މާލޭގައި ކެފޭއެއްގައި ބަޔަކު ހިފަހައްޓައި، ބިރުދައްކައި އަނިޔާކުރި މައްސަލައިގެ ތުހުމަތަށް ކޯޓު އަމުރެއްގެ ދަށުން ތިން މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ރޭ ބުނެފި އެވެ.
ފުލުހުން ބުނީ އެ މައްސަލާގައި ހައްޔަރުކުރި އެކަކު ކަމަށްވާ ގއ. މާމެންދޫ، އިފްހާމް އަހްމަދު، 20 ދުވަހަށް ބަންދުކުރަން ކްރިމިނަލް ކޯޓުން އަމުރުކޮށްފައިވާ ކަމަށެވެ.
އޭނާގެ މައްޗަށް ފުލުހުން ކުރަނީ މާރާމާރީ ހިންގުމާއި ބިރުދެއްކުން އަދި ޖިނާއީ މަޖުބޫރުކުރުމާއި ހުއްދަ ނޫން ގޮތެއްގައި މީހުން ހިފެހެއްޓުމުގެ ތުހުމަތެވެ.
ފުލުހުން މީޑިއާތަކަށް މިރޭ ފޮނުވި މެސެޖުގައި ބުނީ އިފްހާމާ އެކު ގއ. މާމެންދޫ، ޒެނިތު، އައިހަމް އާދިލް، 24، އާއި ކ. ކާށިދޫ، ދުންތަރި، މުހައްމަދު ޝުނާން، 21، ވެސް މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ ކަމަށެވެ.
އެ ތިން މީހުން ހައްޔަރުކޮށް މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ވަނީ އެ މީހުންގެ މައްޗަށް ތުހުމަތުކުރެވޭ މިންވަރަށް ކޯޓަށް ހެކި ހުށަހަޅައިފަ އެވެ.
އިފްހާމްގެ ބަންދު އަމުރުގައިވާ ގޮތުން އޭނާ ކެފޭއެއްގެ ތެރޭގައި ބަޔަކު ހިފެހެއްޓި އެވެ. އަދި އަނިޔާ ލިބުނު ފަރާތްތަކުގެ ފޯނު ނުދީފި ނަމަ، ބިއްލޫރިފުޅިއަކުން ޖަހާނެ ކަމަށް ބުނެ ބިރުދައްކާފައިވާ ކަމަށް ފުލުހުން ކޯޓުގައި ބުނެފައިވާ ކަމަށް ވެސް އަމުރުގައިވެ އެވެ.
ކެފޭ ތެރޭގައި ތިން ގަޑިއެއްހާއިރު ވަންދެން މީހުން ހިފަހައްޓައިގެން ހުރި އިރު، އަނިޔާ ލިބުނު މީހާގެ ގަދަރާއި އަބުރަށް އުނިކަން އަންނާނެ ގޮތަށް މީހުންގެ ކުރިމަތީގައި ފޯނުން ވީޑިއޯކޮށްފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ.