އައްޑޫ އީކުއެޓޯރިއަލް ކޮންވެންޝަން ސެންޓަރު (އީސީސީ)، ހޮސްޕިޓަލަކަށް ބަދަލު ކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާއިރު، އެ މަޝްރޫއު އަންނަ އަހަރުގެ ޖުލައިމަހު ނިމޭނެ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމް މިއަދު ވިދާޅުވެއްޖެ އެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި 17 ވަނަ ސާކް ސަމިޓް ބާއްވަން އިމާރާތްކުރި އީސީސީ، ހޮސްޕިޓަލަކަށް ބަދަލުކުރުމުގެ މަސައްކަތް މިހާރުގެ ސަރުކާރުން ހަވާލުކޮށްފައި ވަނީ އެލިއާ ކޮންސްޓްރަކްޝަނާ އެވެ.
އެ ކުންފުންޏާ 161.8 މިލިއަން ރުފިޔާ އަށް މަޝްރޫއު ހަވާލުކުރީ ނޮވެމްބަރު 14، 2016 ގަ އެވެ. އެއީ މަސައްކަތް ފަށާތާ 18 މަސް ދުވަހުގެ ތެރޭގައި ނިންމައި ލަސްވެގެން މެއި 8، 2018 ގައި ހަވާލުކުރާ ގޮތަށެވެ.
މިއީ ސައުދީ ފަންޑް ފޮ ޑިވެލޮޕްމަންޓާއި އޯޕެކް ފަންޑް ފޮ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް (އޮފިޑް) އިން ދީފައިނާ ލޯނުގެ އެހީގައި ހިންގާ މަޝްރޫއެކެވެ.
އީސީސީ، ހޮސްޕިޓަލަކަށް ބަދަލުކުރުމުގެ މަސައްކަތް ފަށާފައިވާކަން ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ކުރެއްވި ޓްވީޓެއްގައި ވަނީ ވިދާޅުފަ އެވެ.
އެލިއާ އިން މިހާރު އެތަނުގެ އަމަލީ މަސައްކަތް ކުރަމުން އަންނަ އިރު ހެލްތު މިނިސްޓަރު ނާޒިމް ވަނީ މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވައިފަ އެވެ. އަދި ވިދާޅުވީ މަސައްކަތް ނިންމައިލެވޭނީ އަންނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ އީސީސީގައި ތަރައްގީ ކުރާ 100 އެނދުގެ ހޮސްޕިޓަލްވެގެން ދާނީ ޓާޝަރީ ފެންވަރުގެ ގިނަ ސިއްހީ ހިދުމަތްތައް ލިބިގެން ދާނެ ތަނެއް ކަމަށެވެ. އެގޮތުން އެމްއާރްއައި އާއި ސީޓީ ސްކޭންގެ ހިދުމަތާއި އޮޕަރޭޝަން ތިއޭޓަރުތަކާއި މޯޗަރީއަކާއި ޕްރައިވެޓް ކޮޓަރިތަކެއް ވެސް ހުންނާނެ ކަމަށް ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި އެއީ އައްޑޫގެ ރައްޔިތުންގެ އުންމީދާ ވަރަށް ބޮޑަށް ގުޅިފައިވާ މަޝްރޫއެކެވެ. އެގޮތުން ހޮސްޕިޓަލްގެ ސަބަބުން ގިނަ ވަޒީފާތަކެއް އުފެދި، އިގުތިސާދީ ހަރަކާތްތައް އައްޑޫގައި އިތުރު ވާނެ ކަމަށް ވިދާޅުވި އެވެ.
އީސީސީ، ހޮސްޕިޓަލަކަށް މި ސަރުކާރުން ބަދަލު ކުރަން ނިންމުމާ ގުޅިގެން އައްޑޫ ސިޓީ ކައުންސިލާއި އައްޑޫގެ ބައެއް ރައްޔިތުން ވަނީ އެކަމާ ކުރިން ކަންބޮޑުވުން ވެސް ފާޅުކޮށްފަ އެވެ.
އަދި 100 އެނދުގެ ހޮސްޕިޓަލް އަޅަން ބިމެއް ހަމަޖެހިފައި ވަނިކޮށް، އޭގެ ބަދަލުގައި އީސީސީ ހޮސްޕިޓަލަކަށް ބަދަލު ކުރަނީ އެތަނުގެ އަސްލު ބޭނުން ނުހިފައި ވީރާނާކޮށްލަން ކަމަށް ބުނެފައިވެ އެވެ.
ކައުންސިލުން ބުނާ ގޮތުގައި އީސީސީއަކީ ޓޫރިޒަމާ ގުޅުން ހުރި ދާއިރާއަކުން ތަރައްގީ ކުރެވެން އޮތް ތަނެކެވެ.