އަންނަ މަހުގެ މެދުތެރޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ޕީއެންސީގެ ކޮންގްރެސްގައި ހޮވާ ޕާޓީގެ އެތެރޭގެ މަގާމުތަކަށް ކުރިމަތިލުމަށް އަންނަ މަހުގެ އެއްވަނަ ދުވަހު ހުޅުވާލަން ނިންމައިފި އެވެ.
ޕީއެންސީން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕާޓީގެ ތަރުޖަމާނު މުހައްމަދު ފިރުޒުލް އަބްދުﷲ ހަލީލް ވިދާޅުވީ އެ މަގާމުތަކަށް ކުރިމަތިލުމަށް ހުޅުވާލާނީ އަންނަ މަހުގެ އެކަކުން ފެށިގެން އަށް ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ.
އެ ޕާޓީގެ ކޮންގްރެސް އޮންނާނީ އަންނަ މަހުގެ 15 އިން 18 އަށެވެ.
ފިރުޒުލް ވިދާޅުވީ އެ ކޮންގްރެސްގައި ޕާޓީގެ އަސާސީ ގަވާއިދުގެ ދަށުން ލާޒިމުކުރާ މަތީ މަޖިލީހުގެ މުހިއްމު މަގާމުތަކަށް ބޭފުޅުން އިންތިހާބު ކުރާނެ ކަމަށެވެ.
އޭގެ ތެރޭގައި ޕާޓީގެ ނައިބް ރައީސުންގެ ގޮތުގައި ހަ ބޭފުޅަކު އިންތިހާބު ކުރާއިރު ޕާޓީގެ މެމްބަރުންގެ މަޖިލީހަށް ވެސް މެމްބަރުން އިންތިހާބުކުރާނެ އެވެ. މެމްބަރުންގެ މަޖިލީހަށް ހޮވާނީ 18 މެމްބަރެކެވެ. އަދި މެމްބަރުންގެ މަޖިލީހަށް ޒުވާނުންގެ ގޮތުގައި ހަތް މެމްބަރަކާއި އަންހެނުންގެ ހާއްސަ ގޮނޑިތަކަށް 10 މެމްބަރަކު އިންތިހާބުކުރާނެ އެވެ.
ފިރުޒުލް ވިދާޅުވީ ޕާޓީގެ އަންހެނުންގެ ހަރަކާތުގެ ހަތަރު މަގާމަކަށް ކޮންގްރެސްގެ ތެރެއިން ވޯޓަށް އަހައި މެމްބަރުުން އިންތިހާބު ކުރަން ވެސް ހަމަޖެހިފައިވާ ކަމަށެވެ. އޭގެ ތެރޭގައި އަންހެނުންގެ ހަރަކާތުގެ ރައީސާ އަކާއި ނައިބް ރައީސާ އަދި ސެކްރެޓަރީއަކާއި ހަޒާންދާރެއް އިންތިހާބުކުރެވޭނެ އެވެ. ހަމަ އެގޮތަށް ޒުވާނުންގެ ހަރަކާތަށް ވެސް ހަތަރު ޒުވާނަކު އިންތިހާބުކުރާނެ އެވެ.
އެ މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ މަހުގެ އެއް ވަނަ ދުވަހު ހުޅުވާލަން ނިންމާފައިވާއިރު ފިރުޒުލް ވިދާޅުވީ އެ ފުރުސަތު ހުޅުވާލާނީ ޑިޖިޓަލް ޕޯޓަލެއްގެ ތެރެއިން ކަމަށެވެ.
ފިރުޒުލް ވިދާޅުވީ އެ މަގާމުތަކަށް ކުރިމަތިލުމަށް ހުޅުވާލާއިރު އެކަމަށް ހާއްސަ ކޯލް ސެންޓަރެއް ގާއިމުކުރާނެ ކަމަށެވެ. އެކި ދާއިރާތަކަށް އެކި ނަމްބަރުތައް ހާއްސަކުރާ ގޮތަށް ގާއިމުކުރާ އެ ކޯލް ސެންޓަރު މެދުވެރިކޮށް މައުލޫމާތު ސާފުކުރުމާއި ބޭނުންވާ އެހީތެރިކަން ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ޕީއެންސީން އަންނަ މަހު ބާއްވަން ތައްޔާރުވަމުން އަންނަ އެ ޕާޓީގެ އެތެރޭގެ އިންތިހާބަކީ ލާމަސީލު އަދި ރާއްޖޭގައި މިހާތަނަށް ބާއްވާ އެންމެ ކާމިޔާބު ކޮންގްރެސްއަށް ވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައި ވެ އެވެ.
ޕީއެންސީގެ އިންތިހާބުގެ ކެމްޕެއިނު ފެށިގެން މިހާރު ކުރިއަށްދާއިރު އެންމެ ވާދަވެރި އެއް މަގާމަކީ އެ ޕާޓީގެ ނައިބް ރައީސްގެ މަގާމެވެ.
ޕީއެންސީގެ ކޮންގްރެސްގައި އެ ޕާޓީގެ ނައިބު ރައީސްކަމަށް ވާދަކުރައްވާނެކަން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމާއި ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު އާއި ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު އާއި ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް (މުންދު) އާއި ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދުދާއިރާގެ މެންބަރު އަސްމާ ރަޝީދު އަދި ނިލަންދޫ ދާއިރާގެ މެންބަރު ފާތިމަތު ސައުދާގެ އިތުރުން ލޯކަލް ގަވާމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ސީއީއޯކަމުގައި ހުންނެވި މުހައްމަދު ނިމާލް ވެސް ވަނީ އިއުލާންކުރައްވައިފަ އެވެ.
ޕީއެންސީގެ އަސާސީ ގަވާއިދުގައިވާ ގޮތުން ނައިބު ރައީސުންގެ ގޮތުގައި އިންތިހާބު ކުރަންޖެހެނީ ހަ ބޭފުޅުންނެވެ. އެ ހަ ބޭފުޅުންގެ އިތުރުން ޕީއެންސީ ވެރިކަމުގައި އޮންނަ ދުވަސްވަރެއް ނަމަ އެ ވަގުތު ގައުމުގެ ނައިބު ރައީސް ވެސް އޮޓަމެޓިކުން އެ ޕާޓީގެ ނައިބު ރައީސަކަށް ވާނެ އެވެ. އަދި ޕީއެންސީގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރަކީ ވެސް އެ ޕާޓީގެ ނައިބު ރައީސްގެ ގޮނޑި އަށް އޮޓަމެޓިކުން ހޮވޭ ބޭފުޅެކެވެ.