ގައުމީ އެއާލައިން ހިންގާ އައިލެންޑް އޭވިއޭޝަން ސާވިސަސް(އައިއޭއެސް)ގެ މުވައްޒަފުންނަށް ބޯހިޔާވަހިކަމުގެ މަޝްރޫއެއް ހިންގަން ކޮންސަލްޓެންސީ ދޭނެ ބަޔަކު ހޯދަން އިއުލާނުކޮށްފި އެވެ.

އައިއޭއެސް އިން އިއްޔެ ކުރި އިއުލާނެއްގައި ބުނީ އެ ކުންފުނީގެ މުވައްޒަފުންނަށް ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ޑިޒައިން ކުރިއަށް ގެންދަން، ކޮންސަލްޓެންސީ ތަޖުރިބާ ހުރި އަދި ފެންވަރު ރަނގަޅު ކުންފުނިތަކުން ޕްރޮޕޯސަލް ހުށަހަޅަން އެދޭ ކަމަށެވެ. 

އެކަމަށް ޝައުގުވެރިވާ ކުންފުނިތަކުން އެކްސްޕްރެޝަން އޮފް އިންޓަރެސްޓް (އީއޯއައި) ފޯމް ފުރުމަށް ފަހު ފޮނުވަން ޖެހޭނީ އީމެއިލްގެ ޒަރިއްޔާއިން ނެވެ. ފޯމް ހުށަހެޅުމުގެ ސުންގަޑިއަކީ މިމަހުގެ 17 އެވެ.

އައިއޭސްގެ އިއުލާނާ އެކު އާއްމުކޮށްފައިވާ ޑްރޯވިން ގައިޑްލައިނުން އެނގޭ ގޮތުގައި އެ ކުންފުނީގެ މުަވައްޒަފުންނަށް ބޯހިޔާވަހިކަން ދޭން އިމާރާތެއް އަޅަނީ ހުޅުމާލެ 2 ގައިވާ 20،819 އަކަ ފޫޓުގެ ބިމެއްގަ އެވެ.

އެކި ކުންފުނިތަކުން މީގެ ކުރިން ވެސް މުވައްޒަފުންނަށް ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހިންގާފައިވެ އެވެ. ބޯހިޔާވަހިކަމުގެ ވަށައިޖެހޭ ހައްލަކަށް، ސަރުކާރުން ހިންގާ ހައުސިންގެ މަޝްރޫއުތަކަށް ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓުގައި ތިން ބިލިއަން ރުފިޔާ ވަނީ ހިމަނައިފަ އެވެ.