ދޫނިދޫގައި ބަންދުކޮށްފައިވާ ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތަށް ފުރިހަމަ ބޭސްފަރުވާއެއް ދިނުމަށް އިދިކޮޅު ޕާޓީތަކުން ސަރުކާރަށް މިއަދު ގޮވާލައިފި އެވެ.
އަމީތުގެ ވާތު ލޯ ވަރަށް ބޮޑަށް އިންފެކްޓް ވެ، ރެ އިން ފެށިގެން އޭނާ ވަނީ ދޫނިދޫގެ ކްލިނިކްގައި އެޑްމިޓް ކޮށްފަ އެވެ. އޭނާގެ ލޯ އިންފެކްޓް ވެގެން އިއްޔެ މާލެ ގެނެސް އައިކެއާގެ ޑޮކްޓަރަކަށް ވެސް ދެއްކި އެވެ.
އަމީތުގެ އާއިލާ އިން ބުނީ އޭނާ ބަންދުކުރި ފަހުން ސިއްހީ ހާލަތު ގޯސްވަމުންދާ ކަމަށާއި އާއިލާއިން އެކަމާ ކަންބޮޑުވާ ކަމަށެވެ. އެހެންވެ، އިތުރަށް ފަރުވާ ދިނުމަށް ރާއްޖެއިން ބޭރަށް ގެންދިއުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އާއިލާއިން ވަނީ ބުނެފަ އެވެ.
މ. ކުނޫޒުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވީ އަމީތަށް ފަރުވާ ދިނުމަށް ސަރުކާރުން އިންކާރުކޮށްފައިވާ ކަމަށެވެ. އެކަމަކު އަމީތަށް އެންމެ އެކަށީގެންވާ ފަރުވާއެއް ދޭން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ކުދިކުދި ކްލިނިކްތަކުން ފުރިހަމައަށް ސިއްހީ ފަރުވާ ދެވޭނެ ކަމަކަށް ގަބޫލެއް ނުކުރަން. އެހެންވީމަ އޭނާ މާލެ ގެނެސް، ފުރިހަމަ ސިއްހީ ފަރުވާއެއް ދޭން ޖެހޭނެ،" އިންތި ވިދާޅުވި އެވެ.
"އާއިލާ އިން ބޭނުންވާނަމަ، އޭނާ (އަމީތު) ބޭނުންވާ ނަމަ، ރާއްޖޭން ބޭރަށް ފޮނުވައިގެން ވެސް މިކަމަށް ފަރުވާ ދޭން ޖެހޭނެ، އާއިލާ އިން ފާހަގަކުރާ ގޮތުގައި ޖަލަށް ގެންދިޔައިރު އޭނާ އަށް ކުރިމަތިވެފައިނުވާ ސިއްހީ އެތައް މައްސަލަތަކެއް ކުރިމަތިވެފައިވޭ. އިންފެކްޝަނަކީ ކުރިން ކުރިމަތިވި ކަމެއް ނޫން. ހަމުގެ މައްސަލަތަކެއް ކުރިމަތިވެފައިވީތީ އެކަމަކީ ވެސް ކުރިން ކުރިމަތިވެފައިނުވާ ކަންކަން،"
އިންތި ވިދާޅުވީ މީހަކު ޖަލަށް ގެންދިއުމަކީ އެމީހަކަށް ލިބެން ޖެހޭ ސިއްހީ ފަރުވާއަކުން މަހްރޫމްވާން ޖެހޭ ކަމެއް ނޫން ކަމަށެވެ. ޖަލުގެ ހާލަތު ހުންނަން ޖެހޭނީ ބަލިތައް ކުރިމަތިވާނެ ގޮތަކަށް ނޫން ކަމަށާއި ފުރިހަމަ އިންތިޒާމުތަކެއް ހުންނަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
އިދިކޮޅު ފަރާތްތަކާ އެކު މަސައްކަތް ކުރައްވަމުން އަންނަ އަމީތު ބަންދުކުރީ މަޖިލީހުގެ މެންބަރުކަން ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައި ވަނިކޮށް، މިދިޔަ މަހުގެ 24 ގައި ރައްޔިތުންގެ މަޖިލީހުގެ އިދާރާ އަށް ވަން މައްސަލައިގަ އެވެ. އެ މައްސަލާގައި އޭނާ ހައްޔަރުކޮށް، ތިން ފަހަރެއްގެ މަތިން ވަނީ ބަންދުގެ މުއްދަތު އިތުރުކޮށްފަ އެވެ. އެއީ ފުރަތަމަ 15، ފަހުން ދެ ފަހަރު ޖުމްލަ އަށް ދުވަހެވެ. އެންމެ ފަހުން އަމީތުގެ ބަންދުގެ މުއްދަތު ހަތަރު ދުވަހަށް އިތުރުކުރީ އިއްޔެ އެވެ.