ސިޔާސީ މަސްރަހު ހަމައަކަށް އެޅުވުމަށް، ގައުމީ އެއްބައިވަންތަކަމުގެ ސަރުކާރެއް ރާއްޖޭގައި ގާއިމު ކުރަން ބޭނުންފުޅުވާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެ އެވެ.
ނަޝީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވި ގޮތުގައި ރާއްޖޭގެ ހާލަތު ބަދަލުވުމުގެ ފުރުސަތު އަދިވެސް އެބަ އޮތެވެ. އަދި އެއްބައިވަންތަކަމުގެ ސަރުކާރެއް ގާއިމުކޮށް، ދައުލަތުގެ އިދާރާތަކުގައި ތިއްބެވި ބޭފުޅުން މަގާމުގައި ދަމަހައްޓަވަން ޖެހޭ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.
ނަޝީދާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި އަދާލަތު ޕާޓީގެ ރައީސް ޝައިހް އިމްރާން އަބްދުﷲ ގުޅިވަޑައިގެން ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރު ޒިންމާދާރު ކުރުމަށް ގިނަ މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ.
ސިޔާސީ މަސްރަހު ވަރަށް ބޮޑަށް ހަލަބޮލިވެފައިވާ މި ދަނޑިވަޅުގައި އިދިކޮޅު ފަރާތްތަކުން ގުޅިގެން އެންމެ ބޮޑަށް މަސައްކަތް ކުރަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހް މަގާމުން ވަކި ކުރުމަށެވެ. އަދި ބައެއް ވަޒީރުންގެ އިތުބާރު ނެތް ކަމަށް މަޖިލީހުން ފާސްކޮށް ކެބިނެޓުން އެ ބޭފުޅުން ވަކި ކުރުމަށް ވެސް އެ ފަރާތްތަކުން ވަނީ މަސައްކަތް ފަށައިފަ އެވެ.
އިދިކޮޅު ފަރާތްތަކުން މިހާރު ކުރިއަށް ގެންދާ ހަރަކާތްތަކަށް އެކި ގޮތްގޮތުން ސަރުކާރުން ހުރަސް އަޅަމުން ދާއިރު، މަޖިލީހުގެ އިދިކޮޅު ބައެއް މެމްބަރުންނަށް ބޮޑެތި ތުހުމަތުތަކެއް ސަރުކާރުން ކޮށް ވަނީ ތަހުގީގު ވެސް ފަށައިފަ އެވެ. އަދި ބައެއް ބޭފުޅުންގެ ޝަރީއަތްތައް ކްރިމިނަލް ކޯޓުގައި ދަނީ ހިނގަމުންނެވެ.