މިސްކިތްތަކުގެ ހުރުމަތް ކަނޑައިގެން މީގެ ކުރިން އެކި ފަހަރު މަތިން ހައްޔަރުކޮށްފައިވާ ނައުޝާދު މޫސާ، ނަމާދަށް ހުރި މީހެއްގެ ކުރިމަތީގައި ބަރަހަނާވުމުން އަނެއްކާވެސް ހައްޔަރުކޮށްފި އެވެ.
ގ. މާލޭހިޔާ، 2 02-13، ނައުޝާދު 32، މިފަހަރު ހައްޔަރުކުރީ މާލޭ، ފުރުގާން މިސްކިތުގެ އަންހެނުން ނަމާދުކުރާ ބައިގައި ނަމާދަށް ހުރި އަންހެނެއްގެ ކުރިމަތީގައި ބަރަހަނާވި މައްސަލައެއް ރިޕޯޓްކުރުމުންނެވެ.
އޭނާ މިފަހުން ވަނީ، ފުރުގާން މިސްކިތުގެ ތެރެއަށް ގަޟާހާޖާ ކޮށްގެން ވެސް ހައްޔަރުކޮށްފަ އެވެ.
މިސްކިތުގެ ހުރުމަތް ކެނޑޭ ފަދަ އާއްމު އިޖުތިމާއީ މިންގަނޑުތަކާ ހިލާފު އަމަލެއް ހިންގައި، އެ ތަނުގެ ތެރެއަށް ގަޟާހާޖާކުރި ކަމުގެ ތުހުމަތުގައި އޭނާ ހައްޔަރުކުރީ މިދިޔަ މަހުގެ 12 ގަ އެވެ. އޭނާގެ ބަންދަށް ދިން 15 ދުވަހުގެ މުއްދަތު ހަމަވެ، ދެވަނަ ފަހަރަށް މުއްދަތު އިތުރުކުރުމަށް ކޯޓަށް ހާޒިރުކުރުމުން ޝަރީއަތް ނިމެންދެން ބަންދުކުރި އެވެ.
އޭގެ ފަހުން ނައުޝާދުގެ މައްޗަށް ކުށް ސާބިތުވެ، އެއް މަހާއި 15 ދުވަހުގެ ޖަލު ހުކުމެއް މި މަހުގެ އެއް ވަނަ ދުވަހު އިއްވި އެވެ. އެކަމަކު، އެ މައްސަލާގައި ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކުރި އަމުރުގެ ދަށުން އޭނާ ބަންދުގައި އެއް މަހާއި 21 ދުވަހުގެ މުއްދަތެއް ހޭދަކޮށްފައިވާތީ އެ މުއްދަތު އަދަބުން އުނިކުރުމުން، އޭނާ ތަންފީޒުކުރަންޖެހޭ އިތުރު ޖަލު އަދަބެއް ނެތް ކަމަށް ކޯޓުން ކަނޑައެޅި އެވެ.
އެހެންވެ، އޭނާ އަނބުރާ މުޖުތަމައަށް ދޫކޮށްލުމުން، ފަހުން ވެސް އެ މިސްކިތުގައި ނިދާ ފޮޓޯތަކެއް އާންމުވެފައިވެ އެވެ.
ފުލުހުން ބުނީ، އޭގެ ފަހުން ނަމާދަށް ހުރި މީހެއްގެ ކުރިމަތީ ބަރަހަނާވެ، އަމިއްލައަށް ޖިންސީ އެދުން ފުއްދި މައްސަލަ އެ މީހާ ފުލުސް އޮފީހަށް ހާޒިރުވެ ރިޕޯޓުކުރުމުން އެ މައްސަލަ މިހާރު ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
އޭނާ ހައްޔަރުކޮށް ކަމާ ބެހޭ މުއައްސަސާތަކާ ގުޅިގެން އޭނާ، އެފަދަ ކަމެއް ތަކުރާރުނުކުރާނެ ގޮތަށް އަޅަން ޖެހޭ ފިޔަވަޅުތައް އަޅަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.
މީގެ ކުރިން ފުރުގާން މިސްކިތުގައި ހުރި ހަތިމުތައް އުކާލައި، އެ މިސްކިތަށް ގެއްލުންދީ އަދި ކަރަންޓު ބޯޑުތަކެއް ހަލާކުކޮށްލި މައްސަލައެއްގައި ވެސް އޭނާ ހައްޔަރުކުރި އެވެ.
އޭގެ ފަހުން، މިސްކިތުގައި ތިބި އަންހެނުންތަކަކަށް ޖިންސީ ގުނަވަން ދެއްކި މައްސަލައެއްގައި ވެސް ހައްޔަރުކުރި އެވެ.