަވުން ކަމަށް ސިިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ވެސް ގަބޫލުކުރެ އެވެ.