ލޯނެއް ނުދެއްކުމުން ހެވީލޯޑް ކުންފުނީގެ ތިން ރަށެއް ވިއްކާލަން ސިވިލް ކޯޓުން ބީއެމްއެލްއަށް އަނެއްކާވެސް ހުއްދަ ދީފި އެވެ. 

ލޯނުގެ ރަހުނު ގޮތުގައިވާ ތިން ރަށުގެ ވެރިފަރާތަކީ ހެވީލޯޑް ކުންފުންޏާއި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް ރީކޯ މޫސާ މަނިކު އަދި އޭނާގެ ތިން ދަރިންނެވެ. ހެވީލޯޑް ކުންފުނީގައި ވެސް މޫސަ އާއި އޭނާގެ ކުދިންގެ ހިއްސާ އޮވެ އެވެ.

ހެވީލޯޑް ކުންފުންޏަށް ބޭންކް އޮފް މޯލްޑިވްސްއިން ދޫކުރި 11 މިލިއަން ޑޮލަރު (170 މިލިއަން ރުފިޔާ) ގެ ލޯނެއް ނުދެއްކުމުން އެ ކުންފުނީގެ ތިން ރަށެއް ވިއްކާލަން ސިވިލް ކޯޓުން ކުރިން ވެސް ހުއްދަ ދިނެވެ. އެކަމަކު، އެ ހުކުމް ހައި ކޯޓުން ބާތިލުކުރި އެވެ. 

ސިވިލް ކޯޓުން މިދިޔަ މަހުގެ 28 ވަނަ ދުވަހު އަނެއްކާވެސް ވަނީ ތިން ރަށް ވިއްކާލަން ބީއެމްއެލްއަށް ހުއްދަ ދީފަ އެވެ. ސިވިލް ކޯޓުން އެ އަމުރު ނެރުނުއިރު ރަށްތައް ވިއްކާލުމަށާއި އެ އަށް ބީއެމްއެލްއިން އެދުނު އަގަށް ހެވީ ލޯޑް ކުންފުނިން އެއްބަސްވެފައިވެ އެވެ. 

ތިން މަސް ތެރޭ ރަށްތައް ވިއްކާލުމުގެ ހުއްދަ ދީފައިވާއިރު، ކޯޓު އަމުރުގައިވާ ގޮތުން ފުރަތަމަ މަހު ރަށްތައް ވިއްކުމުގެ ފެށޭ އަގަކީ 46 މިލިއަން ޑޮލަރެވެ. ފުރަތަމަ މަހުގެ ތެރޭ ނުވިކިއްޖެ ނަމަ، ދެން ފެށޭ އަގަކީ 40 މިލިއަން ޑޮލަރެވެ. ތިން މަހު ވިއްކުމުގެ ފެށޭ އަގަކީ 38 މިލިއަން ޑޮލަރު ކަމަށް އަމުރުގައިވެ އެވެ. 

ވިއްކާލަން ހުއްދަދީފައިވަނީ ލ. ފަރެސް އާއި ކުޑަ ފަރެސް އަދި ބޮޑުހުރާ އެވެ. އޭގެ ތެރެއިން ފަރެސް އާއި ކުޑަފަރެސްއަކީ ރަހާ ރިސޯޓް ހިންގަމުންދާ ދެ ރަށެވެ. އަދި ބޮޑުހުރާއަކީ ދަނޑުވެރި ކަމަށް ދޫކޮށްފައި އޮންނަ ރަށެކެވެ.

އެ ރަށްރަށުގެ ހެޑް ލީޒް ހަމަވަނީ 2064 ވަނަ އަހަރު އެވެ.