ވިނަރެސް ފްލެޓުތައް ކައިރީގައި ހިނގި އެކްސިޑެންޓުގައި އަނިޔާވި ކުޑަ ކުއްޖާގެ ހާލު ވަރަށް ސީރިއަސް ކަމަށް، އައިޖީއެމްއެޗުން މިއަދު ބުނެފި އެވެ.
ހުޅުމާލެ 2 ގައި ރޭ 9:00 ހާއިރު ހިނގި އެކްސިޑެންޓުގައި އަނިޔާވި ނުވަ އަހަރުގެ އަންހެން ކުއްޖާ އެންމެ ފުރަތަމަ ގެންދިޔައީ ހުޅުމާލެ ހޮސްޕިޓަލަށެވެ. އެކަމަކު އިތުރު ފަރުވާއަށް ރޭ ވަނީ އައިޖީއެމްއެޗަށް ބަދަލުކޮށްފަ އެވެ.
އެ ހޮސްޕިޓަލްގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އައިސީޔޫގެ ވެންޓިލޭޓަރުގައި އެ ކުއްޖާއަށް ފަރުވާ ދެމުން އަންނަ ކަމަށެވެ.
"ކުއްޖާގެ ހާލު ވަރަށް ސީރިއަސް،" އޮފިޝަލް ވިދާޅުވި އެވެ.
ފުލުހުން ބުނި ގޮތުގައި އެ ސަރަހައްދުގެ ސީސީޓީވީ ފުޓޭޖްތައް ދައްކާ ގޮތުން، އެ އެކްސިޑެންޓް ހިނގީ ހިތިގަސްމަގުން ދުއްވާފައި ދިޔަ ސައިކަލަކުން، ވިނަރެސް 7 ކައިރީގައި މަޑުކޮށްފައި އޮތް ކާރަކަށް އެރުމަށް މަގާވީ ފަޅިން ހިނގާފައި ދިޔަ މީހެއްގެ ގައިގައި ޖެހިގެންނެވެ.
އެކްސިޑެންޓުވި ސައިކަލު ދުއްވަން އިނީ 18 އަހަރުގެ އަންހެނެކެވެ. އެއީ، ހާލު ސީރިއަސްވި ކުއްޖާގެ ބޮޑުދައިތަ އެވެ. އޭނާއަށް ވެސް އެކި ވަރުގެ އަނިޔާ ލިބިގެން ހޮސްޕިޓަލުގައި އަންނަނީ ފަރުވާދެމުންނެވެ.