ކެފޭއެއްގެ ތެރޭގައި ބަޔަކު ތިން ގަޑިއިރު ވަންދެން ހިފަހައްޓައި އެ މީހުންނަށް ބިރު ދައްކައި އަނިޔާކުރި މީހަކު 20 ދުވަހަށް ބަންދުކުރަން ކްރިމިނަލް ކޯޓުން އަމުރުކޮށްފި އެވެ. 

އެ މައްސަލާގައި ހައްޔަރުކުރީ ގއ. މާމެންދޫ، އިފްހާމް އަހުމަދު، 19، އެވެ. 

މާރާމާރީ ހިންގުމާއި ބިރުދެއްކުން އަދި ޖިނާއީ މަޖުބޫރުކުރުމާއި ހުއްދަ ނޫން ގޮތުގައި މީހުން ހިފެހެއްޓި މައްސަލާގައި އޭނާ ހައްޔަރުކޮށް ކޯޓަށް ހާޒިރުކުރުމުން ބަންދަށް   20 ދުވަސް ދީފައި ވަނީ އެ މައްސަލާގައި އޭނާގެ މައްޗަށް ތުހުމަތުކުރެވޭ މިންވަރަށް ހެކި ހުށަހަޅާފައިވާތީ އެވެ. 

މިގޮތަށް ނިންމީ އޭނާ ޝަރުތުތަތަކާ އެކު ބަންދުން ދޫކޮށްދިނުމަށް ދިފާއީ ވަކީލް އެދިވަޑައިގެންފައި ވަނިކޮށެވެ. 

ކްރިމިނަލް ކޯޓުގެ އަމުރުގައިވާ ގޮތުން އަނިޔާ ލިބުނު ފަރާތުގެ ބަޔާނާއި ހެކިންގެ ބަޔާންތަކާއި އަނިޔާ ލިބުނު ފަރާތްތަކުގެ މެޑިކޯ ލީގަލް ރިޕޯޓާއި އެ މީހުންނަށް ލިބުނު އަނިޔާތައް ފެންނަ ފޮޓޯ ރިޕޯޓާއި ސީސީޓީވީ ފޫޓޭޖުތަކުގެ ސްނެޕް ޝޮޓްތަކެއް ހެކީގެ ގޮތުގައި ހުށަހަޅާފައިވެ އެވެ. 

ބަންދު އަމުރުގައިވާ ގޮތުން އޭނާ ކެފޭއެއްގެ ތެރޭގައި ބަޔަކު ހިފަހެހެއްޓި އެވެ. އަދި އަނިޔާ ލިބުނު ފަރާތްތަކުގެ ފޯނު ނުދީފި ނަމަ، ބިއްލޫރިފުޅިއަކުން ޖަހާނެ ކަމަށް ބުނެ ބިރުދައްކާފައިވާ ކަމަށް ފުލުހުން ކޯޓުގައި ބުނެފައިވާ ކަމަށް ވެސް އަމުރުގައިވެ އެވެ. 

ކެފޭ ތެރޭގައި ތިން ގަޑިއެއްހާއިރު ވަންދެން މީހުން ހިފަހައްޓައިގެން ހުރި އިރު، އަނިޔާ ލިބުނު ފަރާތުގެ ގަދަރާއި އަބުރަށް އުނިކަން އަންނާނެ ގޮތަށް މީހުންގެ ކުރިމަތީގައި ފޯނުން ވީޑިއޯކޮށްފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ.