އަންހެނަކަށް ވެގެން ހިންގި ފޭސްބުކް އައިޑީއަކުން، އެކި މީހުންނާ ގާތްގުޅުން އުފައްދައި އޮޅުވާލައިގެން ހަތް ލައްކައަށް ވުރެ ގިނަ ރުފިޔާ ހޯދި ފިރިހެނަކު ޖަލަށްލައި ޖޫރިމަނާ ކޮށްފި އެވެ.

ޝާނާ ހުސެއިން ނަމަކަށް ޖަހައިގެން ހިންގި އައިޑީން، ގިނަ ބަޔަކަށް ލަނޑުދީ ފައިސާ އަތުލި މައްސަލާގައި ކްރިމިނަލް ކޯޓުން ޖަލަށް ހުކުމްކުރީ ކ. ކާށިދޫ، ސިލިކޯން، އިސްމާއިލް ޒަބީހެވެ.

ދެ އަހަރާއި ހަ މަސްދުވަހަށް ޖަލަށް ލުމާއެކު 100،000ރ. އިން އޭނާ ވަނީ ޖޫރިމަނާކޮށްފަ އެވެ.

ދައުވާގައި ބުނާ ގޮތުން އެ އައިޑީން އެކި މީހުންނާ ވާހަކަ ދައްކައި ތިން އަހަރު ތެރޭގައި ވަނީ 710،550ރ. ހޯދައިފަ އެވެ. އެއީ ޖެނުއަރީ 2، 2022 އިން ފެށިގެން އޮގަސްޓް 20، 2024ގެ ނިޔަލަށް އެ އެކައުންޓުން ހޯދާފައިވާ ފައިސާ އެވެ.

ޕީޖީ އޮފީހުން އެދުނީ އެއީ ކުށް ކޮށްގެން ހޯދާފައިވާ ފައިސާކަން އެނގި ހުރެ، އެ ފައިސާ އޭނާގެ އަމިއްލަ އެކައުންޓަށް ޖަމާކޮށް، އެ އެކައުންޓުގައި ބަހައްޓައިގެން ބޭނުންކޮށްފައިވާތީ އެ ހޯދި ހުރިހާ ފައިސާއެއް ދައުލަތަށް ނަގައިދިނުމަށެވެ.

އެ ދައުވާތައް ކޯޓުގައި ކުރިއަށް ދަނިކޮށް އިސްމާއިލް ޒަބީހު ވަނީ ދައުލަތާއެކު އިއުތިރާފުގެ އެއްބަސްވުމެއް ހަދައިފަ އެވެ.

ކޯޓުގައި އޭނާ ބުނެފައި ވަނީ ކުށަށް އިއުތިރާފުވީ އެއްވެސް މަޖުބޫރު ކަމެއް ނެތި ކަމަށެވެ. އެ އެއްބަސްވުމުގައި ގާނޫނީ ގޮތުން ފުރިހަމަ ވާން ޖެހޭ ޝަރުތުތައް ފުރިހަމަވާތީ އެ އެއްބަސްވުން ބަލައިގަތުމަށް ޝަރީއަތުން ވަނީ ނިންމައިފަ އެވެ.

އޭނަގެ މައްޗަށް ދައުވާ ކުރި ދުވަސް، ޖުލައި 5، 2026އިން ފެށިގެން އަހަރު ދުވަހުގެ ތެރޭ އެ ފައިސާ އެމްއެމްއޭއަށް ދެއްކުމަށް ވަނީ އަންގައިފަ އެވެ. ޒަބީހު ބަންދުގައި ހުރި މުއްދަތު ހުކުމުގެ މުއްދަތުން އުނިކުރުމުން ބަންދުގައި ހުންނަން ޖެހެނީ ހަތް މަހާއި 15 ދުވަހެވެ.