"އިހުތިރާމު އަދާކުރުމުގެ ގައުމީ މަޝްރޫއު" އަށް ލޯގޯ ފަރުމާކުރުމަށް ހުޅުވާލައިފި އެވެ. 

ދިވެހިންގެ ތެރެއިން ގެއްލެމުންދާ އިހުތިރާމުކުރުމުގެ ރީތި އާދަ އަލުން ދިރިވުމަށް ގައުމީ ބޮޑު ކެމްޕޭނެއް ކުރިއަށް ގެންދަވަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމެވުމާ އެކު ކުރިއަށް ގެންދާ އެ މަޝްރޫއުގެ ލޯގޯ ފަރުމާކުރުމަށް ހުޅުވާލައި، އެ މަޝްރޫއުގައި ބައިވެރިވާ މީޑިއާތަކާ އެކު މިއަދު ވަނީ އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ. 

އެ ހަރަކާތުގައި އިސްކޮށް ހަރަކާތްތެރިވާނީ ކަލްޗާ އެންޑް ހެރިޓޭޖް މިނިސްޓްރީ އާއި ޕަބްލިކް ސާވިސް މީޑިއާ އެވެ. 

ފަސް އަހަރުގެ މުއްދަތަކަށް ކުރިއަށް ގެންދާ އެ މަޝްރޫއުއަށް ކަނޑައަޅާފައިވާ ޝިއާރަކީ "އިހުތިރާމުގެ އުފާ- މުޖުތަމައުގެ ނަފާ" އެވެ. 

އެކަމާ ގުޅޭ ލޯގޯއެއް ފަރުމާކުރުމަށް ހުޅުވާލައި މިނިސްޓްރީން އާންމުކުރި އުސޫލުގައިވާ ގޮތުން، ލޯގޯ ފަރުމާކުރުމުގައި އިސްލާމްދީނާއި ދިވެހި ސަގާފަތުގެ ތެރެއިން ލޯތްބާއި ކުލުނު ރަމްޒުކޮށްދިނުމާ އެކު ގައުމާއި ދިވެހިންގެ މާހައުލާ ގުޅޭ ކުލަތައް ބޭނުންކުރަންޖެހެ އެވެ. 

ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ ކްލަބް ޖަމިއްޔާ ޖަމާއަތްތަކާއި، އުމުރުން 16 އަހަރުން މަތީގެ ކޮންމެ ދިވެއްސަކަށް ވެސް ލޯގޯ ފަރުމާކުރުމުގައި ބައިވެރިވެވޭނެ އެވެ. ލޯގޯ ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ ހަފްތާގެ ބުރާސްފަތި ދުވަހުގެ މެންދުރު 2:00 އެވެ. 

އެއް ވަނައަށް ހޮވޭ ލޯގޯ ފަރުމާކުރާ ފަރާތަކަށް އިނާމެއްގެ ގޮތުގައި 60،000ރ. ލިބޭނެ އެވެ. 

އެ މަޝްރޫއުގެ މީޑިއާ ޕާޓްނަރުންނާ އެކު އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ކަލްޗާ މިނިސްޓަރު ހީނާ ވަލީދު ވިދާޅުވީ އިހުތިރާމު އަދާކުރުމުގެ ގައުމީ މަޝްރޫއު ފެށުމުގެ ކުރިން ހުރިހާ މިނިސްޓްރީތަކާއި ޖަމިއްޔާ ޖަމާއަތްތަކާ ވެސް މަޝްވަރާކޮށް ހިޔާލު ހޯދާފައިވާ ކަމަށެވެ. 

ހީނާ ވިދާޅުވީ ފަސް އަހަރުގެ މުއްދަތަކަށް އެ މަޝްރޫއު ކުރިއަށް ގެންދަން ނިންމިޔަސް، ދާއިމީ ގޮތެއްގައިި މުޖުތަމައުގެ އެންމެނަށް އަމާޒުކޮށްގެން މަޝްރޫއު ކުރިއަށް ގެންދަވަން ޖެހޭ ކަަމަށް ގަބޫލުކުރައްވާ ކަމަށެވެ. އެހެންވެ، އެ މަޝްރޫއުއަކީ ކާމިޔާބު މަޝްރޫއުއަކަށް ހެދުމަށް އެންމެންގެ އެއްބާރުލުމަށް ހީނާ ވަނީ އެދިވަޑައިގެންފަ އެވެ.