ތ. ވިލުފުށީގައި އިމާރާތްކޮށްފައިވާ 100 ހައުސިން ޔުނިޓަށް އެދި ފޯމު ހުށަހެޅި މީހުންގެ ވެރިފިކޭޝަން މަރުހަލާ ނިންމައި އެ މީހުންނަށް ލިބުނު ޕޮއިންޓު ހިޔާވެހި ޕޯޓަލްގައި އާންމުކޮށްފި އެވެ. 

ހައުސިން މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ ސަރުކާރުގެ 'ބޯހިޔާވަހިކަން އެންމެންނަށް' ސިޔާސަތުގެ ދަށުން ވިލުފުށީގައި އިމާރާތްކޮށްފައިވާ 100 ހައުސިން ޔުނިޓް ދޫކުރުމަށް ހަމަޖެހިފައިވާ ގޮތުގެ އުސޫލާ އެއްގޮތަށް ވެރިފިކޭޝަން މަރުހަލާ ނިމިފައިވާ ކަމަށެވެ. 

މިނިސްޓްރީން ބުނީ ހައުސިން ޔުނިޓަށް އެދި ފޯމު ހުށަހެޅި މީހުން ހިޔާވެހި ޕޯޓަލް އަށް ލޮގިންވުމުން، ފޯމަށް ލިބިފައިވާ ޕޮއިންޓް ފެންނާނެ ކަމަށެވެ. 

ހައުސިން މިނިސްޓްރީން ބުނި ގޮތުގައި، ލިބިފައިވާ ޕޮއިންޓާ މެދު ޝަކުވާއެއް ހުށަހަޅަން ބޭނުންވާ ނަމަ ޕޯޓަލް މެދުވެރިކޮށް ޝަކުވާ ހުށަހެޅޭނެ އެވެ. ޝަކުވާ ހުށަހެޅޭނީ އަންނަ ނޮވެމްބަރު މަހުގެ 10 ވަނަ ދުވަހުގެ މެންދުރު 2:00 ގެ ނިޔަލަށެވެ. 

މިނިސްޓްރީން ބުނީ ހިޔާވެހި ޕޯޓަލް ނޫން އެހެން ގޮތަކުން ހުށަހަޅާ ޝަކުވާތަކާއި އެ މުއްދަތު ހަމަވުމަށް ފަހު ހުށަހަޅާ ޝަކުވާތައް ބަލައިނުގަންނާނެ ކަމަށެވެ. 

ވިލުފުށިން ދޫކުރަނީ ތިން ކޮޓަރި އާއި ތިން ފާހާނާ އާއި ސިޓިން ރޫމެއް އަދި ބަދިގެއެެއް ހިމެނޭ ހައުސިން ޔުނިޓްތަކެކެވެ. އެއިން ކޮންމެ ހައުސިން ޔުނިޓެއް އިމާރާތްކޮށްފައި ވަނީ 2،000 އަކަފޫޓުގެ ބަންޑާރަގޯއްޗެއްގަ އެވެ.