މިދިޔަ އަހަރުގެ ސާނަވީ އިމްތިހާންގައި ދުނިޔޭގެ ފެންވަރުގައި އެކި މާއްދާތަކުން ގަދަ 10 ވަނައިގެ ތެރޭގައި ރާއްޖޭގެ 48 ދަރިވަރަކު ހިމެނިއްޖެ އެވެ.
ސާނަވީ އިމްތިހާންގައި ބައިވެރިވެ ވަނަތައް ހޯދި ދަރިވަރުންނަށް އިނާމް ދިނުމަށް ދަރުބާރުގޭގައި ރޭ ބޭއްވި ރަސްމިއްޔާތުގައި ރާއްޖޭގެ ގަދަ 10 ގައި ހިމެނުނު 589 ދަރިވަރަކަށް އިނާމް ދީފައިވެ އެވެ.
ދެހާސްފަނަރަ ވަނަ އަހަރު އޯލެވެލްގެ ގަދަ 10 ގައި ހިމެނިފައި ވަނީ 502 ދަރިވަރުންނެވެ. އެ އަހަރު ދުނިޔޭގެ ފެންވަރުގައި އެކި މާއްދާތަކުން ގަދަ 10 ގައި ރާއްޖޭގެ 40 ދަރިވަރަކު ހިމެނުނެވެ.
މިދިޔަ އަހަރު އޯލެވެލް އިމްތިހާނުން އަށް މާއްދާ އިން އޭ ފާސް ހޯދައިގެން ރާއްޖޭގެ އެއްވަނަ 126 ދަރިވަރުންނަށް ލިބުނެވެ.
އިނާމް ދިނުމަށް ބޭއްވި ހަފްލާގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމް ވިދާޅުވި ގޮތުގައި މިދިޔަ އަހަރު ހޯދި ކާމިޔާބީއަކީ ވޭތުވެ ދިޔަ 84 އަހަރުގެ ތެރޭގައި ހޯދި އެންމެ ފަހުރުވެރި ކާމިޔާބީއެއް ކަމަށެވެ. އަދި މިއީ ގައުމީ ރިކޯޑެއްގެ ގޮތުގައި އޭނާ ސިފަކުރެއްވި އެވެ.
މިނިސްޓަރު ވިދާޅުވީ، މިފަހަރު ހޯދި ކާމިޔާބީން ހާމަކޮށްދެނީ މުޅި ތައުލީމީ ދާއިރާއަށް އަންނަ ކުރިއެރުންތައް ކަމަށެވެ. އެގޮތުން އިނގިރޭސި، ހިސާބު އަދި އެކައުންޓިން އިން މުޅި ދުނިޔެއިން އެއް ވަނަ ހޯދި ދަރިވަރުންގެ ތެރޭގައި ދިވެހި ދަރިވަރުން ހިމެނޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ތިން އަހަރުގެ ތެރޭގައި ހަމައެކަނި ފަސް މާއްދާއިން ފާސްވި ނިސްބަތް 18 ޕަސެންޓް މަތި ކުރެވިފައިވާއިރު، ރައީސް އަބްދުﷲ ޔާމީންގެ ޒައާމަތުގެ ދަށުން ތައުލީމް ފޯރުކޮށްދިނުމުގައި އިންގިލާބީ ބަދަލުތަކެއް އަންނަމުންދާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
ދެހާސް ސޯޅަ ވަނަ އަހަރުގެ ސާނަވީ ތައުލީމު ނިންމާ އިމްތިހާނުތަކުން އެއް ވަނަ ހޯދި ދަރިވަރުންނަށް ހަނދާނީ ލިޔުމާއި ޓްރޮފީ ހަވާލުކޮށްދެއްވީ ނައިބު ރައީސް އަބްދުﷲ ޖިހާދެވެ.