އޮޑިޓާ ޖެނެރަލް އޮފީހަށް އަންނަ އަހަރުގެ ބަޖެޓްގެ ގޮތުގައި 50 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދިނުމަށް މާލިއްޔަތު ކޮމެޓީގެ މެމްބަރުންގެ އިއްތިފާގުން މިއަދު ފާސްކޮށްފި އެވެ.
އޮޑިޓަ ޖެނެރަލް އޮފީހުގެ ބަޖެޓް ކަނޑައެޅުމުގެ މަސައްކަތަކީ މާލިއްޔަތު ކޮމެޓީގެ ޒިންމާއެކެވެ. އަދި ކޮންމެ އަހަރަކު ވެސް އޮޑިޓް އޮފީހުން އެ އަހަރަކަށް ލަފާކޮށް ބަޖެޓް ހުށަހަޅަނީ އެ ކޮމެޓީއަށެވެ. އެގޮތުން އަންނަ އަހަރަށް ލަފާކޮށް، އޮޑިޓަ ޖެނަރަލްގެ އޮފީހުން ކޮމެޓީ އަށް ހުށަހެޅީ ވެސް ފަންސާސް މިލިއަން ރުފިޔާގެ ބަޖެޓެކެވެ.
މި އަހަރު އޮޑިޓް އޮފީހުގެ ބަޖެޓުގެ ގޮތުގައި މާލިއްޔަތު ކޮމެޓީން 2016 ގައި ކަނޑައަޅާފައި ވަނީ 45 މިލިއަން ރުފިޔާ އެވެ. އަދި ހަރަދުވާ މިންވަރަށް ބަލާފައި އިތުރު ދެ މިލިއަން ރުފިޔާ އޮޑިޓަ ޖެނެރަލްގެ އޮފީހަށް ލިބޭ ގޮތަށް މާލިއްޔަތު ކޮމެޓީން ވަނީ ފިނޭންސް މިނިސްޓްރީ އަށް ހުށަހަޅަން ނިންމައިފަ އެވެ.
ކޮމެޓީގެ މުގައްރިރު އަދި ވިލިމާލޭ ދާއިރާގެ އަހުމަދު ނިހާނު ވިދާޅުވި ގޮތުގައި އޮޑިޓް އޮފީސް އުފެދުނު ފަހުން މިހާތަނަށް 627 އޮޑިޓް ރިޕޯޓެއް ވަނީ ނިންމައިފަ އެވެ. އަދި މި އަހަރުގެ މިހާތަނަށް 78 އޮޑިޓް ރިޕޯޓު ނިންމާފައިވާ ކަމަށް ވެސް ނިހާނު ވިދާޅުވި އެވެ.
ކޮމެޓީގައި ޕީޕީއެމްގެ ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒް ރަޝީދު ވިދާޅުވީ ތަކެތީގެ އަގާއި މަސައްކަތުގެ އަގަށް ބަލާއިރު އޮޑިޓް އޮފީހަށް 50 މިލިއަން ރުފިޔާއަކީ ބޮޑު އަދަދެއް ކަމަށް ފެނިވަޑައިނުގަންނަވާ ކަމަށެވެ.
މުއައްސަސާތަކުން ބޭނުންވާ ފައިސާ ނުދިނީމަ، ގާނޫނީ ވާޖިބު އަދާކުރަން ދަތިވާ ކަމަށް ބުނެ، ބައެއް މުއައްސަސާތަކުން ޝަކުވާ ކުރަމުން އަންނަ ކަމަށް ވެސް ރިޔާޒް ވިދާޅުވި އެވެ. އެހެންވެ، ފަހަކަށް އައިސް، އެކަމުގެ ޒިންމާ އުފުލަން ޖެހެނީ މަޖިލީހާއި ފިނޭންސް މިނިސްޓްރީން ކަމަށް އޭނާ ވިދާޅުވި އެވެ.
"މިއީ މާ ބޮޑެތި ދިރާސާތަކެއް ކުރަން ޖެހޭ ކަމެއް ކަމަކަށް ނުފެނޭ. އެއީ ހުލާސާ ބައްލަވާލެއްވީމަ މެމްބަރުންނަށް ފެންނާނެ މީގައި މިދިޔަ އަހަރު ހުރި ވަރަށް ބަޖެޓް ކުރެވިފައި،" ރިޔާޒް ވިދާޅުވި އެވެ.
ރިޔާޒް ވިދާޅުވި ގޮތުގައި މުއައްސަސާތައް ހަރުދަނާކޮށް، މުއައްސަސާތައް ހިނގާ ގޮތް އޮޑިޓް ކުރެވޭނެ އިންތިޒާމެއް އޮންނަން ސަރުކާރުން ބޭނުންވެ އެވެ. އެހެންވެ، ސަބް ކޮމެޓީއަކަށް ދިއުމުގެ ބަދަލުގައި މާލިއްޔަތު ކޮމެޓީން އޮޑިޓް އޮފީހުގެ ބަޖެޓް ފާސް ކުރަން ހުރިހާ މެމްބަރުން ތާއީދު ކުރެއްވި އެވެ.
ކާށިދޫ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެމްބަރު ފައިސަލް ނަސީމް ވިދާޅުވީ ދައުލަތުގެ މުއައްސަސާތަކާއި ކުންފުނިތަކުން ހަރަދު ކުރެވޭ ގޮތް ބެލުމަކީ މުހިންމު ކަމެއް ކަމަށެވެ. އަދި އޮޑިޓަ ޖެނެެރަލްގެ އޮފީހުން މިހާތަނަށް އައި އިރު، ހިތްހަމަޖެހޭ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
ފޭދޫ ދާއިރާގެ ޕީޕީއެމްގެ މެމްބަރު އިބްރާހިމް ދީދީ ވިދާޅުވީ މުދަލުގެ އަގަށް އައި ބަދަލަށް ބަލާއިރު، އޮޑިޓަ ޖެނެރަލް އޮފީހުން ހުށަހެޅި އަދަދަކީ ބޮޑު އަދަދެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. އަދި ރާއްޖޭގެ އިގްތިސާދަށާއި ބަޖެޓަށް އަންނަ ކުރިއެރުންތަކެއް އަންނަ އިރު، އޮޑިޓަ ޖެނެރަލްގެ އޮފީހަށް ބޭނުންވާ ފައިސާ ހިމަނައި، އެ އޮފީހުގެ މުވައްޒަފުންނަށް މަސައްކަތް ކުރެވޭނެ ގޮތް ހަދަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ގެމަނަފުށީ ދާއިރާގެ ޕީޕީއެމް މެމްބަރު ޖަމީލް އުސްމާން ވިދާޅުވީ އޮޑިޓް އޮފީހުން ހޯދަން އަންގާފައިވާ ފައިސާތައް ރައްޔިތުންނަށް ހޯދައި ދިނުމަށް މާލިއްޔަތު ކޮމެޓީން މަސައްކަތް ކުރަން ޖެހޭ ކަމަށެވެ. އަދި ރިޕޯޓުތަކުގައި މައްސަލަތަކާ ގުޅިގެން އަޅަން ޖެހޭ ފިޔަވަޅުތައް އެޅުން އަވަސް ކުރަން އޭނާ ގޮވާލެއްވި އެވެ.