ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރާގައި އައްޑޫގައި ފެންބޮޑުވެ، ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެފައިވާތީ ޒަރޫރީ ބޭނުންތަކަށް ނޫން ގޮތަކަށް މަގު ބޭނުން ނުކުރަން ކައުންސިލުން އިލްތިމާސް ކޮށްފި އެވެ.

ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ގެއްލުންތަކެއް ލިބިފައިވާ އިރު، އެންމެ ބޮޑަށް އަސަރުކުރީ އައްޑު އަށެވެ. 

ކައުންސިލުން މިއަދު ހެނދުނު ކުރި އިއުލާނެއްގައި ބުނީ މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަށް ގޮސްފައިވާ ކަމަށެވެ. އެހެންވެ އާއްމުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި މިވަގުތު އެންމެ ރަނގަޅީ އެ މަގު ބޭނުން ނުކުރުން ކަމަށް ކައުންސިލްގެ އިއުލާނުގައި ވެ އެވެ. 

އައްޑޫގައި ފެންބޮޑުވެ، ފެން ހިންދުމުގެ މަސައްކަތް އެމްއެންޑީއެފުން ކުރަނީ-- ފޮޓޯ: އެމްއެންދިއެފް
އައްޑޫގައި ފެންބޮޑުވެ، ފެން ހިންދުމުގެ މަސައްކަތް އެމްއެންޑީއެފުން ކުރަނީ-- ފޮޓޯ: އެމްއެންދިއެފް

އަޑިގުޑަން ހެދިފައިވާ ލިންކް ރޯޑުގެ އިތުރުން އައްޑޫގެ އެހެން މަގުތައް ބޭނުން ކުރުމުގައި ވެސް ސަމާލުވެ ފެންބޮޑުވެފައިވާ ސަރަހައްދުތަކުގައި ސްޕީޑު މަޑުކޮށް ދުއްވަން ކައުންސިލުން ވަނީ އެދިފަ އެވެ.

ވިއްސާރައާ ގުޅިގެން ރަށު ތެރޭގައި ފެންބޮޑުވެފައިވާތީ ފެން ހިންދަން އެކި ސަރަހައްދުތަކުގައި ވަނީ ހޮޅި އަޅައިފަ އެވެ. ދުއްވާއިރު، މިކަމަށް ވެސް ސަމާލުކަން ދޭން ކައުންސިލުން ވަނީ އިލްތިމާސްކޮށްފަ އެވެ.

މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން ކުރަމުންދާ ވިއްސާރާގައި އައްޑޫގެ ގެ ތަކަށް ފެންވަދެ ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފަ އެވެ.

އެންޑީއެމްއޭ އިން އެންމެ ފަހުން ހިއްސާކުރި މައުލޫމާތުގައިވާ ގޮތުން ފޭދޫގެ 70 އަށް ވުރެ ގިނަ ގެއަށް ފެންވަދެ ބޮޑެތި ގެއްލުންތަކެއް ލިބުނެވެ. އޭގެ ތެރެއިން އެއް ގެއެއްގައި ޒަރޫރީ ބޭނުންތައް ނުފުއްދޭ މިންވަރަށް ހާލަތު ގޯސްވުމުގެ ސަބަބުން، އެ ގޭގައި ދިރިއުޅެމުންދިޔަ އަށް މީހުން ވަނީ ވަގުތީ ބޯހިޔާވަހިކަމަށް ބަދަލުކޮށްފަ އެވެ.

އައްޑުއަށް މިދިޔަ ދެ ދުވަހު ކުރި ބޯ ވިއްސާރާގައި ފޭދޫގެ މަގުތަކުގައި ފެންބޮޑުވުމުން ފެން ހިންދުމުގެ މަސައްކަތް އެމްއެންޑީއެފުން ކުރަނީ.-- ފޮޓޯ: ޔޫއެޗްޑީ ޑީއޭ / ފޭސްބުކް
އައްޑުއަށް މިދިޔަ ދެ ދުވަހު ކުރި ބޯ ވިއްސާރާގައި ފޭދޫގެ މަގުތަކުގައި ފެންބޮޑުވުމުން ފެން ހިންދުމުގެ މަސައްކަތް އެމްއެންޑީއެފުން ކުރަނީ.-- ފޮޓޯ: ޔޫއެޗްޑީ ޑީއޭ / ފޭސްބުކް

މެޓުން މިއަދު ވަނީ ބ.އަތޮޅުން ފެށިގެން ލ. އަތޮޅާ ހަމައަށް ވައިޓް އެލާޓް ނެރެފަ އެވެ.

މެޓުން ބުނީ ގަޑިއަކު 19 މޭލާއި 24 މޭލު ދެމެދުގެ ބާރުމިނުގައި ވައިޖެހި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށެވެ.

ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށް ވެސް މެޓުން ވަނީ ބުނެފަ އެވެ.

އަދި ކަނޑުތައް ގަދަވާނެ ކަމަށާއި ރާޅުގެ އުސްމިނުގައި 4-7 ފޫޓް ހުންނާނެ ކަމަށް ވެސް މެޓުން ލަފާކުރެ އެވެ.