ވިއްސާރާގައި އައްޑޫގެ "ޒުވާން ދަނޑުވެރިޔާ"ގެ ޑްރެގެން ފްރުޓުތަކަށް ބޮޑު ގެއްލުމެއް އިއްޔެ ވެއްޖެ އެވެ.

އޭނާ "މިހާރު" އަށް މިއަދު ބުނީ ގަސްތަކުގައި ފަންގަސް ޖަހައި، ބޭސް ޖަހައިގެން ރަނގަޅު ކުރެވޭތޯ މަސައްކަތްކުރި ކަމަށެވެ. ނަމަވެސް، ވާރޭވެހި، އެހެން ގަސްތަކަށް ވެސް ފަންގަސް ފެތުރުމުން އެ ހުރިހާ ގަހެއް ކަނޑާލަން މަޖުބޫރުވީ ކަމަށް ބުންޏެވެ.

ފަންގަސް ފެތުރުމުން، 70 ތަނބު ވަނީ ކޮށާލައިފަ އެވެ. އެ ކޮންމެ ތަނބެއްގައި ހަތަރު ގަސް އިނދެ އެވެ. އެއީ ވިއެޓްނާމްގެ ހުދާއި ރަތް ވެރައިޓީގެ ގަސްތަކެކެވެ. 

"ބޭސް ޖަހައި އެ އެއްޗެހި ހިކުމާއި ރަނގަޅަށް ބޮޑުވާން އަވި ބޭނުންވޭ. އެކަމަކު، އަވި ނުލިބި ވިއްސާރަވުމުން މި ގަސްތައް ކަނޑާލަން ޖެހުނުއިރު ގަސްތަކުގައި މާތައް ވެސް ފޮޅިފައި ހުރީ،" ރަމްޒީ ބުންޏެވެ.

"މިއީ މި ދަނޑުގެ 33 ޕަސެންޓު ގަސްތައް. ވަރަށް ބޮޑު ގެއްލުމެއް މި ލިބުނީ މާލީގޮތުން ވެސް." 

އޭނާ ބުނީ އެ ގަސްތައް ކަނޑާލައި އިތުރު ވެރައިޓީގެ ގަސްތައް އިންދާފައިވާ ކަމަށެވެ. 

ރަސްމީކޮށް ދަނޑުވެރިކަމަށް ހުސްވެ، ޑްރެގެން ފްރުޓު ފަދަ މޭވާ ހެއްދުމަކީ ރާއްޖޭގައި އާއްމު ކަމެއް ނޫނެވެ. އެކަން ބަދަލުކޮށްލައި ރަމްޒީ އަންނަނީ އޭނާގެ އުފަން ރަށް، ސ. މީދޫގައި ފުޅާދާއިރާއެއްގައި ދަނޑު ހައްދަމުންނެވެ. އަދި އެ ދަނޑުތައް ބަލަން މީހުން ވެސް ޒިޔާރަތްކުރެ އެވެ.