ރާއްޖޭގައި ހުންނަވާ ކުރީގެ ސަފީރު ވަންގް ފުކަންގްގެ މަގާމުގެ މުއްދަތު ހަމަވުމާ ގުޅިގެން އެ ގައުމުން ރާއްޖެ އަށް އާ ސަފީރެއް އައްޔަން ކުރައްވައިފި އެވެ.
ރާއްޖެ އަށް ޗައިނާ އިން އައްޔަން ކުރި އާ ސަފީރު ޒަންގް ލިޒޯންގް ވަނީ އޭނާގެ ސަފީރުކަމުގެ ފަތްކޮޅު ރައީސް އަބްދުﷲ ޔާމީނަށް މިއަދު އަރުވައިފަ އެވެ.
ފަތްކޮޅާ ހަވާލުވެ ވަޑައިގަތުމަށް ފަހު ރައީސް ޔާމީން ވަނީ ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެއްބާރުލުން ދެއްވާނެ ކަމުގެ ޔަގީންކަން ސަފީރަށް ދެއްވައިފަ އެވެ. އަދި ޗައިނާ ސަރުކާރުން ރާއްޖެ އަށް ދެމުންދާ އެހީތަކަށް ރައީސް ޝުކުރު އަދާ ކުރެއްވި އެވެ.
ސަފީރުގެ ވާހަކައިގައި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެއްބާރުލުން ދެއްވާނެ ކަމުގެ ޔަގީންކަން ދެއްވި އެވެ. އަދި ރާއްޖޭގައި ހިނގަމުންދާ މަޝްރޫއުުތަކަށް ބޭރުގެ އިންވެސްޓަރުންނަށް ފުރުސަތު ދިނުމުގެ މުހިންމު ކަން ފާހަގަ ކުރައްވައި، މިހާރު ރާއްޖޭގައި ހިންގަމުންދާ ބޮޑެތި މަޝްރޫއުތަކާ މެދު ހިތްހަމަޖެހޭ ކަން ސަފީރު ފާޅުކުރެއްވި އެވެ.
ރައީސް ޔާމީން ވެރިކަމަށް ވަޑައިގަތް ފަހުން ޗައިނާއާ ރާއްޖޭގެ ގުޅުން ވަނީ ވަރަށް ބޮޑަށް ބަދަހިވެފަ އެވެ. މިހާރު ހިނގަމުންދާ އެންމެ ބޮޑު މަޝްރޫއު ކަމަށްވާ ހުޅުލެ އާއި މާލެ ގުޅާލުމުގެ ބްރިޖް ވެސް ކުރިއަށް ގެންދަނީ ޗައިނާ ކުންފުންޏަކުންނެވެ. އެ މަޝްރޫއު ހިންގަނީ ވެސް ޗައިނާ ސަރުކާރުގެ އެހީގަ އެވެ.