ބޮޑުތަކުރުފާނު މަގު މަރާމާތު ކުރުމުގެ މަސައްކަތަށް ސުނާމީ ބިނާއިން ފެށިގެން ސޯޝަލް ސެންޓަރާ ހަމައަށް އޮތް ސަރަހައްދު ބަންދުކުރުމަށް އެހިސާބުގައި ޕާކުކޮށްފައި ހުރި އުޅަނދުތައް ނެގުމަށް އަންގައިފި އެވެ.

ސޯޝަލް މީޑިއާގައި ފުލުހުން މިއަދު އާންމުކުރި ޕޯސްޓެއްގައި ބުނީ އެ މަސައްކަތް ކުރުމަށް އެ ސަރަހައްދުގެ ޓްރެފިކަށް ބަދަލު ގެނެސް މަގު ބަންދުކުރުމަށް ނިންމާފައި ވަނީ މިރޭ ދަންވަރު 12:00 އިން ފެށިގެންކަމަށެވެ.

އެ ބަދަލުގެ ސަބަބުން ދަތުރުފަތުރުކުރާ މީހުންނަށާއި އާންމު ރައްޔިތުންނަށް ދިމާވެދާނެ ދަތިތަކަށް މައާފަށް އެދޭ ކަމަށާއި، އެފަދަ ކަންކަމުގައި އާންމުންގެ ފަރާތުން ލިބޭ އެއްބާރުލުމަށް ޝުކުރު އަދާކުރާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

މާލޭގެ ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްގީކޮށް މަރާމާތުކުރުމުގެ ބޮޑު މަޝްރޫއެއް ސަރުކާރުން ވަނީ އެމްޓީސީސީއާ ހަވާލުކޮށްފަ އެވެ. އެއީ މާލޭގެ އުތުރު ފަރާތުގެ ބޮޑުތަކުރުފާނު މަގު ފުޅާކުރުމާއި ތާރުއަޅައިގެން ދަތުރުފަތުރަށާއި ހިނގާބިނގާވެ އުޅުމަށް ފަސޭހަވާނެހެން ފަރުމާކޮށްގެން ކުރިއަށްގެންދާ މަސައްކަތެކެވެ.