އެޕަލް އިން ތައާރަފްކުރި އައިފޯން 8 އާއި 8 ޕްލަސްގެ އަގު އުޅޭނީ އާދައިގެ ވަރެއްގަ އެވެ. އެކަމަކު ސްމާޓްފޯންގެ މުސްތަގުބަލު ކަނޑައަޅާ ފޯނު ކަމަށް ބުނެ އެޕަލް އިން ނެރޭ އައިފޯން އެކްސް ނުވަތަ އައިފޯން 10ގެ އަގު ބޮޑެވެ.
އައިފޯން 10 ގެ 64 ޖީބީގެ ފޯނެއް އެޕަލް އިން އެމެރިކާގައި ވިއްކަނީ 999 ޑޮލަރަށެވެ. އަދި 256 ޖީބީގެ ފޯނެއް ވިއްކާނީ 1149 ޑޮލަރަށެވެ. އެކަމަކު އެހެން ގައުމުތަކުން ލިބޭ އަގު މިއަށްވުރެ ވެސް ބޮޑުވާނެ އެވެ.
ސީއެންއެން މަނީ އިން ލަފާކުރާ ގޮތުން ނަމަ އެމެރިކާ ނޫން އެހެން ގައުމުތަކުގެ ތެރެއިން އައިފޯން 10 އެންމެ އަގު ހެޔޮކޮށް ލިބޭނީ ޖަޕާނާއި ކެނެޑާއިންނެވެ. އެ ގައުމުތަކުގައި އެމެރިކާއަށް ވުރެ ބޮޑުވާނީ 100 ވަރަކަށް ޑޮލަރެވެ.
އެޕަލްގެ އެނަލިސްޓެއް ކަމަށްވާ ޖީން މަންސްޓާ ބުނެފައިވާ ގޮތުގައި އެހެން ގައުމުތަކުގައި އައިފޯން ލިބޭ އަގު އެމެރިކާއާ އަޅާބަލާއިރު 50 ޑޮލަރާއި 300 ޑޮލަރުގެ މިންވަރެއް ބޮޑުވާނެ އެވެ. މިއީ މިގޮތުން އެކި ގައުމުތަކުގައި އައިފޯން 10 ގެ އެންމެ އަގު ހެޔޮ ވާޝަން ލިބޭނެ ކަމަށް ލަފާކުރެވޭ އަގުތަކެވެ.
އޮސްޓްރޭލިއާ: 1،266 ޑޮލަރު
ކެނެޑާ: 1،082 ޑޮލަރު
ޗައިނާ: 1،285 ޑޮލަރު
ފްރާންސް: 1،387 ޑޮލަރު
ޖަރުމަނު: 1،375 ޑޮލަރު
ހޮންގް ކޮންގް: 1،099 ޑޮލަރު
އިންޑިއާ: 1،391 ޑޮލަރު
އަޔަލެންޑް: 1،410 ޑޮލަރު
އިޓަލީ: 1،423 ޑޮލަރު
ޖަޕާން: 1،024 ޑޮލަރު
މެކްސިކޯ: 1،325 ޑޮލަރު
ނިއު ޒީލެންޑް: 1،311 ޑޮލަރު
ރަޝިޔާ: 1،387 ޑޮލަރު
ސިންގަޕޯ: 1،224 ޑޮލަރު
ޔޫކޭ: 1،327 ޑޮލަރު
ހައި އިންޑް ސްމާޓްފޯނެއް ކަމަށްވާ އައިފޯން 10 ގައި ހޯމް ބަޓަނެއް ވެސް ނީނދެ އެވެ. އަދި މީގައި ފޯނު ހުޅުވަން ފިންގަޕްރިންޓުގެ ބަދަލުގައި ބޭނުންކުރަނީ ފޭޝަލް ރިކޮގްނިޝަން އެވެ. އެޕަލް އިން ބުނީ މި ފީޗާ ކުރީގެ ފޯނުތަކުގައި ބޭނުންކުރި ފިންގަޕްރިންޓަށް ވުރެ ސަލާމަތީ ގޮތުން ވަރުގަދަ ވާނެ ކަމަށެވެ. ވަޔަލެސް ޗާޖިން އާއި އެނިމޯޖީ އާއި ވަރުގަދަ ކެމެރާއާ އެކު ހަދާފައިވާ މި ފޯނަކީ އެޕަލް އިން މިހާތަނަށް އެންމެ އަގުބޮޑުކޮށް ވިއްކާ ފޯނެވެ.