މީޑިއާތަކުން ޚަބަރު ފެތުރުމުގައި އިންސާނީ ކަރާމާތާއި މުޖުތަމައުގެ މަސްލަހަތަށް އިސްކަންދޭން މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުން އިއްޔެ އަންގައިފި އެވެ.
މީޑިއާ ކޮމިޝަނުން ނެރުނު ނޫސްބަޔާނެއްގައި ބުނީ މުޖުތަމައުގައި ހިނގާ އެކި ހާދިސާތަކާއި މައްސަލަތަކުގެ މައުލޫމާތު މީޑިއާ އިން އާންމުންނާ ހަމައަށް ފޯރުކޮށްދޭއިރު، އަދި ވަކިން ހާއްސަކޮށް ކުޑަކުދިންނާއި މައިންބަފައިންނާއި ނާޒުކު ހާލަތްތަކުގައިވާ މީހުންނާ ގުޅޭ މައްސަލަތައް ރިޕޯޓްކުރާއިރު ހާއްސަ ސަމާލުކަމެއް ދިނުމަށް އިލްތިމާސްކުރާ ކަމަށެވެ.
އެއްވެސް މީހެއްގެ އަބުރާއި ކަރާމާތަށް އުނިކަން ނާންނާނެ ގޮތަށް ކޮންޓެންޓް އާންމުކުރުމަށާއި، ހާއްސަކޮށް ކުޑަކުދިންނާއި ނާޒުކު ހާލަތްތަކުގައިވާ މީހުންގެ ވަނަވަރު ނުވަތަ އެމީހުން ދެނެގަނެވޭނެ ކަހަލަ މައުލޫމާތެއް ހާމަކުރަންވާނީ ގާނޫނުއަސާސީ އާއި ގާނޫނުތަކުގެ އިތުރުން ރަސްމީ އިދާރާތަކުން ހިއްސާކުރާ މައުލޫމާތުގެ މައްޗަށް ބިނާކޮށް ކަމަށް އެ ކޮމިޝަނުން ބުންޏެވެ.
މީޑިއާ ކޮމިޝަނުން ބުނީ އާއިލީ މައްސަލަތަކާއި ނަފުސާނީ ދުޅަހެޔޮކަމާ ގުޅޭ ކަންކަމަކީ ނާޒުކު ކަންކަމަށް ވާތީ، އެ ކަހަލަ މައްސަލަތައް ރިޕޯޓްކުރުމުގައި އެއްވެސް ބަޔަކަށް އިތުރު ނަފުސާނީ ނުވަތަ އިޖުތިމާއީ ގެއްލުމެއް ނުލިބޭނެ ގޮތަކަށް އަމަލުތައް ބައްޓަންކުރުން މުހިންމު ކަމަށެވެ.
ނާޒުކު ހާލަތްތަކުގައިވާ މީހުންގެ މައްސަލަތަށް ސޯޝަލް މީޑިއާގައި "ޝަރީއަތް"ކުރުމުގެ ބަދަލުގައި، ގާނޫނީ އުސޫލުތަކުގެ ތެރެއިން ކަމާ ބެހޭ ފަރާތްތަކާއި އިދާރާތަކުން ހާމަކުރާ ކަމާ ގުޅުންހުރި ސައްހަ މައުލޫމާތު ހިއްސާކުރުމަކީ އެންމެ މަސްލަހަތު ހުރިގޮތް ކަމަށް ދެކޭ ކަމަށް ވެސް މީޑިއާ ކޮމިޝަނުގެ ބަޔާނުގައިވެ އެވެ.
މީޑިއާ ކޮމިޝަނުން ބުނީ މީޑިއާގައި މަސައްކަތްކުރާ ހުރިހާ އެންމެން ކަނޑައެޅިފައިވާ ގާނޫނުތަކާއި ގަވާއިދުތަކުގެ އިތުރުން ސުލޫކީ މިންގަނޑަށް ފުރިހަމައަށް ތަބާވެ، ޒިންމާދާރު ކަމާ އެކު މަސައްކަތް ކުރުމަށް ހަނދާންކޮށްދޭ ކަމަށެވެ.
މީޑިއާ ކޮމިޝަނުން މި ބަޔާން ނެރުނީ އުފަންވުމާއެކު ކުއްޖަކު ދައުލަތުގެ ބެލުމުގެ ދަށަށް ގެންދިޔުމުގައި އަމަލުކޮށްފައިވާ ގޮތާ ގުޅޭ ގޮތުން އާންމުންގެ މެދުގައި ބޮޑު ބަހުސެއް އުފެދިފައިވާ ދަނޑިވަޅެއްގަ އެވެ.
އެ ކުއްޖާ ދައުލަތުގެ ބެލުމުގެ ދަށަށް ގެންދިއުމުން ސޯޝަލް މީޑިއާގައި އެކަމާ ސުވާލު އުފައްދައި، ކަންބޮޑުވުން ފާޅުކުރީ ކުއްޖާގެ މަންމަ އެވެ. އުމުރުން 25 އަހަރުގެ މަންމަ ބުނެފައި ވަނީ އޭނާގެ ނަފްސާނީ މައްސަލައެއް ހުންނާތީ އާއި އަތުގެ ނުކުޅެދުންތެރިކަމެއް ހުރުން ސަބަބަކަށް ދައްކާފައި، ދަރިފުޅު ދައުލަތުގެ ބެލުމުގެ ދަށަށް ގެންދިޔައީ ކަމަށެވެ. އަދި ކުއްޖާ ގެންދިޔައީ ވިހޭތާ ތިން ވަނައަށްވީ ދުވަހު އޭނާގެ ނުރުހުމުގައި ކަމަށް ވެސް ބުނެފައިވެ އެވެ.
އެ މައްސަލާގައި ސިއްހަތާއި އާއިލާ އާއި އިޖުތިމާއީ އެހީއާ ބެހޭ މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނީ އުފަންވުމާ އެކު ދައުލަތުގެ ބެލުމުގެ ދަށަށް ގެންދިޔަ ކުއްޖާއާ މެދު އަމަލުކޮށްފައި ވާނީ ގާނޫނާ އެއްގޮަށް ކަމަށާއި ކުއްޖަކު ދައުލަތުގެ ބެލުމުގެ ދަށަށް ގެންދަނީ އާއިލާއިން އެ ކުއްޖަކަށް ރައްކާތެރިކަން ކަށަވަރުނުވާނެ ހާލަތުގައި އެކަނި ކަމަށެވެ.
މި މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) އިން ވެސް މިހާރު އަންނަނީ ބަލަމުންނެވެ.