ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ދޮށީ ދަރިކަލުން، ފާރިސް މައުމޫނަކީ ހިތްވަރު ގަދަ ބޭފުޅެއް ކަމަށާއި ބިރެއް ނުގަންނާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމުގެ ވޯޓާ ގުޅިގެން މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ހުށަހެޅި ކަމަށް ފާރިސްގެ މައްޗަށް ތުހުމަތުކޮށް، އެކަމާ ގުޅޭ ހެއްކާއި ގަރީނާ ހޯދަން ފުލުހުން މިއަދު އަންނަނީ އޭނާ ދިރިއުޅުއްވާ ގެ ފާސްކުރަމުންނެވެ.
އެކަމާ ގުޅިގެން ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފާރިސްއަކީ "ހިތްވަރު ގަދަ، ސްމާޓް، އަދި ގޮތުގައި ހުންނަވާ ބޭފުޅެއް" ކަމަށެވެ. އަދި ބޮޑުބޭބެ ވިދާޅުވާ ކޮއްކޮގެ ފަހަތްޕުޅުން ރައީސް އަބްދުﷲ ޔާމީން މިހާރު އެ ވަޑައިގަންނަވަނީ ގޮތް ހުސްވެގެން ކަމަށް ވެސް ވިދާޅުވި އެވެ.
ނަޝީދުގެ މި ބަސްފުޅަށް މައުމޫން ވަނީ ޝުކުރު އަދާކުރައްވާފަ އެވެ.
މައުމޫން ވިދާޅުވީ ފާރިސް މަސައްކަތް ކުރައްވަމުން ގެންދަވަނީ ރައްޔިތުންނަށްޓަކައި ކަމަށާއި ސާބިތުކަން މަތީ ދެމިހުންނަވާނެ ކަމަށެވެ. އަދި ސަރުކާރުގެ އަމަލުތަކާ މެދު ރައްޔިތުން ބިރު ނުގަތުމަށް ވެސް އެމަނިކުފާނު އެދިވަޑައިގެންނެވި އެވެ.
"ބާތިލް ދެމިއެއް ނޯންނާނެ. ގުރުއާނުގައި މާތް ﷲ ވަހީކުރެއްވީ ބާތިލަކީ ނެތިވެ، ފިލައިދަނިވި އެއްޗެއް ކަމުގައި،" މައުމޫން ކުރެއްވި ޓްވީޓެއްގައި ވިދާޅުވި އެވެ.
އެމަނިކުފާނު ކުރެއްވި އެހެން ޓްވީޓެއްގައި ވިދާޅުވީ ހުރިހާ ޑިކްޓޭޓަރުންގެ ނިމުން ވެސް ވަރަށް ހިތިވާނެ ކަމަށާއި ތާރީޚުން އެކަން އެނގޭ ކަމަށެވެ.
ފާރިސް ދިރިއުޅުއްވާ ގެ ބަލައި ފާސްކުރަން ކްރިމިނަލް ކޯޓުގެ ގާޒީ އިބްރާހިމް އަލީ ސޮއިކުރައްވައި ރޭ 8:30 ގައި ނެރުއްވި އަމުރުގައި ބުނެފައި ވަނީ ފާރިސްއާ ދެކޮޅަށް އިންޓެލިޖެންސްގެ ސިއްރު މައުލޫމާތާއި ހެއްކެއްގެ ހެކި ބަހާއި ފޯނުން ފެނިފައިވާ މެސެޖްތަކުގެ ތަފްސީލާއި މައްސަލައާ ގުޅުން ހުރި ވީޑިއޯއެއްގެ އޯޑިއޯ ސްކްރިޕްޓް ލިބިފައިވާ ކަމަށެވެ.
ފާސްކުރަން ބޭނުންވާ ތަކެތީގެ ތެރޭގައި ފާރިސްގެ ލެޕްޓޮޕާއި ޗެކު ފޮތްތަކާއި ބޭންކްތަކަށް ހުށަހަޅާ ލިޔުންތަކާއި ސްޓޯރޭޖް ޑިވައިސް އާއި ރިޝްވަތުގެ މައްސަލައާ ގުޅޭ އެހެނިހެން ތަކެތި ހިމެނޭ ކަމަށް އަމުރުގައިވެ އެވެ.
މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލާގައި ޕީޕީއެމްގެ 10 މެމްބަރަކު ސޮއިކުރައްވައި އެ ޕާޓީން ވަނީ ވަކިވެވަޑައިގެންފަ އެވެ.