މާލެ ވޮކޭޝަނަލް ހައި ސްކޫލުގެ ޕްރިންސިޕަލަކަށް ހިރިޔާ ސްކޫލުގެ ޑެޕިއުޓީ ޕްރިންސިޕް ރާފިއު ޖަމީލު ހަމަޖައްސައިފި އެވެ.

ހިރިޔާ ސްކޫލުގެ ޑެޕިއުޓީ ޕްރިންސިޕަލެއްގެ ގޮތުން ރާފިއު މަސައްކަތް ކުރައްވަން ފެއްޓެވީ މިދިޔަ އަހަރުގެ ޖޫން މަހު އެވެ.

އޭނާ މިއަދު ވަނީ މާލެ ވޮކޭޝަނަލް ހައި ސްކޫލަށް ނުކުންނަވަން ފައްޓަވައިފަ އެވެ.

ރާފިއު ވަނީ ޕްރިންސުޕަލުން ތަމްރީނު ކުރުމަށް އެންމެ ފަހުން ސަރުކާރުން ހިންގި ޕްރޮގްރާމު ވެސް ފުރިހަމަ ކުރައްވައިފަ އެވެ.

ރާފިއު ފުރަތަމަ މަސައްކަތް ކުރެއްވީ ދިވެހި ވަގުތީ ޓީޗަރެއްގެ ގޮތުގަ އެވެ.

ކިޔަވައިދިނުމުގެ ދާއިރާ ރާފިއު ފެއްޓެވީ 2006 ވަނަ އަހަރު ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީއިން ޑިޕްލޮމާ އިން ޓީޗިންގް ސެކަންޑަރީ، އިކޮނޮމިކްސް ފުރިހަމަކުރެއްވުމާ ހިސާބުންނެވެ.

އަމިއްލަ ރަށް، އައްޑޫގައި ހިދުމަތް ކުރެއްވުމަށްފަހު، އިތުރަށް ތައުލީމު ހާސިލުކުރެއްވުމަށް ރާފިއު މާލެއަށް ވަޑައިގަތީ 2010 ވަނަ އަހަރު އެވެ. އޭގެ ފަހުން އޭނާ ވަނީ އޯޕަން ޔުނިވާސިޓީ އޮފް މެލޭޝިއާއިން މާސްޓަސް އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ހާސިލުކުރައްވައި، ތައުލީމީ އަދި އިސްނެގުމުގެ ހުނަރުތައް އިތުރަށް ހަރުދަނާކުރައްވައިފަ އެވެ.

ސްކޫލް މެނޭޖްމަންޓްގެ މުހިންމު މަގާމުތަކެއް ފުރުއްވާފައިވާ ރާފިއު ވަނީ، މެދުނުކެނޑި އަށް އަހަރު ދުވަހު އައްޑޫ ހައި ސްކޫލުގައި އަގުހުރި ހިދުމަތްތަކެއް ކޮށްދެއްވައިފަ އެވެ. ވ. އަތޮޅު ތައުލީމީ މަރުކަޒުގެ ޕްރިންސިޕަލްކަމާއި، އައްޑޫ ހައި ސްކޫލުގެ ޑެޕިއުޓީ ޕްރިންސިޕަލްކަމުގެ މަގާމު ފުރުއްވަމުން، އޭނާ ވަނީ ރަށު ފެންވަރުގައާއި ގައުމީ ފެންވަރުގައި ތައުލީމީ ދާއިރާ ކުރިއެރުވުމަށް ބޮޑެތި ހިދުމަތްތަކެއް ކުރައްވައިފަ އެވެ.