ޓީއެމްއޭ ސީޕްލޭނެއްގެ ކަނދެއް ބިނދި އެ ބޯޓު އަޑިއަށް ދާން ފެށުމުން އޭގައި ތިބި މީހުން ސަލާމަތްކުރުމަށް، އެ ވަގުތު ޕްލެޓްފޯމް މަތީގައި ތިބި ޕައިލެޓުންނާއި ކްރޫއިން އެއްވެސް ފަސްޖެހުމެއް ނެތި މޫދަށް ފުންމާލާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި މިއަދު އާންމުވެއްޖެ އެވެ. 

އާންމުންގެ މީހަކު ފޭސްބުކްގައި ޕޯސްޓުކުރި އެ ވީޑިއޯގައި ފެންނަނީ އެ ބޯޓު އަޑިއަށް ދާން ފެށުމުން އެވަގުތު ސީޕްލޭން ޓާމިނަލުގެ އޭރޯޑްރޯމް ޕްލެޓްފޯމް މަތީގައި، ޔުނީފޯމުގައި ތިބި ޕައިލެޓުންނާއި ކްރޫއިން ވަގުތުން މޫދަށް ފުންމާލައި، ފަތައިފައި އެ ބޯޓާ ދިމާލަށް ދާ މަންޒަރެވެ.

އެ ވީޑީއޯ ޕޯސްޓްކުރި މައުރޫފް މުހައްމަދު ލިއެފައިވާ ގޮތުގައި ޔުނިފޯމުގައި ތިބި ކްރޫއިން، ފަސިންޖަރުންނާއި އެ މީހުންގެ އަމިއްލަ ޓީމުގެ ބައިވެރިން ސަލާމަތްކުރަން މޫދަށް ފުންމާލި މަންޒަރު ފެނުމުން ލޮލުން ކަރުނަ ހިލި، ހިތް ފުރިގެންދިޔަ ކަމަށެވެ. އޭނާ ވަނީ އެ މީހުންނާ މެދު ވަރަށް ފަހުރުވެރިވާކަން އެ ޕޯސްޓުގައި ހާމަކޮށްފަ އެވެ. 

"އެ ބިރުވެރި ވަގުތުކޮޅުގައި، އެ މީހުން އަމިއްލަ ނަފުސާ މެދު ވިސްނާލުމެއް ނެތް. އެހީތެރިކަމަށް ބޭނުންވެފައި ތިބި ބަޔަކު ފެނުމާ އެކު، ފަސްޖެހުމެއް ނެތި މޫދަށް ފުންމާލީ،" މައުރޫފް ބުންޏެވެ. 

"އެމީހުން ސަލާމަތްކުރުމަށް މަސައްކަތްކުރި ކޮންމެ މީހަކީ ކޮންމެ ވެސް މީހެއްގެ ދަރިއެއް. މަންމައެއް ނުވަތަ ބައްޕައެއް. ހަޔާތުގެ ބައިވެރިއެއް. ނުވަތަ އެކުވެރިއެއް. އެންމެ މުހިންމުވި ވަގުތު، އެ ދިން އެހީތެރިކަން އަހަރެމެންގެ ހިތްތަކުގައި ބިންވަޅު ނެގިފައި ހުންނާނެ." 

ޓީއެމްއޭ ސީޕްލޭނެއްގެ ކަނދެއް ބިނދި އިއްޔެ ހިނގި އެ އެކްސިޑެންޓުގައި ކްރޫއަކަށް އަނިޔާވެ، ވެންޓިލޭޓަރުގައި އޭނާއަށް އަންނަނީ އަދިވެސް ފަރުވާދެމުންނެވެ. 

އިއްޔެ މެންދުރު ހިނގި އެ ހާދިސާގައި އަނިޔާވީ އުމުރުން 20 އަހަރުގެ ފިރިހެނަކަށެވެ. އެ ޒުވާނާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ހާލު ސީރިއަސްކަމުން ފުރަތަމަ ވެސް ފަރުވާ ދޭން ފެށީ އައިސީޔޫގަ އެވެ. އޭނާއަށް އަނިޔާވީ ސީޕްލޭނާއި ޑޮކްއާ ދޭތެރޭ ފިތިގެންކަން އެނގިފައިވެ އެވެ.

ޓީއެމްއޭ އިން މީޑިއާއަށް ބުނެފައި ވަނީ ހާދިސާ ހިނގި ވަގުތު ސީޕްލޭންގައި ތިބި ފަސިންޖަރުންނާއި ކްރޫން ސަލާމަތް ކޮށްފައިވާ ކަމަށެވެ. އަދި ހާދިސާ ހިނގި ގޮތް ބަލައި، ތަފުސީލް އާންމު ކުރާނެ ކަމަށް ބުނި ނަމަވެސް އެ ހާދިސާގައި މީހަކަށް އަނިޔާވި ކަމެއް ޓީއެމްއޭ އިން މީޑިއާއާ ހިއްސާކުރި މައުލޫމާތުތަކުގައި ނެތެވެ.

ސޯޝަލް މީޑިއާގައި ބައެއް މީހުން އާންމުކޮށްފައިވާ ފޮޓޯތަކާއި ވީޑިއޯތަކުން ފެންނަ ގޮތުގައި ސީޕްލޭނުގެ ކަނދު ބިންދައިގެން ގޮސް އަރިއަޅައިލުމުގެ ސަބަބުން އެ ބޯޓަށް ކޮންމެ ވެސް ވަރަކަށް ލޮނު ވަދެފައިވެ އެވެ.

ކަމާބެހޭ އިދާރާތަކުން އަންނަނީ މި ހާދިސާ ތަހުގީގުކުރަމުންނެވެ.