އައްޑޫ ގަން އިންޓަނެޝަނަލް އެއާޕޯޓް ތަރައްގީ ކުރުމަށް ހިންގާ މަޝްރޫއުގެ ތެރެއިން ގަމުގައި ހަދަން ނިންމާފައިވާ ފައިވް ސްޓާ ހޮޓެލްގެ ޓޮފެގްރެފިކް ސާވޭ ނިމި ކޮންސެޕްޓް ޕްލޭނާއި ފައިނޭންޝަލް ފީޒިބިލިޓީ ވެސް ހަދައި ނިމިފައިވާ ކަމަށް ގަން އެއާޕޯޓް ހިންގާ އައްޑޫ އިންޓަނެޝަނަލް އެއާޕޯޓް ކޮމްޕެނީ (އޭއައިއޭ) އިން މިރޭ ބުނެފި އެވެ.
އެ ކުންފުނިން ނެރުނު ބަޔާނެއްގައި ބުނީ 150 ކޮޓަރި ނުވަތަ 300 އެނދުގެ މި ހޮޓެލް ތަރައްގީ ކުރުމަށް 40-50 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށެވެ. ހޮޓެލްގައި ހިމެނެނީ 30 މޫދު ކޮޓަރި އާއި 60 ބީޗް ވިލާ އާއި 30 ކޮޓަރީގެ ދެ ގެސްޓްރޫމް ކޮމްޕްލެކްސް އެކެވެ.
މީގެ އިތުރުން 100 މީޓަރުގެ ސްވިމިން ޕޫލަކާއި ރެސްޓޯރަންޓާއި ބާ އާއި ރޫފް ޓޮޕް ފިޓްނެސް ސެންޓަރަކާއި ސްޕާއަކާއި 200-300 ދެމެދުގެ ކެޕޭސިޓީގެ ކޮންފަރެންސް ސެންޓަރެއް ވެސް ހޮޓެލްގައި ހިމެނޭނެ ކަމަށް އޭއައިއޭ އިން ބުންޏެވެ.
އެ ކުންފުނިން ބުނީ މި މަޝްރޫއު ވުޖޫދަށް ގެނައުމުން، އިންޓަނެޝަނަލް ފްލައިޓްތަކަށް ގަން އެއާޕޯޓުން އިންފްލައިޓް ކެޓަރިންގެ ހިދުމަތް ވެސް ދޭން ފެށޭނެ އެވެ.
ނަމަވެސް އެއާޕޯޓް ހޮޓެލްގެ މަސައްކަތް ފެށޭނެ ދުވަހެއް އޭއައިއޭއަކުން އަދިއެއް ނުބުނެ އެވެ.
ގަމަށް މި ވަގުތު އޮޕަރޭޓް ކުރާ ބޭރުގެ ހަމައެކަނި އެއާލައިނަކީ ސްރީ ލަންކަން އެއާލައިން ކަމަށް ވިޔަސް، އިތުރު އެއާލައިންތައް ގަމަށް ގެނައުމުގެ މަސައްކަތްތައް ކުރަމުން އަންނަ ކަމަށް އޭއައިއޭ އިން ބުންޏެވެ.