އިދިކޮޅު ސިޔާސީ ހަރަކާތެއްގައި ބައިވެރިވި ކަމަށް ބުނެ ގދ. ތިނަދޫ ސްކޫލުގެ ދެ ޓީޗަރަކު ވަކިކުރަން އުޅޭތީ އެ ސްކޫލުގެ ބެލެނިވެރިން ރުޅިގަދަވެއްޖެ އެވެ.
މިހާރު ހައްޔަރުކޮށްފައިވާ، ރައްޔިތުންގެ މަޖިލިހުގެ އިދިކޮޅު މެމްބަރުން ދޫކޮށްލަން ގޮވާލައި ތިނަދޫގައި ބޭއްވި އެއްވުމުގައި ބައިވެރިވި ކަމަށް ބުނެ، އެ ރަށުގައި ހުންނަ އަތޮޅު ތައުލީމީ މަރުކަޒުގެ ދެ ލީޑިން ޓީޗަރުން ކަމަށްވާ އަހުމަދު އަޝްރަފާއި ނަސްރުﷲ އަފީފުގެ މައްސަލައެއް އެޑިއުކޭޝަން މިނިސްޓްރީން ދަނީ ބަލަމުންނެވެ. އަދި އެކަމަށް ޖަވާބުދާރީ ވުމަށް ދެ ބޭފުޅުންނަށް މިނިސްޓްރީން ވަނީ ފުރުސަތު ދީފަ އެވެ.
މިއަދުގެ މެންދުރު 2:00 އާ ހަމައަށް އެ ދެ ބޭފުޅުން ޖަވާބުދާރީ ނުވެއްޖެނަމަ، ވަޒީފާ އިން ވަކިކުރަން އެޑިއުކޭޝަން މިނިސްޓްރީން ވަނީ ނިންމައިފަ އެވެ. ނަމަވެސް މިނިސްޓްރީއަށް ޖަވާބުދާރީވި ކަމެއް އަދި ސާފެއް ނުވެ އެވެ.
ތިނަދޫ ކައުންސިލްގެ މެމްބަރު އަލީ އަމްޖަދު ވިދާޅުވީ ދެ ޓީޗަރުން ވަކިކުރަން އުޅޭ މައްސަލާގައި ހިތްހަމަނުޖެހިގެން ބެލެނިވެރިން ސްކޫލު ދޮށަށް އެއްވީ، އިމްތިހާނާ ކައިރިވެފައި ވަނިކޮށް، އެ މީހުން ވަކިކުރާތީ ކަމަށެވެ. ދިވެހި ބަހާއި އެކައުންޓިން ކިޔަވައިދޭ އެ ދެ ޓީޗަރުންނަކީ ސްކޫލުގެ އިސް ދެ ބޭފުޅުން ކަމަށް އޭނާ ވިދާޅުވި އެވެ.
"އޭ ލެވެލް އަދި އޯ ލެވެލް އަށް ކިޔަވައިދޭ ދެ ޓީޗަރުން އެއީ. އެހެންވެ އިމްތިހާނު އެހާ ކައިރިވެފައި ހުއްޓައި މިކަހަލަ ފިޔަވަޅެއް އަޅާތީ ބެލެނިވެރިން ތިބީ ވަރަށް ކަންބޮޑުވެފައި،" އަމްޖަދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އަޝްރަފާއި ނަސްރުﷲ ވަކިކޮށްފިނަމަ، އެ ސްކޫލުގެ އިސް އެހެން ޓީޗަރުން ވެސް ވަކިވާނެ ކަމަށް ބުނެފައިވާ ކަމަށާއި އެހެންވެ އެ ޓީޗަރުން ވެސް ތިބީ ވަރަށް ހިތްހަމަނުޖެހިފައި ކަމަށެވެ.
"ސްކޫލުގެ ޓީޗަރުން ވެސް އިސްބޭފުޅުން ވެސް ތިބީ ވަރަށް ހިތްހަމަނުޖެހިފައި. އެ ބޭފުޅުން ވެސް ވިދާޅުވީ މި ދެ ޓީޗަރުން ނެތިއްޔާ ސްކޫލުގެ ކަންތައްތައް ހިންގުމަށް ވަރަށް ދަތިވާނެއޭ،" އަމްޖަދު ވިދާޅުވި އެވެ.
ސިޔާސީ ހަރަކާތެއްގައި ބައިވެރިވިކަމަށް ބުނެ އެ ސްކޫލުގެ ދެ ޓީޗަރުންގެ މައްސަލައެއް ބަލަމުންދާއިރު، މިިދިޔަ ހުކުރު ދުވަހު ތިނަދޫގައި ބޭއްވި ހަރަކާތެއްގައި ސްކޫލުގެ އިސްވެރިއަކު ވެސް ބައިވެރިވިކަމަށް ވެ އެވެ.