އެންޓި ސްކޭމް ސެންޓަރުން ތަހުގީގުކުރަމުންދާ 30،000ރ. ގެ ސްކޭމެއްގެ މައްސަލައެއްގައި އަންހެނަކު އުޅޭ ވަކި ތަނެއް ނޭނގިގެން ޗިޓު ހަވާލުނުކުރެވިގެން އޭނާ ފުލުހުންގެ އިދާރާއަށް ހާޒިރުވާން އަންގައިފި އެވެ. 

ފޮޓޯއާ އެކު ފުލުހުން އާންމުކޮށްފައި ވަނީ މ. ގޯބިލިގަސްދޮށުގެ ސަލީމާ ސަލީމްގެ މައުލޫމާތެވެ. އުމުރުން 54 އަހަރުގެ އެ މީހާއަކީ ސްކޭމްކޮށްގެން ހޯދި ފައިސާ ފިހާރައެއްގެ އެކައުންޓަށް ޖަމާކޮށް މުދަލާ ހަވާލުވާން ދިޔަ މީހާ އެވެ. 

ފުލުހުން ބުނީ އެންޓި-ސްކޭމް ސެންޓަރުން ތަހުގީގު ކުރަމުންދާ މައްސަލައެއްގެ ތަހުގީގަށް އޭނާ ހާޒިރުކުރަން ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާ ކަމަށެވެ. 

އެހެންވެ، ޖިނާއި މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާނުކުރީ ކަމަށް އެ އިދާރާ އިން ބުންޏެވެ. 

ފުލުހުން، އޭނާއަށް އަންގާފައި ވަނީ އަންނަ ހޯމަ ދުވަހުގެ ހެނދުނު 10:00 ގައި ސާޖަންޓް އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންއަށް ހާޒިރުވުމަށެވެ. 

މީގެ ކުރިން ވެސް ވަނީ މިފަދަ އެކި މައްސަލަތަކުގައި މީހުން އުޅޭ ވަކި ތަނެއް ނޭނގިގެން އެމީހުން ހޯދުމަށް އާންމުކޮށްފަ އެވެ.