އިންޖިނިއަރިންގެ އެކި ދާއިރާތަކުން ތަމްރީނުވާ ދިވެހިންގެ އަދަދު އިތުރުކުރަން ޖެހޭ ކަމަށާއި އެކަމަށް އެހީތެރިވާން އިންޖިނިއަރިންގެ އެކިއެކި ދާއިރާތަކުން މީހުން ތަމްރީނުކުރުމަށާއި އެ ދާއިރާއިން ދިރާސާކުރަން ހާއްސަ "ސްޓޭޓް އޮފް ދަ އާޓް އިމާރާތެއް" އަޅަން ނިންމާފައިވާ ކަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
މިއަދު ފާހަގަކުރާ އިންޖިނިއަރުންގެ ދުވަހުގެ މުނާސަބާގައި އާއްމުކުރެއްވި ވީޑިއޯ މެސެޖެއްގައި ރައީސް ވިދާޅުވީ އިންޖިނިއަރުންގެ އެކިއެކި ދާއިރާތަކުން މަތީ ތައުލީމު ހާސިލުކުރާ ދަރިވަރުން އިތުރުކުރަން އެދިވަޑައިގަންނަވާ ކަމަށެވެ. އެކަމަށް ސަރުކާރުން އެކި ކަހަލަ އެހީތެރިކަން ފޯރުކޮށްދޭން ޖެހޭ ކަމަށް ވެސް އެމަނިކުފާނު ވިދާޅުިވި އެވެ.
"މިގޮތުން ކުރިއަށް އޮތް ދުވަސްތަކުގައި އިރާދަކުރެއްވިއްޔާ އިންޖިނިއަރުންގެ އެކިއެކި ދާއިރާތަކުން ތަހުލީލުތައް ކުރެވޭ، އެކި ކަހަލަ ރިސާޗްތައް ކުރެވޭ، ސްޓޭޓް އޮފް ދަ އާޓް، އެންމެ މަތީ ފެންވަރުގެ ލެބޯޓްރީ ފެސިލިޓީއެއް ހިމެނޭ ގޮތަށް އިމާރާތެއް އެޅުމަށް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ގަސްދުކުރަން،" ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި އެ އިމާރާތް އަޅާނީ އިންޖިނިއަރުންގެ ދާއިރާތަކުން ކުރިއަށްދާން ބޭނުންވާ ހުރިހާ ދަރިވަރުންނަށާއި ރާއްޖޭން ބޭރުން އަންނަ ދަރިވަރުންނަށް ވެސް އެކިއެކި ތަހުލީލުތައް ކޮށް، އެކްސްޕެރިމެންޓްތައް ހެދޭނެ ފެސިލިޓީތަކާ އެކުގަ އެވެ.
އެ އިމާރާތުގައި ކިޔަވައިދޭނެ ދާއިރާތަކަކީ ރައީސް ވިދާޅުވި ގޮތުގައި ސިވިލް އިންޖިނިއަރިން އާއި މެނޭކިަލް އިންޖިނިއަރިން އާއި އެއާކްރާފްޓް އެންޑް އެރޮނޯޓިކަލް އިންޖިނިއަރިން އާއި ރޮބޮޓިކް އިންޖިނިއަރިން، އޭއައި އަދި ޑިޖިޓަލް އިންޖިނިއަރިން ފަދަ އިންޖިނިއަރުންގެ އެކިއެކި ދާއިރާތަކުންނެވެ.
"މިކަމަށްޓަކައި ބޭނުންވާ ފަންނީ މަސައްކަތްތަކާ މިކަމަށްޓަކައި ބޭނުންވާ އިންވެސްޓްމެންޓްގެ މަސައްކަތް ސަރުކާރުން ކުރިއަށް ގެންދާނަން. މިކަން ކުރާނީ ސަރުކާރުގެ ބަޖެޓަށް ބުރަ ނުވާ ގޮތަށް، ދެމެހެއްޓެނިވި ގޮތަކަށް،" ރައީސް ވިދާޅުވި އެވެ.
އެއީ އިންޖިނިއަރިންގެ އެކިއެކި ދާއިރާތަކުން ކިޔަވަން ބޭނުންވާ ކުދިން އިތުރުވެ، އެ ދާއިރާއިން ރާއްޖެ ވަރަށް މަތީ ފެންވަރަކަށް ގެންގޮސްދޭނެ ކަމަކަށް ވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް މުއިއްޒަކީ ސިވިލް އިންޖިނިއަރިންގެ ދާއިރާއިން މަތީ ތައުލީމު ހާސިލުކުރައްވައިގެން ހުންނެވި ބޭފުޅެކެވެ. އިންޖިނިއަރިން ދުވަހުގެ ގޮތުގައި ދުވަހެއް ފާހަގަކުރަން އެމަނިކުފާނު ނިންމެވީ މިދިޔަ އަހަރު އެވެ. އެ ނިންމެވުމާ އެއްގޮތަށް ފާހަގަކުރާ ފުރަތަމަ އިންޖިނޭރިން ދުވަހަކީ މިއަދެވެ.