އެމްޕީއެލް އިން މާލޭގެ އުތުރު ބަނދަރުގައި ހިންގާ ކެފޭ ކުއްލި ގޮތަކަށް ބަންދުކޮށް އެތަނުގެ މުވައްޒަފުންނަށް ނޯޓިސްދީފި އެވެ.
އެ ކުންފުނީގެ އޮފިޝަލަކު މިއަދު ވިދާޅުވީ ފަންސާހެއްހާ ދިވެހިން ވަޒީފާ އަދާކުރާ ކެފޭ ބަންދުކޮށްފައިވާއިރު، މި ރޯދަމަސް ނިމެންދެން އެ މުވައްޒަފުންނަށް މުސާރަ ދޭން ނިންމާފައިވާ ކަމަށެވެ.
އެމްޕީއެލްގެ ކޯޕަރޭޓިވް އިން ތަރައްގީކުރި ކެފޭ ބަންދުކުރި ސަބަބެއް އެ ކުންފުންޏަކުން ނުބުނެ އެވެ. ނަމަވެސް އެތަނުން ފައިދާގެ ބަދަލުގައި ގެއްލުންވާ ކަމަށް ވާހަކަ ދެއްކެވޭ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
އެމްޕީއެލް އިން މިދިޔަ ނޮވެމްބަރުމަހު ހުޅުވި ކެފޭ ބަންދުކުރިއިރު، އެތަނާއެކު ހިންގާ ޖޫގޯ ވިއްކާ ތަން ވެސް ވަނީ ބަންދުކޮށްފަ އެވެ.
ދެ ބުރި އަށް ހަދާފައިވާ ކެފޭ ހުޅުވުމުގެ ބޭނުމަކީ އެމްޕީއެލްގެ ބެލުމުގައި ދަށުގައި ބޭނުން ނުކޮށް ހުރި ހުސް ބިންތަކާއި އެ ނޫން ވެސް ތަންތަން ތަރައްގީކޮށް، އާމްދަނީ ލިބޭނެ ކަންކަން ކުރުން ކަމަށް އެތަން ހުޅުވުމުގެ ރަސްމިއްޔާތުގައި ކުރީގެ ސީއީއޯ މުހައްމަދު ޖުނައިދު ވިދާޅުވެފައި އެވެ.
ކެފޭ އާއި ޖޫގޯ ވިއްކާ ތަން ހުޅުވުމުގެ މޭސްތިރިއަކީ މި އަހަރުގެ ފެބްރުއަރީމަހު އިސްތިއުފާ ދެއްވި ސީއީއޯ ޖުނައިދު އެވެ.
އެ ހުރިހާ ތަނެއްގެ ބޭނުމަކީ، އޭނާ ވިދާޅުވެފައިވާ ގޮތުގައި، އެމްޕީއެލް އަށް ލިބޭ އާމްދަނީ އިތުރުކުރުމެވެ. އެ ގޮތުން، އެ ކުންފުނީގެ އާމްދަނީ މިދިޔަ އަހަރު 18 ޕަސެންޓް އިތުރުވެފައިވާ އިރު، މިއަހަރު އެ އަދަދު 30 ޕަސެންޓަށް ޖައްސާނެ ކަމަށް ޖުނައިދު ވިދާޅުވެފައިވެ އެވެ.
އޭނާ ވިދާޅުވެފައިވާ ގޮތުގައި އެމްޕީއެލްގެ މުވައްޒަފުންނަށް އެ ކުންފުނީގެ ބަޖެޓުން ކުރަމުން އައި ޚަރަދު، ކެފޭގެ އާމްދަނީން ހަމަޖެއްސޭ ވަރު ވާނެ އެވެ.