އޭސީއެއްގައި ރޯވެގެން ހިނގި އަލިފާނުގެ ހާދިސާއެއްގައި ގދ. ފަރެސްމާތޮޑާގެ ގެއަކަށް ބޮޑެތި ގެއްލުންތަކެއް ވެއްޖެ އެވެ.
ފުލުހުން ބުނީ ފަރެސްމާތޮޑާ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގާފައިވާ ކަމުގެ މައުލޫމާތު ލިބުނީ ރޭ ފަތިހު 4:15 ހާއިރު ކަމަށެވެ.
އެ ރިޕޯޓު ލިބުމާ އެކު އެ ސަރަހައްދަށް ފުލުހުން ދިޔަ ކަމަށާއި ފަޔާ އެންޑް ރެސްކިއު ސާވިސް އާއި ރަށުގެ ކައުންސިލް ގުޅިގެން އަލިފާން ނިއްވާލުމުގެ މަސައްކަތްކޮށްފައިވާ ކަމަށް ފުލުހުން ބުންޏެެވެ.
ފުލުހުން ބުނި ގޮތުގައި އެ ހާދިސާގައި އެކަކަށް ކޮންމެވެސް ވަރެއްގެ އަނިޔާތަކެއް ލިބުނު ނަމަވެސް އެެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ނުވެ އެވެ.
ފުލުހުން ބުނީ، ލިބިފައިވާ މައުލޫމާތަށް ބަލާއިރު އެ ހާދިސާ ހިނގަން މެދުވެރިވެފައި ވަނީ ގޭގެ ކޮޓަރިއެއްގައި ހުރި އޭސީއެއްގައި ރޯވެގެން ކަމަށް ބެލެވޭ ކަމަށެވެ.
އާންމުވެފައިވާ ވީޑިއޯގައި ފެންނަ ގޮތުގައި އެތަަނަށް ވަދެފައި ވަނީ ގޭގެ ދޮރު ހަލާކުކޮށްލައިގެންނެވެ. އަދި މުޅި ތަން އެއްކޮށް އަނދާފައި އޮތްއިރު ފާރުތައް ވެސް ހުރީ ދުމުން ކަޅުވެފަ އެވެ.