އޮންލައިންކޮށް ހިންގި 32،000ރ. ގެ ސްކޭމެއްގެ މައްސަލާގައި ތިން މީހަކު ފުލުހުން ހައްޔަރުކޮށްފި އެވެ.
ފުލުހުން މިއަދު ބުނީ އެއީ ވަޓްސްއެޕް މެދުވެރިކޮށް ވާހަކަދައްކައި، މަކަރާއި ހީލަތުން ފައިސާ އަތުލާފައިވާ ކަމަށް މި މަހުގެ 13 ވަނަ ދުވަހު ރިޕޯޓްކޮށްފައިވާ މައްސަލައަކާ ގުޅިގެން ހައްޔަރުކުރި ބައެއް ކަމަށެވެ.
އެ މައްސަލާގައި ހައްޔަރުކުރީ ހ. ވެލަސްފަރުގެ، ހުސައިން ސާމިރު، 40، އާއި ދަފްތަރު ނަންބަރު ރސ 6007، މުހައްމަދު ރީހާން، 33، އަދި ހ. ޖޯޖެޑްވިލާ، އަހްމަދު ސުޖާއު، 46، އެވެ.
ފުލުހުން ބުނީ އެ ތިން މީހުންގެ ތެރެއިން ހުސައިން ސާމިރު އާއި އަހްމަދު ސުޖާއު 15 ދުވަހަށް އަދި މުހައްމަދު ރީހާން ހަތް ދުވަހަށް ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައިވާ ކަމަށެވެ.
ސްކޭމްގެ މައްސަލަތަކުން ރައްކާތެރިވުމަށް، އޮންލައިން ޕްލެޓްފޯމްތައް މެދުވެރިކޮށް ފޮނުވާ ގޮތް ނޭނގޭ ލިންކުތަކަށް ނުވަނުމަށާއި އޯޓީޕީ ކޯޑު ހިއްސާނުކުރުމަށާއި އޮންލައިންކޮށް ވިޔަފާރިކުރުމާއި ފައިސާގެ މުއާމަލާތްތައް ހިންގުމުގައި، މުއާމަލާތުކުރެވޭ ފަރާތުގެ ސައްހަކަން ކަށަވަރުކުރުމަށާއި އަދި ޒާތީ މައުލޫމާތާއި ބޭންކިން ތަފުސީލުތައް އެހެން ފަރާތްތަކާ ހިއްސާނުކުރުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ އެވެ.
ފުލުހުން ބުނީ މަކަރާއި ހީލަތުގެ އަމަލެއް ފާހަގަކުރެވިއްޖެ ނަމަ ލަސްނުކޮށް ފުލުހުންގެ ހޮޓްލައިން ނަމްބަރު 3322111 އަށް ނުވަތަ ފުލުހުންގެ އެންޓި-ސްކޭމް ސެންޓަރަށް ރިޕޯޓުކުރުން އެދޭ ކަމަށެވެ.