ބޭހަށް އިންޑިއާގެ ޓްރިވެންޑްރަމަށް ގޮސް އުޅެނިކޮށް ގެއްލުނު އަލީ އިބްރާހިމް މިއަދު ފެނިއްޖެ އެވެ.
ރ. މީދޫ މީހެއް ކަމަށްވާ އަލީ އިއްޔެގެ ފަތިހު ހިނގަން ނުކުތް ގޮތަށް ޚަބަރެއް ނުވެގެން ހޯދަމުން ދަނިކޮށް ފެނުނީ މަގުމަތީގައި އިށީނދެ އިންދާ ކަމަށް އެކަމުގެ މައުލޫމާތު އެނގޭ މީހަކު ބުންޏެވެ.
އޭނާ މަގުމަތީ އިށީނދެ އިނީ މަގު އޮޅިގެންނެވެ.
ގެއްލުނުތާ 24 ގަޑިއިރަށް ވުރެ ފަހުން ފެނުނު އިރު އަލީގެ ހާލު ރަނގަޅު ކަމަށް ވެސް އެނގިފައިވެ އެވެ.
އޭނާގެ ދަރިފުޅު "މިހާރު"އަށް ކުރިން ބުނި ގޮތުގައި ބައްޕަ ގެއްލުނީ ކަސްރަތަށް ހިނގަން ފަތިހު ނުކުމެ އުޅެނިކޮށެވެ. ފަތިހު 5:30 ހާއިރު ދިޔަ ގޮތަށް ގެޔަށް ނައިސް ލަސްވުމުން ހޯދަން ފެށީ 9:00 ހާއިރު ކަމަށް އޭނާ ބުންޏެވެ.