ރާއްޖެ އިން ހިމަބިހި ނައްތާލާފައިވާ ކަމުގެ އެވޯޑު، ވޯލްޑް ހެލްތު އޯގަނައިޒޭޝަން (ޑަބްލިއުއެޗްއޯ) އިން މިއަދު ރާއްޖެ އަށް ދީފި އެވެ.
ޕެރަޑައިސް އައިލެންޑް ރިސޯޓުގައި އިއްޔެ ފެށި ޑަބްލިއުއެޗްއޯގެ ސައުތު އީސްޓް އޭޝިއާ ރީޖަނަލް މީޓިންގެ ތެރޭގައި ބޭއްވި ހަރަކާތުގައި ރާއްޖެ އަށް އެ އެވޯޑު ހަވާލުކޮށްދެއްވީ، އެ ޖަމިއްޔާގެ ޑިރެކްޓަ ޖެނެރަލް ޑރ. ޓެޑްރޮސް ހެބްރެއެސެސް އަދި ޑަބްލިއުއެޗްއޯ އިން މި ސަރަަހައްދަށް ކަނޑައަޅާފައިވާ ރީޖަނަލް ޑިރެކްޓަރު ޑރ. ޕޫނަމް ހެތްރަޕަލް ސިންހާ އެވެ. ރާއްޖޭގެ ފަރާތުން އެވޯޑާ ހަވާލުވެވަޑައިގަތީ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމެވެ.
ރާއްޖެ އިން ހިމަބިހި ނައްތާލާފައިވާކަން ޑަބްލިއުއެޗްއޯ އިން އިއުލާނުކޮށްފައިވަނީ މިދިޔަ ޖޫން މަހުގެ 13 ވަނަ ދުވަހު އެވެ. ހިމަބިހި ނައްތާލުމަށް ރާއްޖޭގައި ގައުމީ ކެމްޕެއިނެއް ވެސް ކުރިއަށް ގެންދިޔަ އެވެ.
ރާއްޖެއާ އެކު މި ސަރަހައްދުން ހިމަބިހި ނައްތާލި ކަމަށް ކަނޑައަޅާފައިވާ ގައުމުގެ ތެރޭގައި ދެން ހިމެނެނީ ބޫޓާން އެވެ. މި ދެ ގައުމަކީ ވެސް 2020ގެ ކުރިން ދެކުނު އިރުމަތީ އޭޝިއާގެ ގައުމުތަކުން ހިމަބިހި ނައްތާލުމަށް ކަނޑައަޅާފައިވާ އަމާޒަށް ވާސިލްވި ފުރަތަމަ ދެ ގައުމެވެ.
ހިމަބިއްސާ ބެހޭ ބައެއް މައުލޫމާތު
- ހިމަބިއްސަކީ ގައިންގަޔަށް އަރާ، ވަރަށް ހަލުއިކަމާ އެކު ފެތުރޭ ބައްޔެއް. ބަލީގެ ނުރައްކާތަކުގެ ތެރޭގައި ލޮލުގެ ފެނުމާއި ފުއްޕާމެ އާއި ސިކުނޑިއަށް ގެއްލުންވުން ހިމެނޭ. މިއީ ފުރާނައަށް ވެސް ނުރައްކާވާ ބައްޔެއް.
- ހިމަބިހި ޖެހޭ ކުދިންގެ ތެރެއިން 10 ޕަސެންޓް މި ބަލީގައި މަރުވޭ.
- ހިމަބިހިން ރައްކާތެރިވުމަށް ވެކްސިން ނުޖަހާ ނަމަ، 10 އަހަރުން ދަށުގެ 90 ޕަސެންޓް ކުދިންނަށް މި ބަލި ޖެހޭ. ރާއްޖޭގައި މީސްލްސް ވެކްސިން ދޭން ފެށީ 1983 ގައި އުމުރުން ނުވަ މަަހުގައި.
ރާއްޖޭގައި ހިމަބިހި ޖެހިފައިވާ މީހަކު އެންމެ ފަހުން ފެނުނީ 2009 ވަނަ އަހަރު އެވެ. އޭގެ ފަހުން ރާއްޖޭގައި ހިމަބިހި ޖެހުނުކަމުގެ އެއްވެސް ރިޕޯޓެއް ނެެތެވެ.