ރައީސް ޑރ. މުހައްމަދު މުއިއްޒު، ހައުސިން މިނިސްޓަރަކަށް ހުންނަވައި ނިންމެވި ރާއްޖޭގެ އުމްރާނީ ތަރައްގީގެ އެންމެ ވަރުގަދަ ބިނާ ކަމަށްވާ ސިނަމާލެ ބްރިޖް ހުޅުވިތާ އަށް އަހަރު ފުރޭއިރު ދެ ގައުމުގައި އޮތް ގުޅުމަށް ވުރެ ހަރުދަނާ ގުޅުމެއް ޗައިނާއާ އެކު ބިނާކުރުމުގައި ދެމިތިބޭނެ ކަމަށް އެމަނިކުފާނު މިއަދު ވިދާޅުވެއްޖެ އެވެ.
އޮގަސްޓް 30، 2018 ގައި ބޭނުންކުރަން ފެށި މި ބްރިޖަކީ މާލެ ސަރަހައްދުގައި ދިރިއުޅެމުން އަންނަ މީހުންގެ ދިރިއުޅުން ބަދަލުކޮށްލައި، ދަތުރުފަތުރަށް ވަރަށް ބޮޑު ލުޔެއް ގެނެސްދިން ބްރިޖެކެވެ. ކޮންމެ ދުވަހަކު އެތައް ސަތޭކަ ބަޔަކު، 1.4 ކިލޯމީޓަރުގެ މި ބްރިޖު ހުރަސްކޮށް، މާލެ އާއި ހުޅުލެ އަދި ހުޅުމާލެއާ ދެމެދުގައި މިހާރު ދަތުރުކުރެ އެވެ.
ބްރިޖު ބޭނުންކުރަން ފެށިތާ އަށް އަހަރު ފުރުމާ ގުޅިގެން ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މާލެ އާއި އެއާޕޯޓާއި ހުޅުމާލޭ ގުޅުވައިދޭ މި ބްރިޖަކީ ދެ ގައުމުގެ ދެމެދުގައި އޮތް އެކުވެރިކަމުގެ ވަރުގަދަ ރަމްޒެއް ކަަމަށެވެ.
ރައީސް ވިދާޅުވި ގޮތުގައި އުމްރާނީ ތަރައްގީގެ މަޝްރޫއުއަކަށް ވުރެ ބޮޑަށް އެ ބްރިޖުން ދައްކުވައިދެނީ ރާއްޖެ އާއި ޗައިނާގެ އިތުބާރާއި އެއްބައިވަންތަކަމާއި ދެ ގައުމުގެ އުއްމީދީ ތަސައްވުރެވެ.
އެމަނިކުފާނު ވިދާޅުވީ ޗައިނާގެ ރައީސް ޝީޖިންޕިންގެ ލީޑަޝިޕްގެ ދަށުން ރާއްޖެއާ އެކު އޮންނަ ގުޅުން ބަދަހިވެ، އާ ފުރުސަތުތަކެއް ފަހިވެގެން ދިޔަ ކަމަށެވެ. އަދި މި މަޝްރޫއުއަށް 8 އަހަރު ފުރުމާ ދިމާކޮށް ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރަން މަސައްކަތްކުރައްވާނެ ކަމަށް ރައީސް ވިދާޅުވެ އެވެ.
ރައީސް މުއިއްޒުގެ ބެއްލެވުމުގެ ދަށުން ނިންމެވި މި ބްރިޖު ބޭނުންކުރަން ފެށިތާ އަށް އަހަރު ފުރުން ފާހަގަކުރައްވަން މިއަދު ހެނދުނު އެމަނިކުފާނު ވަނީ ސިނަމާލޭ ބްރިޖު ސަރަހައްދަށް ވަޑައިގެންފަ އެވެ. އެމަނިކުފާނާ އެކު ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބާއި ޗައިނާ އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކޮންގް ޝިއަންހުއާ ވެސް ބައިވެރިވެވަޑައިގަތެވެ.
އެ ބްރިޖަކީ ޗައިނާ ސަރުކާރުގެ ބޮޑު އެހީއެއް ލިބިގެން ރާއްޖޭގައި ހިންގި އެ ފެންވަރުގެ އެންމެ ބިޔަ މަޝްރޫއު އެވެ. ގާތްގަނޑަކަށް 200 މިލިއަން ޑޮލަރު އެ ބްރިޖަށް ހަރަދުވި އެވެ. އޭގެ ތެރެއިން 116 މިލިއަން ޑޮލަރަކީ ޗައިނާގެ ހިލޭ އެހީ އެވެ. ލޯނެއްގެ ގޮތުގައި 72 މިލިއަން ޑޮލަރު ދިން އިރު، ދިވެހި ސަރުކާރުން އެ މަޝްރޫއަށް 12 މިލިއަން ޑޮލަރު ހަރަދުކޮށްފައިވެ އެވެ.
އެ ބްރިޖު ބޭނުންކުރަން ފެށީއްސުރެ މިއަދާ ހަމައަށް ވެސް އެތަނުގެ މެއިންޓެނަންސްގެ ކަންކަން ބަލަހައްޓަނީ ބްރިޖުގެ މަސައްކަތްކުރި ޗައިނާގެ ސީސީސީސީ ކުންފުނިންނެވެ. އެ ކުންފުނިން އެ މަސައްކަތް ކޮށްދެނީ ހިލެ އެވެ.