އާއްމު ރައްޔިތުންނަށް ނުލިބޭ އަގުބޮޑު ހެލްތު އިންޝުއަރެންސް ޕެކޭޖެއް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ދައުލަތުން ދޭތީ އެ ހިދުމަތް ކަނޑާލަން ގޮވާލައި ޕެޓިޝަނެއް ހުށަހެޅުމުން، މުޅި ރާއްޖޭގައި ދެމެހެއްޓެނިވި ގޮތަކަށް ހެލްތު އިންޝުއަރެންސް ދޭނެ ގޮތް ބަލަން ދިރާސާއެއް ކުރަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިއަދު ނިންމައިފި އެވެ.

"ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ދޭ އަގުބޮޑު ހެލްތު އިންޝުއަރެންސް ކަނޑާލަން" ގޮވާލައި 7،000 އަށް ވުރެ ގިނަ މީހުން ސޮއިކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ޕެޓިޝަނަށް މަޖިލީހުގެ ތަޅުމުގައި ބަހުސްކުރުމަށް ފަހު އެ ޕެޓިޝަން ދިރާސާކުރަން ފޮނުވީ މާލިއްޔަތު ކޮމިޓިއަށެވެ. 

ދެމެހެއްޓެނިވި ގޮތަކަށް އެންމެނަށް ހެލްތު އިންޝުއަރެންސްގެ ހިދުމަތް ދެވޭނެ ގޮތެއް ދިރާސާކުރަން  ޕެޓިޝަނާ ގުޅޭ ގޮތުން މަޝްވަރާކުަރަން މާލިއްޔަތު ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި ހުށަހެޅުއްވީ ހިތަދޫ މެދުދާއިރާގެ މެންބަރު އަހުމަދު އަޒާން މަރުޒޫގެވެ. އެ ހުށަހެޅުއްވުމަށް ތާއީދުކުރެއްވީ ހުޅުމާލެދެކުނު ދާއިރާގެ މެންބަރު ޑރ. އަހުމަދު ޝަމްހީދެވެ. އެ ހުށަހެޅުން ފާސްކުރީ ކޮމިޓީގެ ބައްދަލުވުމުގައި އެ ވަގުތު ތިއްބެވި މެންބަރުންގެ އިއްތިފާގުންނެވެ.

އެ ބައްދަލުވުމުގައި އަޒާން ވިދާޅުވީ މެންބަރުންނަށް އިންޝުއަރެންސް ލިބެނީ ވަކި ގާނޫނެއްގެ ދަށުން ކަމަށާއި ދައުލަތުގެ އެހެން ގިނަ މުއައްސަސާތަކެއްގެ މުވައްޒަފުންނަށް ވެސް އާސަންދައިގެ އިތުރުން ހެލްތު އިންޝުއަރެންސް ލިބޭ ކަމަށެވެ. އޭގެ ތެރޭގައި ވަޒީރުންގެ މަޖިލީހާއި ކޯޓުތަކުގެ މުވައްޒަފުން ހިމެނޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އާއްމު ރައްޔިތުންނަށް މި ލިބެނީ އާސަންދަ، އާސަންދައިގެ ބޭރުުން ހަމަ ދައުލަތުން ހަރަދުކޮށްގެން [އެހުރިހާ މުއައްސަސާތަކަށް] އިންޝުއަރެންސެއް އެބަ ލިބޭ. މިއީ ކަނޑައެޅޭ ނިޒާމެއްގެ ތެރެއިން ވަކި ފްރޭމެއްގެ ތެރެއިން ދެމުން ގެންދާ އެއްޗެއް. ދެން މިހެން މިކަން އޮންނަ އިރު ހަމަ އެކަނި ރައްޔިތުންގެ މަޖިލިސް މެންބަރުންގެ އިންޝުއަރެންސް މިގޮތަށް ކަނޑާލުމަށް ވުރެ، އެއަށް ވުރެ ދެމެހެއްޓެނިވި ގޮތަކަށް މިކަންތައް އަޅުގަނޑުމެން ކުރަން ޖެހޭނީ،" އަޒާން ވިދާޅުވި އެވެ.

މެންބަރުންގެ ހެލްތުއިންޝުއަރެންސް ކަނޑާލަން ރައްޔިތުންތަކެއް ހުށަހަޅާނީ ކަންބޮޑުވުން އޮތުމުން ކަމަށާއި އެކަން ބަލައިގަންނަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެކަމަކު އެފަދަ ބަދަލެއް ގެންނަން ޖެހޭނީ ދައުލަތުން ހެލްތު އިންޝުއަރެންސްގެ ހިދުމަތް ލިބޭ އެންމެން ހިމެނޭ ގޮތަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މިއަށް ބަދަލެއް ގެންނަ ނަމަ އެ ބަދަލު ގެންނަން ޖެހޭނީ އަޅުގަނޑު އިސްވެ މި ދެންނެވި ހުރިހާ ފަރާތްތަކަށް ވެސް މި އިންޝުއަރެންސް ކަނޑާލަންޏާ ކަނޑާލަންވީ ނޫނީ ބަދަލެއް ގެނަންޏާ ބަދަލު ގެންނަންވީ،" އަޒާން ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި މެންބަރުން ބައިވެރިވެވަޑައިގަންނަވަނީ. ފޮޓޯ: މަޖިލީހުގެ އިދާރާ
ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި މެންބަރުން ބައިވެރިވެވަޑައިގަންނަވަނީ. ފޮޓޯ: މަޖިލީހުގެ އިދާރާ

އެއާ އެކު އޭނާ ހުށަހެޅުއްވި ކަމާ ބެހޭ ހުރިހާ އިދާރާއެއްގެ މަޝްވަރާ ހޯދައި ސަރުކާރުގެ ވިސްނުން ވެސް ބަލައިގެން އެންމެ ހަރަދުކުޑަވާނެ ގޮތަކަށް ހެލްތު އިންޝުއަރެންސްގެ ކަންތައް ބަދަލުކުރާށެވެ. އެކަމަށް ދިރާސާއެއް ކުރަން ފެންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އަޒާންގެ ހުށަހެޅުއްވުމަށް ތާއީދުކުރައްވައި ޑރ.ޝަމްހީދު ހުށަހެޅުއްވީ މާލިއްޔަތު ކޮމިޓީން ކުޑަ ކޮމިޓީއެއް ނަގައިގެން މުޅި މައްސަަލަ ދިރާސާކުރާށެވެ.

މެންބަރުންނަށް ދޭ ފަދަ ހެލްތު އިންޝުއަރެންސް ޕެކޭޖެއް ހުރިހާ ރައްޔިތުންނަށް ދޭން މަޖިލީހުގައި ކުރި ބަހުސްގައި ބައެއް މެންބަރުން ގޮވާލެއްވިކަން ފާހަގަކުރައްވަައި އޭނާ ވިދާޅުވީ އޭރުން ހަރަދުކުޑަވާނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ. 

"އެހެންވީމާ ރައްޔިތުން އޭރަކުން މީހުން ކައިރީ ސަލާން ޖަހާކަށް ވެސް  ނުޖެހޭނެ  ރާއްޖެއިން ބޭރަށް ގޮސް ބޭސްފަރުވާކުރާކަށް. އަދި ދައުލަތުން ކުރާ ޖުމްލަ ހޭދަ ކުޑަވެގެން ވެސް ހިނގައިދާނެ،" ޝަމްހީދު ވިދާޅުވި އެވެ.

ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލް ޣަފޫރު މޫސާ ވިދާޅުވީ ހެލްތު އިންޝުއަރެެންސްގެ މައްސަލާގައި ރައްޔިތުން ހިތްހަމަ  ނުޖެހެނީ އެކަން އިންސާފުވެރިނުވާތީ ކަމަށާއި އެކަމަކު އާސަންދައިން ކުރާ ހަރަދު ބޮލަކަށް ޖެހޭ ވަރު ބަލައިފިއްޔާ މާ ބޮޑުވާނެ ކަމަށެވެ. 

"އެހެންވީމާ  އެ ހިދުމަތް ނުލިބޭ ހިނދެއްގައި ރައްޔިތުންގެ ޝަކުވާ އަންނަންޏާ، މުޅި ލިބެމުން އައި ހިދުމަތަށް އަޅުގަނޑުމެން ފޯކަސްކުރަން ޖެހޭނެ،" ޣަފޫރު ވިދާޅުވި އެވެ.

ސިއްހީ ނިޒާމަށް ކުރާ ހަރަދު މިހާރު އޮތީ ދެމެހެއްޓެނިވި ގޮތަކަށް ނޫން ކަމަށާއި ހެލްތު މިނިސްޓްރީއާއި އާސަންދައިގެ ހަރަދު އެއްކޮށްލުމުން ޖުމްލަ ފަސް ބިލިއަނަށް އަރާކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މެންބަރުންނަށް ދޭ ހެލްތު އިންޝުއަރެންސް ކަނޑާލަން ގޮވާލައި މަޖިލީހަށް ހުށަހެޅި ޕެޓިޝަނަށް ތަޅުމުގައި ބަހުސް ކުރި އިރު ވެސް ބައެއް މެމްބަރުން ހަމަ މި މޭރުމުން ވާހަކަދެއްކެވި އެވެ. 

ދައުލަތުން ދޭ ޔުނިވާސަލް ހެލްތު އިންޝުއަރެންސް "އާސަންދަ"އިގެ ބަދަލުގައި ހުރިހާ ރައްޔިތުން އެލައިޑް އިންޝުއަރެންސްގައި ބައިވެރިކުރަން ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެންބަރު އަދި ޕީއެންސީ ޕާލަމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު މުހައްމަދު ޝާހިދު އޭރު ގޮވާލެއްވި އެވެ.

އޭނާ ވިދާޅުވީ މެންބަރުން ބައިވެރިކޮށްފައިވާ ފަދަ އިންޝުއަރެންސް ސްކީމެއްގައި ހުރިހާ ރައްޔިތުން ބައިވެރިކޮށްފި ނަމަ ދައުލަަތަށް ހަރަދު ކުޑަވާނެ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި ރައްޔިތުންނަށް ނުލިބޭ ފަދަ އަގުބޮޑު ހެލްތު އިންޝުއަރެންސް ޕެކޭޖެއް މެންބަރުންނަށް ދޭ ކަމަށް ބުނާ ބުނުމަކީ އޮޅުވާލުމެކެވެ.