ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލުމާއި މިނިވަން ނިއުސްގެ ނޫސްވެރިޔާ އަހުމަދު ރިލްވާން ވަގަށް ނެގި މައްސަލަ އަލުން ބަލަން ފަށައިފި އެވެ.
އިސްކަންދަރުކޮށީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝަމީމް ވިދާޅުވީ ޚާއްސަ މައްސަލަތައް ތަހުގީގު ކުރުމަށް ފުލުހުން އުފައްދާފައިވާ މޭޖާ ކްރައިމް އިންވެސްޓިގޭޝަން ސެންޓަރުން، އަފްރާޝީމާއި ރިލްވާންގެ މައްސަލަ މިހާރަށް ވުރެ ރަނގަޅަށް ބެލުމަށް ނިންމާފައިވާ ކަމަށެވެ.
"މި ސެންޓަރުގެ ތެރެއިން އެ މަސައްކަތް ކުރިއަށް ދާނެ ކަމުގެ ޔަގީންކަން ދެން. އަދި އެކަން އެގޮތަށް ދާކަން ވެސް އަޅުގަނޑު ދަންނަވާލަން،" މިކަމާ ގުޅޭ ގޮތުން އިތުރު ތަފުސީލް ނުދެއްވައި ޝަމީމް ވިދާޅުވި އެވެ.
އަފްރާޝީމް އަވަހާރަކޮށްލުމާއި ރިލްވާން ވަގަށް ނެގުމުގެ ފަހަތުގައިވާ ކަންކަން އަދިވެސް ނޭނގޭތީ، އެތައް ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
މޭޖަ ކްރައިމް އިންވެސްޓިގޭޝަން ސެންޓަރަކީ ޚާއްސަ، ބޮޑެތި މައްސަލަތައް ތަހުގީގު ކުރުމަށް ފުލުހުން ވަރަށް ފަހުން އުފެއްދި ޔުނިޓެކެވެ. އެގޮތުން ބްލޮގާ ޔާމީން ރަޝީދު މަރާލި މައްސަލަ ތަހުގީގު ކުރީ ވެސް އެ ޔުނިޓުންނެވެ.
އަފްރާޝީމް އަލީ އަވަހާރަކޮށްލި މައްސަލާގައި ދެ މީހެއްގެ މައްޗަށް ދައުވާކުރި ނަމަވެސް މިހާތަނަށް ކުށް ސާބިތުވެފައި ވަނީ ހ. ލޮބީ، ހުސެއިން ހުމާމްގެ މައްޗަށް އެކަންޏެވެ.
ރިލްވާން ވަގަށް ނެގިތާ އިއްޔެ އަށް ތިން އަހަރުވީއިރު، އެ މައްސަލައިގެ ތުހުމަތަށް ބަޔަކު ހައްޔަރުކުރި ނަމަވެސް ފަހުން ވަނީ ދޫކޮށްލައިފަ އެވެ.
ރިލްވާން ގެއްލުނު މައްސަލައާ ބެހޭ ގޮތުން މިހާތަނަށް ފުލުހުން އާއްކުރި މައުލޫމާތުން އެނގޭ ގޮތުގައި އޭނާ ގެއްލުނު ރޭ ބަޔަކު ވަނީ ފާރަލައިފަ އެވެ. އޭގެ ފަހުން ހުޅުމާލެއިން ބަޔަކު ރިލްވާން ކާރަކަށް އަރުވައިގެން ގެންދިޔަ ކަމެވެ.