ގާނޫނީ ދާއިރާގެ ހުރިހާ އިމްތިހާނެއް މަތީތައުލީމު ހާސިލުކުރާ މަރުކަޒަށް ހާޒިރުވެގެން ހަދަން ޖެހޭ ގޮތަށް ބާ ކައުންސިލުގެ ގަވައިދަށް ގެނައި ބަދަލަކާ މެދު ކަންބޮޑުވުން ފާޅުކޮށް، ދަރިވަރުންތަކެއް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ޕެޓިޝަނަށް ރައްޔިތުންގެ މަޖިލީހުގައި މިއަދު ބަހުސް ފަށައިފި އެވެ.
ޒިކްރާ އިންޓަނޭޝަނަލް ކޮލެޖާއި ވިލާ ކޮލެޖާއި އެވިޑް ކޮލެޖްގެ ދަރިވަރުން ހުށަހެޅި އެ ޕެޓިޝަނުގައި ކަންބޮޑުވުން ފާޅުކޮށްފައި އޮތީ ބާ ކައުންސިލުގެ "ކޮލިފައިން ލޯ ޑިގްރީ ޕްރޮގްރާމްތަކުގެ އެންމެ ދަށް މިންގަނޑުތައް" ބަޔާންކުރާ ގަވައިދަށް ގެނައި ދެވަނަ އިސްލާހާ ހެދި އެވެ. ގަވާއިދުގެ އެ މާއްދާގައި އޮތީ، އެ އިސްލާހު ގެނައުމުގެ ކުރިން ކޯސް ފެށި ދަރިވަރުންގެ މައްޗަށް ވެސް ހިނގާ ގޮތަށެވެ.
ބާކައުންސިލުން ގެނައި އިސްލާހުގައި އޮތީ ޖެނުއަރީ 1، 2027 އިން ފެށިގެން ގާނޫނީ ދާއިރާގެ ޑިގްރީ ޕްރޮގްރާމްތަކުގެ ހުރިހާ އިމްތިހާނުތަކެއް ދަރިވަރުން ކިޔަވާ މަރުކަޒަށް ހާޒިރުވެގެން ހަދަން ލާޒިމުކޮށްފަ އެވެ.
މިހާރު ވެސް ކިޔަވަމުން އަންނަ ދަރިވަރުންނަށް އާ އުސޫލު ހިނގާތީ މަޖިލީހަށް ހުށަހެޅި ޕެޓިޝަންގައި ބުނީ ދަރިވަރުން ކޯހާ ގުޅުނީ އޮންލައިންކޮށް އިމްތިހާނު ދެވޭނެ ކަމުގެ ސައްހަ ހުއްދަ އޮތް ނިޒާމެއްގެ ތެރެއިން ކަމަށެވެ. އެހެންވެ ކޯހުގެ މެދުތެރެއިން މިފަދަ އަސާސީ ޝަރުތެއް ބަދަލުކުރުމަކީ އިދާރީ ގާނޫނުން ދަރިވަރުންނަށް ލިބިދޭ "މަގުބޫލު އުންމީދުގެ ހައްގު" ގެއްލޭ ކަމެއް ކަމަށް ވެސް އެ ޕެޓިޝަނުގައި ބުންޏެވެ.
ރައްޔިތުންގެ މަޖިލީހުގައި ބަހުސް ކުރާ ވަރަށް ސޮއި ހަމަކޮށްފައިވާ އެ ޕެޓިޝަނަށް މިއަދުގެ ޖަލްސާގެ ބަހުސްގައި މަނަދޫ ދާއިރާގެ މެންބަރު ހުސްނީ މުބާރިކް ވިދާޅުވީ ކޮލިފައިން ލޯ ޑިގްރީ ޕްރޮގްރާމްތަކުގެ ގަވައިދަށް ބަދަލު ގެނައުަމަކީ ބާކައުންސިލަށް އޮތް ބާރެއް ކަމަށާއި މައްސަލައަކަށް ވެގެން އުޅެނީ ކޯހުގެ މެދުތެރެއިން ގަވައިދު ބަދަލުކުރުމުން ކަމަށެވެ.
އޭނާ ވިދާޅުވީ ގަވައިދު ބަދަލުކުރުމުގެ ކުރިން ކޯސް ފެށި ދަރިވަރުންނަށް، ކުރިން އޮތް ގަވައިދާ އެއްގޮތަށް ކޯސް ފުރިހަމަކުރުމުގެ ފުރުސަތު ލިބެން ޖެހޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
"ގާނޫނީ އާއްމު އުސޫލަކީ ވެސް އާއްމު ހަމަތަކަކީ ވެސް، ގާނޫނުތަކުގައި ވެސް ހަމަ ރެޓްރޮސްޕެކްޓިވްކޮށް އެޕްލައިއެއް ނުކުރޭ ގަވައިދުތަކުގައި ވެސް. ރަޖުއީކޮށް އެ ތަތުބީއުކުރެވިގެންދާ އުސޫލެއް ނޫން މި އޮންނަނީ،" ހުސްނީ ވިދާޅުވި އެވެ.
އޭނާ ފާހަގަކުރެއްވި ގޮތުގައި މަޖިލީހަށް ޕެޓިޝަން ހުށަހެޅި ދަރިވަރުންގެ ވެސް ކަންބޮޑުވުމަކީ ކޯހުގައި އެ ދރިވަރުން ބައިވެރިވި އިރު ނެތް އުސޫލަކަށް ކޯހުގެ މެދުތެރެއިން އަމަލުކުރަން ޖެހުމެެވެ. އިމްތިހާނުތައް ހަދަން މާލެއަށް ދަތުރުކުރަން ޖެހުމަކީ ގިނަ ދަރިވަރުންނަށް ދަތި ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ދަރިވަރުންގެ ގޮތުގައި އެބަތިބި ވަރަށް ގިނަ ފުލުސް އޮފިސަރުން، ރާއްޖޭގެ އެކިއެކި ކަންކޮޅުތަކުގައި އެކިއެކި ރަށްރަށުގައި ފުލުހުންގެ މަރުކަޒުތަކުގައި މަސައްކަތްކުރާ ފުލުސް އޮފިސަރުން އެބަތިބި،" ހުސްނީ ވިދާޅުވި އެވެ.
ޕެޓިޝަންގެ ބަހުސްގައި އިދިކޮޅު އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު ، ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހީމް ނާޒިލް ވިދާޅުވީ ކިޔަވައިދޭ މަރުކަޒަކަށް އެއްގޮތަކަށް ވެސް ހާޒިރުވާން ނުޖެހޭ ގޮތަށް ޑިގްރީ ނުހެދޭނެ ކަމަށް މޯލްޑިވްސް ކޮލިފިކޭަޝަން އޮތޯރިޓީ (އެމްކިއުއޭ)ގެ ގަވައިދުަގައި 2022 ވަނަ އަަހަރު ހިމަނާފައިވާ ކަމަށެވެ.
އެހެން އެކަން އޮއްވާ މުޅި ކޯސް އޮންލައިންކޮށް ކުރިއަށް ގެންދާ ގޮތަށް ކޮލެޖަކުން ނިންމާނީ ކިހިނެއްތޯ އޭނާ ސުވާލު އުފެއްދެވި އެވެ.
އެކަމަކު ކޯހުގެ މެދުތެރެއިން ގަވައިދު ބަދަލުވުމަކީ ރަނގަޅު ގޮތް ނޫން ކަމަށް ގަބޫލުކުރައްވާ ކަމަށާއި އެކަމަކު މިހާރު ކިޔަވަމުން އަންނަ ދަރިވަރުން އިސްތިސްނާ ކުރަން ފެނިވަޑައިނުގަންނަވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އޭގެ ބަދަލުގައި އިމްތިހާނުތައް ހަދަން ދަރިވަރުން މަރުކަޒުތަކަށް ހާޒިރުވާން އެހީތެރިވެދެވިދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ހުރާ ދާއިރާގެ މެންބަރު އަނާރާ ނައީމް ވިދާޅުވީ ޕެޓިޝަނުގައި ދަރިވަރުން ފާހަގަކުރާ ކަންބޮޑުވުންތައް އެއީ ހައްލެއް ބޭނުންވާ ކަންބޮޑުވުންތަކެއް ކަމަށެވެ. އެކަމަކު ގާނޫނީ ފަންނު ކުރިއަރުވަން ތައުލީމުގެ ފެންވަރުު މަތިކުރުމަކީ ބާކައުންސިލަށް ގާނޫނުން ލިބިދީފައި އޮތް ބާރެއް ކަން އޭނާ ވެސް ފާހަގަކުރެއްވި އެެވެ.