ހައުސިން މިނިސްޓްރީން ހިންގާ މަޝްރޫއުތަކަށް ޖުމްލަ 58.8 ބިލިއަން ރުފިޔާގެ ބަޖެޓެއް ބޭނުންވާ ކަމަށް މިނިސްޓަރު ޑރ.އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ.އަހުމަދު ޝަމްހީދު ލިއުމުން ޖަވާބު ހޯއްދަވަން އެދިވަޑައިގެން ފޮނުއްވި ސުވާލަަކަށް ދެއްވި ޖަވާބުގައި މިނިސްޓަރު ވިދާޅުވީ މަޝްރޫއުތައް ނިންމަން 58.8 ބިލިއަން ރުފިޔާ ބޭނުންވާ ކަމަށާއި އެކަމަކު މިއަހަރުގެ ބަޖެޓްގައި ވަކި މަޝްރޫއުތަކަަށް ވަކިވަރެއް ކަނޑައަޅާފައި ނުވާ ކަމަށެވެ.

މަޝްރޫއަކަށް ހަރަދުކުރާނެ ބަޖެޓް ކަނޑައަޅަނީ އޭނާ ވިދާޅުވި ގޮތުގައި ފިނޭންސް މިނިސްޓްރީންނެވެ.

"... ދެހާސް ސައްބީސްވަނަ އަހަރުގެ މަޝްރޫއުތައް ހިންގުމަށް ހަމަޖައްސާފައި ވަނީ ޕްރޮގްރާމް ބަޖެޓެކެވެ. މިގޮތަށް މަޝްރޫއުތައް ކުރިއަށް ގެންދަން ރާވާފައިވާ ޕްލޭނާ އެެއްގޮތަށް މަޝްރޫއުތަކަށް ބަޖެޓް ހަމަޖައްސަވަނީ މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިޒް އިންނެވެ،" މަޖިލީހަށް ލިއުމުން ފޮނުއްވި ޖަވާބުގައި މުއްތަލިބު ވިދާޅުވި އެވެ.

ހައުސިން މިނިސްޓްރީގެ މަޝްރޫއުތަކަށް 58 ބިލިއަން ރުފިޔާއަށް ވުރެ ގިނަ ރުފިޔާ ބޭނުންވާ ކަމަށް އޭނާ ވިދާޅުވި އިރު ދައުލަތުން މިއަހަރަށް ކަނޑައެޅި ޖުމްލަ ބަޖެޓަކީ 64.2 ބިލިއަން ރުފިޔާ އެވެ. އޭގެ ތެރެއިން 22.8 ބިލިއަން ރުފިޔާ މީހުންގެ މުސާރަ އާއި އިދާރީ ކަންކަަމަށް ހަރަދުވާނެކަމަށް ލަފާކޮށްފައި ވެ އެވެ. 

ރާއްޖޭގައި މި ވަގުތު 1،273 ޕްރޮޖެކްޓެއްގައި ސޮއިކޮށް، ކުރިއަށްދާ ކަމަށާއި އެ ހުރިހާ ޕްރޮޖެކްޓެއް ވެސް ނިންމުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު ރޭ ވިދާޅުވި އެވެ.

ސަރުކާރުން ކުރިއަށްގެންދާ "އަހާ" ފޯރަމްގައި މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޒަރީރު ވިދާޅުވީ، މާޗް މަހު ފެށުނު މެދުއިރުމަތީގެ ހަނގުރާމައާ ހެދި، ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުތައް ކޮންމެވެސް ވަރަކަށް ލަސްވެފައިވާ ކަމަށެވެ. އޭގެ ސަބަބަކީ ޒަރީރު ވިދާޅުވި ގޮތުގައި ރޮކް ބޯލްޑާ (ހިލަ) ފަދަ މެޓީރިއަލް ގެނައުމުގައި ދަތިތައް ދިމާވެފައިވާތީ އެވެ.

މިއަހަރުގެ ބަޖެޓުގައި ބަނދަރު ތަރައްގީ ކުރުމަށް 393 މިލިއަން ރުފިޔާ ހިމަނާފައިވެ އެވެ.

ޒަރީރު ވިދާޅުވީ، މަޝްރޫއުތައް ލަސްވި ނަމަވެސް، އެ މިނިސްޓްރީގެ މޮނިޓަރިން ޓީމުން އެކަންކަން ބަލައި އިސްކަން ދޭން ޖެހޭ ތަރުތީބުން ޕްރޮޖެކްޓްތައް ކުރިއަށް ގެންދިއުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

"ޕްރޮޖެކްޓްތައް އަޅުގަނޑުމެން މިގެންދަނީ ވަކި ގޮތަކަށް ޕްރިއޯރަޓައިޒްކޮށްގެން އެ ވަޒީރެއް ހިންގަވާ ޕްރޮޖެކްޓެއް އެ ވަޒީރެއްގެ ދަށުން ބައްލަވައިގެން، އަދި އަޅުގަނޑުމެން އެ ޕްރިއޯރިޓީޒްތަކާ އެއްގޮތަށް ފައިސާ ވެސް އެލޮކޭޓް ކުރަމުން މި ގެންދަނީ. އެހެންވީމަ ހުރިހާ ރަށެއްގެ ހުރިހާ ޕްރޮޖެކްޓްތަކެއް ވެސް އަޅުގަނޑުމެންނަށް  ޕްރިއޯރަޓައިޒް ކުރެވިފައިވާ ގޮތަށް ކުރިއަށް ގެންދެވޭތޯ މަސައްކަތް މިކުރަނީ ފައިސާގެ އެވައިލިބިޓީއަށް ބަލާފައި،" އޭނާ ވިދާޅުވި އެވެ.

މިއަހަރުގެ ބަޖެޓުގައި ޕީއެސްއައިޕީ މަޝްރޫއުތަކަށް 8.3 ބިލިއަން ރުފިޔާ ކަނޑައަޅާފައިވެ އެވެ. މިހާތަނަށް އެ ބަޖެޓުން 4.8 ބިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ.