އެއްވެސް ޝަރުތަކާ ނުލައި، ރާއްޖެއިން ނުގުޑާފަދަ އަޒުމެއްގައި އަބަދުވެސް ފަލަސްތީނުގެ ރައްޔިތުންނާ އެކު ދެމިތިބޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ފަލަސްތީނު ރައްޔިތުންގެ ހައްގުގައި ރާއްޖެއިން ނަގާފައިވާ ސްޓޭންޑްގައި ސާބިތުވެތިބޭނެ ކަން ރައީސް ތަކުރާރު ކުރެއްވީ ތުރުކީގެ އަންތާލިޔާގައި ކުރިއަށް ގެންދާ ކޮޕް31ގެ ހަވާސާގައި ފަލަސްތީނުގެ ބޮޑުވަޒީރު ޑރ. މުހައްމަދު މުސްތަފާއާ އެކު މިއަދު ބޭއްވެވި ބައްދަލުވުމުގަ އެވެ. 

ރައީސް އޮފީހުން ބުނީ އެ ބައްދަލުކުރެއްވުމުގައި ރައީސް މުއިއްޒު ވަނީ ފަލަސްތީނުގެ ރައްޔިތުންނާ އެކު ރާއްޖެއިން އެއްވެސް ޝަރުތަކާ ނުލައި، ނުގުޑާ އަޒުމެއްގައި ސާބިތުކަމާ އެކު ދެމިއޮންނާނެ ކަމުގެ ޔަގީންކަން ދެއްވައިފަ ކަމަށެވެ. އަދި މިނިވަންކަމާއި ކަރާމާތާއި އިންސާފު ހޯދުމަށާއި އަމިއްލަ މުސްތަގުބަލު ކަނޑައެޅުމުގެ ހައްގުގައި ފަލަސްތީނުގެ ރައްޔިތުން ކުރަމުން ގެންދާ ހައްގު ޖިހާދަށް ރާއްޖެއިން އަބަދުވެސް ފުރިހަމައަށް ތާއީދުކުރާނެކަން އެމަނިކުފާނު ތަކުރާރުކުރެއްވި ކަމަށް އެ އޮފީހުން ބުންޏެވެ.

މީގެ އިތުރުން، ދެ ގައުމުގެ މި އެއްބައިވަންތަކަމަކީ ދިވެހިންގެ ހިތްތަކުގައި ބިންވަޅު ނެގިފައިވާ ގައުމީ އަގީދާ އާއި އިންސާފާއި އިންސާނިއްޔަތު ކަމަށް ރާއްޖެއިން ޒަމާނުއްސުރެ ދެމުން އަންނަ އަހަންމިއްޔަތުކަން ރަމްޒުކޮށްދޭ ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވި ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ. 

ރައީސް އޮފީހުން ބުނި ގޮތުގައި، 1967 ވަނަ އަހަރުގެ ކުރިން އޮތް ބޯޑަރުތަކުގެ މައްޗަށް ބިނާވެފައިވާ، އަދި އިރުމަތީ ގުދުސްއަކީ އެ ގައުމުގެ ވެރިރަށް ކަމުގައި ކަނޑައެޅިފައިވާ، މިނިވަން އަދި މުސްތަގިއްލު ފަލަސްތީނުގެ ދައުލަތެއް ގާއިމްކުރުމުގެ ހައްގު ހިމެނޭހެން، ފަލަސްތީނުގެ ރައްޔިތުންނަށް ލިބިގެންވާ އަސާސީ އަދި އުނިނުކުރެވޭނެ ހައްގުތަކަށް ރާއްޖެއިން އަބަދުވެސް އުސޫލީ ގޮތުން ތާއީދުކުރަމުންދާނެ ކަމުގެ ޔަގީންކަން ރައީސް މުއިއްޒު ދެއްވި އެވެ. 

ފަލަސްތީނުގެ ރައްޔިތުން ދުވަހަކު ވެސް އެކަނިވެރިވިޔަ ނުދޭނެ ކަމަށާއި އިންސާފާއި މިނިވަންކަމާއި ދެމެހެއްޓެނިވި ސުލްހަ ގާއިމްވަންދެން ރާއްޖެ އަބަދުވެސް ފަލަސްތީނުގެ ރައްޔިތުންނާ އެކު ދެމިއޮންނާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވި ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

ފަލަސްތީނު ރައްޔިތުންގެ ހައްގުގައި ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނައިރު އިރުމަތީ ގުދުސް ހިމެނޭ ގޮތަށް 1967 ވަނަ އަހަރުގެ ކުރިން އޮތް ބޯޑަރުތަކާ އެއްގޮތަށް ފަލަސްތީނުގައި މިނިވަން ދައުލަތެއް ގާއިމުކުރުމާއި އދ. ގެ ފުރިހަމަ މެންބަރުކަން ފަލަސްތީނަށް ދިނުމަށް ރައީސް މުއިއްޒު ވަނީ މީގެ ކުރިން ވެސް އެކި ޕްލެޓްފޯމުތަކުގައި ގޮވާލައްވައިފަ އެވެ.

އިޒުރޭލުގެ މީހުންނަށް ރާއްޖެ އައުން މަނާކޮށް، އިޒުރޭލުގެ ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން މިދިޔަ އަހަރުން ފެށިގެން ވަނީ ގާނޫނީ ގޮތުން މަނާކޮށްފަ އެވެ. އަދި ޑުއަލް ޕާސްޕޯޓު އޮންނަ މީހުންގެ ތެރެއިން އިޒުރޭލުގެ ޕާސްޕޯޓެއް ގެންގުޅޭ މީހުން ރާއްޖެ އެތެރެވުން މަނާކުރުމަށް ވެސް ރާއްޖޭގެ އިމިގްރޭޝަނާ ބެހޭ ގާނޫނަށް އިސްލާހު ގެންނަން ރައްޔިތުންގެ މަޖިލީހަށް މިދިޔަ ހަފުތާގައި ސަރުކާރުން ވަނީ ބިލެއް ހުށަހަޅައިފަ އެވެ.