މަހަކު 60،000 ރުފިޔާއަށް ވުރެ ބޮޑު އާމްދަނީއެއް ލިބޭ މީހުން، ސަރުކާރުގެ ހޮސްޕިޓަލްތައް ފިޔަވައި އެހެން ތަންތަނުން ބޭސްފަރުވާކުރާ އިރު ދައްކަން ޖެހޭ ކޯޕޭމަންޓަކީ ބޭސްފަރުވާއަށް ހަރަދުވާ ފައިސާގެ 15 ޕަސެންޓް ކަމަށް ކަނޑަައަޅައި ހެލްތު މިނިސްޓްރީން މިއަދު އެކަން އިއުލާނުކޮށްފި އެވެ.

އެ މިިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައިވާ ގޮތުން، އެ އުސޫލުން ފައިސާ ނަގަން ފަށާނީ އަންނަ ޖެނުއަރީ މަހުން ފެށިގެންނެވެ. 

އިއުލާނުގައިވާ ގޮތުން، އަމިއްލަ ހޮސްޕިޓަލްތަކާއި ކްލިނިކްތަކުން ހިދުމަތް ހޯދާއިރު ކޯޕޭމަންޓްގެ ގޮތުގައި 15 ޕަސެންޓް ދައްކަން ޖެހޭ ގޮތަށް ނިންމި ނަމަވެސް އާސަންދައިގެ ދަށުން ރާއްޖެއިން ބޭރަށް ފަރުވާއަށް ފޮވުމުގައި، މަތީ އާމްދަނީގެ މީހުން އިސްތިސްނާއެއް ނުވާނެ އެވެ. 

މަހަކު 60،000 ރުފިޔާއަށް ވުރެ ބޮޑު އާމްދަނީ ލިބޭ މީހުން ކޯ-ޕޭމަންޓް ދައްކަން ޖެހޭ އުސޫލުން އިސްތިސްނާ ވާނީ ޑޮކްޓަރުންނާއި މެޑިކަލް ދާއިރާގެ ފަންނީ މުވައްޒަފުންނާއި ޕައިލެޓުންނާއި އޭވިއޭޝަން ދާއިރާގެ ފަންނީ މުވައްޒަފުން އަދި އިންޖިނިއަރުންނާއި ސައިންސް ބޭސްޑް ދާއިރާތަކުގެ ފަންނީ މުވައްޒަފުން ކަމަށް ވެސް އެ އިއުލާނުގައި ބުންޏެވެ.

އާމްދަނީގެ ގޮތުގައި މަހަކު 60،000ރ. އަށް ވުރެ ގިނައިން ލިބޭ މީހުންނަށް އާސަންދައިގެ ފުލް ކަވަރޭޖް ނުލިބޭ ގޮތަށް ހަމަޖައްސަން ނިންމީ އާސަންދަ ނިޒާމުގެ އިސްލާހަށް ގެންނަ ބަދަލުތަކުގެ ތެރެއިންނެވެ. 

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ ސެޕްޓެމްބަރު މަހު ވިދާޅުވެފައި ވަނީ އާސަންދަ މިހާރު ދެނީ އެންމެ މުއްސަނދި މީހާ އާއި އެންމެ ފަގީރު މީހާއާ މެދު އެއްވެސް ތަފާތެއް ނެތި ފުލް ކަވަރޭޖު ކަމަށާއި އެއީ އެންމެ ރަނގަޅު ގޮތް ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. 

އެހެންކަމުން، މަހަކު 60،000ރ. އަށް ވުރެ ބޮޑު އާމްދަނީއެއް ލިބޭ މީހުންނަށް އާސަންދަ ދެން ލިބޭނީ "ކޯ-ޕޭ" އަދި "ޕްރީ-ޕޭ"ގެ އުސޫލުން ނުވަތަ ކޮންމެ އަހަރަކު ސަރުކާރަށް ފީއެއް ދައްކައިގެން ކަމަށް ރައީސް ވިދާޅުވި އެވެ. 

ރައީސް ވިދާޅުވީ މި ބަދަލާ އެކު ދައުލަތުގެ ބަޖެޓުން އަހަރަކު 287 މިލިއަން ރުފިޔާ ސަލާމަތްކޮށް ރައްޔިތުން ބޭނުންވާ އެހެން ކަންކަމަށް ހަރަދުކުރެވޭނެ ކަމަށެވެ.