ފުލުހުންނާއި ސިފައިން ރައީސް އަބްދުﷲ ޔާމީން ހިމާޔަތްކުރާ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ހިމާޔަތް ކުރަން ޖެހޭނެ ކަމަށް ކުރިން ސިފައިންގެ ހިދުމަތުގައި ގިނަ ދުވަސްތަކެއް ހޭދަކުރެއްވި ހިތަދޫ މެދު ދާއިރާގެ މެމްބަރު އިބްރާހީމް މުހައްމަދު ދީދީ މިއަދު ވިދާޅުވެއްޖެ އެވެ.
ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫންގެ މައްޗަށް ކުރާ "ޝަހުސު އޮޅުވާލުމު"ގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި ކުރިއަށް ދިޔައިރު އޭނާ މިނިވަންކުރަން އެދި ކޯޓު ބޭރުގައި އޮތް އެއްވުމުގައި މީޑިއާއާ ވާހަކަދައްކަވަމުން އިބްރާހިމް ދީދީ ގޮވާލެއްވީ ފުލުހުންނާއި ސިފައިން ކުރި ހުވާގެ މަތީގައި ދެމިތިބުމަށެވެ. އެ ހުވާ ކުރީ އިސްލާމް ދީނަށް ހުރުމަތްތެރިކޮށް ހިތުމާ އެކު ރާއްޖޭގެ ގާނޫނުއަސާސީ ހިމާޔަތް ކުރުމަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ފުލުހުންނާއި ސިފައިންނަށް ގޮވާލަނީ ވަކި ބޭފުޅަކު ވިދާޅުވެގެން ގާނޫނުއަސާސީ އާއި ގާނޫނުން ބޭރުން އެއްވެސް ކަމެއް ނުކުރައްވާށޭ. އެ ހައްގު ތިޔަ ބޭފުޅުންނަށް އޮންނާނެ،" އިބްރާހިމް ދީދީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަހުމަދު ޝިޔާމް އެންގެވިޔަސް، ދައުލަތުގެ ތިން ބާރުގެ ތެރެއިން ދެ ބާރުގެ ތެރެއަށް ސިފައިން އަރައިގަންނާކަށް ނުޖެހެ އެވެ. ސުޕްރީމް ކޯޓަށް ނުފޫޒު ފޯރުވައި، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މަސައްކަތަށް ހުރަސް އެޅުމުގެ ފުރުސަތު ސިފައިންނަށް ނޯންނާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މާތްވެގެންވާ އިސްލާމް ދީނު ހިމާޔަތްކޮށްފައި ދެން ކުރަން އޮތް ކަމަކީ މި ގައުމުގެ ގާނޫނުއަސާސީ ހިމާޔަތް ކުރުން، ގާނޫނުތައް ހިމާޔަތްކުރުން. އެބޭފުޅުން (ސިފައިންނާއި ފުލުހުން) އެގޮތުގައި ތިއްބަވާ ނަމަ، އެއްވެސް ބިރެއް ނެތް،" އިބްރާހިމް ދީދީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ސަރުކާރުން ގައުމު ދަވާލައި، ގައުމުގެ މިލްކިއްޔާތު ހުސްކޮށްލާއިރު، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ނިކުންނެވީ އެކަން ހުއްޓުވައި ގާނޫނީ ވާޖިބު އަދާކުރަން ކަމަށެވެ. އެހެންވެ، ސިފައިންނާއި ފުލުހުންގެ މަސްއޫލިއްޔަތަކީ މެމްބަރުން ހިމާޔަތް ކުރުން ކަމަށް އޭނާ ވިދާޅުވި އެވެ.
"ރައީސް ޔާމީން ސިފައިން ބޭނުންކޮށްފައި ގޮނޑަށް އަޅާލާނީ. ވޭތުވެދިޔަ ތިން އަހަރު ފެނިގެން ހިނގައްޖެ، ކިތައް ސިފައިންގެ އިސް އޮފިސަރުންތޯ ޖަލުގައި ތިބީ؟" އިބްރާހިމް ދީދީ ވިދާޅުވި އެވެ.
ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ގާނޫނާ ޚިލާފަށް ހައްޔަރުކުރި މައްސަލައިގައި އިބްރާހިމް ދީދީގެ މައްޗަށް ވަނީ ޓެރަރިޒަމްގެ ދައުވާ އުފުލައިފަ އެވެ. އެމްޑީޕީގެ ވެރިކަމުގައި އަބްދުﷲ ގާޒީ ހައްޔަރު ކުރި އިރު ސިފައިންގެ މާލޭ އޭރިޔާގެ ކޮމާންޑަރަކަށް ހުންނެވީ އޭނާ އެވެ. ދައުވާކުރަނީ އަބްދުﷲ ގާޒީ ހައްޔަރުކުރަން ހިންގި "އޮޕަރޭޝަން ލިބަޓީ ޝީލްޑް"ގައި ބައިވެރިވި ކަމަށް ބުނެ އެވެ.
އެ މައްސަލައިގައި އިބްރާހިމް ދީދީގެ މައްޗަށް މިދިޔަ މަހު ދައުވާކުރީ އެ ދައުވާ ނުކުރަން ޕްރޮސެކިއުޓާ ޖެނެރަލް ނިންމަވާފައި އޮތުމަށް ފަހު އެވެ.