އިދިކޮޅު ޕާޓީތަކުން މިދިޔަ ހުކުރު ދުވަހުގެ ރޭ ބޭއްވި އެއްވުމުގައި ހައްޔަރުކުރިި އެމްޑީޕީގެ އެކްޓިވިސްޓު ނައީމާ މުހައްމަދު (ނައީމާއްތަ) އާއި އެހެން މީހުން ރޭ ދޫކޮށްލައިފި އެވެ.
ސަރުކާރާ ދެކޮޅަށް އަޑު އުފުލަމުން ދަނިކޮށް ނައީމާއްތަ އާއި އިތުރު ތިން މީހަކު ހައްޔަރުކުރީ އެމްޑީޕީގެ ހަރުގެ ސަރަހައްދުންނެވެ.
ނައީމާއްތަ ހައްޔަރުކޮށް، ވެހިކަލަކަށް އަރުވައި އެސްއޯ ފުލުހުން ވަށާލައިގެން ތިބި ފޮޓޯ ސޯޝަލް މީޑިއާގައި އާއްމުކޮށް، ފުލުހުންނަށް ވަރަށް ބޮޑަށް ފާޑުކިއުން އަމާޒުކުރި އެވެ. އޭނާ ހައްޔަރުކުރީ މުޖުތަމައުގެ ސަލާމަތަށް ނުރައްކާވެގެންތޯ ބައެއް މީހުން ސުވާލު އުފެއްދި އެވެ.
ފުލުހުން ބުނާ ގޮތުގައި އޭނާ ހައްޔަރުކުރީ އެ ސަރަހައްދުގައި އަމަލް ބަލަހައްޓަން އުޅުނު ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެގެންނެވެ. އަދި ފުލުހުންގެ ދައުރު އަދާކުރަން ހުރަސް އެޅުން ވެސް އޭނާ ހައްޔަރުކުރި ސަބަބުތަކުގެ ތެރޭގައި ހިމެނެ އެވެ.
އެމްޑީޕީގެ ވެރިކަން ބަދަލުވި ފަހުން އެ ޕާޓީން ބާއްވާ މުޒާހަރާތަކާއި އެއްވުންތަކުގެ އެންމެ އިސް ސަފުގައި ނައީމާއްތަ ބައިވެރިވެ އެވެ. މީގެ ކުރިން ވެސް އެއްވުމެއްގެ ތެރެއިން އޭނާ ހައްޔަރުކުރި އެވެ.